ޖިއްދާއިން މާލެއަށް

ޖިއްދާއިން މާލެއަށް: އިސްލާމީ ޝަރީޢަތުގައި ދަރި ނަފީކުރުން

އިސްލާމްދީނުގައި އިންސާނީ ދަރިފަސްކޮޅުވަނީ މަތިވެރިކުރައްވާފަ އެވެ. އިސްލާމީ ޝަރީޢަތުގައި އިންސާނާގެ ނަސަބަށް ޚާއްޞަ މަޤާމެއް ދެއްވާފައި ވެއެވެ. އިސްލާމީ އުންމަތުގައި ޚާއްޞަ ވެގެންވާ އެންމެ މުހިންމު އެއްކަމަކީ ނަސަބެވެ. ކޮންމެ މީހަކަށް ވެސް އޭނާއަކީ ކާކުގެ ކާކުކަން ބުނެދެވެއެވެ. ނަސަބު ނުވަތަ ޢިރްޟު(އަބުރު) ޙިމާޔަތްކުރުމަކީ އިސްލާމީ ޝަރީޢަތުގެ އެންމެ މަތިވެރި ފަސް މަޤުޞަދުގެ ތެރޭގައި ހިމެނޭ ކަމެކެވެ.

ނަސަބުގެ މަތިވެރިކަން

ޝަރުޢީ ގޮތުން ބަލާއިރު، ނަސަބުގެ މަފްހޫމަކީ ޙާލަތުގެ ނިޔާ ކުރާ ގޮތުން ދެ މީހެއްގެ ދެމެދަށް އިތުރުވެގެންދާ ޙުކުމެކެވެ. އެއިގެ މާނައަކީ، ޝަރުޢީ ކައިވެނީގެ ގޮތުން ގުޅިފައިވާ ގުޅުމަކުން، އުފަންވާ ދަރީގެ ނިސްބަތް އެކުއްޖާގެ ބައްޕަ އަށް ނިސްބަތްވުމެވެ. މިއީ އިސްލާމްދީނުގައި މަތިވެރި ކުރައްވާފައިވާ ކަމެކެވެ. އަލްއަޙްޒާބު ސޫރަތުގެ (6 ) ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. (ادْعُوهُمْ لِآبَائِهِمْ هُوَ أَقْسَطُ عِندَ اللَّهِ ۚ فَإِن لَّمْ تَعْلَمُوا آبَاءَهُمْ فَإِخْوَانُكُمْ فِي الدِّينِ وَمَوَالِيكُمْ ۚ وَلَيْسَ عَلَيْكُمْ جُنَاحٌ فِيمَا أَخْطَأْتُم بِهِ وَلَٰكِن مَّا تَعَمَّدَتْ قُلُوبُكُمْ ۚ وَكَانَ اللَّهُ غَفُورًا رَّحِيمًا) މާނައީ "އެ ދަރިން އެއުރެންގެ ބަފައިންނަށް ނިސްބަތް ކުރާށެވެ! އެގޮތް اللَّه ގެ حضرة ގައި عدل ވެރިކަން ބޮޑެވެ. އެ ދަރިންގެ ބަފައިން ތިޔަބައިމީހުންނަށް ނޭނގޭނަމަ، ފަހެ، އެއީ دين ގެ ފަރާތުން ތިޔަބައިމީހުންގެ أخ ންނެވެ. އަދި ތިޔަބައިމީހުންގެ އެހީތެރިންނެވެ. އަދި ތިޔަބައިމީހުންނަށް ނޭނގިގެން (ކުށުން) ކުރެވުނު ކަމެއްގެ ފާފައެއް ތިޔަބައިމީހުންގެ މައްޗަކަށް ނެތެވެ. އެހެނެއްކަމަކު، ފާފަވެރިކަން އޮންނާނީ ތިޔަބައިމީހުންގެ ހިތްތައް قصد ކުޅަ ކަމަކާ މެދުގައެވެ. އަދި ގިނަގިނައިން ފާފަފުއްސަވާ، رحيم ވަންތަ ކަލަކު ކަމުގައި اللَّه ވޮޑިގެން ވެއެވެ."

އަދި ކީރިތި ރަސޫލާ ޙަދީސް ކުރައްވާފައި ވެއެވެ. "އެއީ ބައްޕަ ނޫންކަން އެނގި ހުރެ، އެމީހާއަކީ ބައްޕަކަމުގައި ޤަބޫލު ކޮށްފި މީހާއަށް ސުވަރުގެ ޙަރާމް ވެގެންވެ އެވެ." (އަލްބުޚާރީ، 6766)، އަދި ވެސް އިތުރު އެކަލޭގެފާނު ޙަދީސް ކުރައްވާފައި ވެއެވެ. "ތިޔަބައި މީހުންގެ ބަފައިންނަށް ނިސްބަތްވުމުން ތިޔަބައި މީހުން އެއްކިބާވެ ނުގަންނާށެވެ." އެބަހީ ބައްޕަ ނޫން މީހަކަށް ނަސަބު ނިސްބަތް ނުކުރާށެވެ) ފަހެ، ބައްޕައިންގެ ކިބައިން އެއްކިބާވެގެންފި މީހާ އިސްލާމްދީނުން ބޭރުވެއްޖެއެވެ." (އަލްއަޞްފަހާނީ، 216).

މިކަންކަން މި ގޮތައް ކަނޑައެޅިގެން ދިޔައީ އިހުޒަމާނުގައި މުޖުތަމަޢުތަކުގައި އިސްލާމްދީން ބާވާލެއްވުމުގެ ކުރީން ހުރި ޢާދަތައް ނައްތައިލުމުގެ ގޮތުންނެވެ. އަޅުން މިނިވަން ކުރުމަށް ފަހު، އޭނާގެ ބައްޕައަކީ ސާހިބު މީހާ ކަމުގައި ކަނޑައެޅުމާއި (ތަބައްނީ ކުރުން) އެއީ އެއިރުގައި އޮތް ކަމެކެވެ.

އަދި އެއް އަންހެނަކު ގިނަ ފިރިހެނުންނާއެކު ކައިވެނިކޮށް ލިބޭ ދަރި އެއްގެ ބައްޕައަކީ އެއްމެން އެއްތާކަށް އެއްކޮށް، އެއިގެ ތެރެއިން އަންހެންމީހާ ކަނޑައަޅާ މީހަކު ކަމުގައި ހެދުމާއި މިފަދަ އެތައް ޖާހިލީ ނުބައި އާދަތައް އޮތެވެ. މި އާދަތައް ފިލުވައި ފިޠުރަތުގެ ޠާހިރު އުޞޫލުތަކުގެ ތެރެއަށް އިންސާނުން ގެނައުމަށްޓަކައި މާތް ﷲ ޝަރީޢަތް ބާވާލެއްވިއެވެ. އިސްލާމީ ޝަރީޢަތުގައި އަންގަވާފައިވާ ގޮތުން އެއްވެސް އިންސާނަކު އޭނާގެ ބައްޕަ ނޫން މީހަކަށް ނިސްބަތް ކުރެވިގެން ނުވާނެ އެވެ. އޭނާގެ ދަރިއެއް ނޫންކަން ކަށަވަރުވާ ޙާލަތުގައި، ނުވަތަ ޝައްކު ވެއްޖެ ޙާލެއްގައި އެކަމުގައި ޢަމަލު ކުރަންވީ ގޮތް އިސްލާމީ ޝަރީޢަތުގައި ބަޔާންވެގެން ވެއެވެ. މިވެނި މީހަކީ ކުއްޖާގެ ބައްޕަ ނޫންކަން ކަށަވަރުވާއިރު އެކުއްޖަކު އޭނާއަށް ނިސްބަތް ކުރުމަކީ މަނާ ކުރައްވާފައިވާ ކަމެކެވެ.

ނަމަވެސް މިތަނުގައި ބަޔާންކުރުން ޙައްޤު އެހެން ނުކުތާއެއް އެބައޮތެވެ. އެއީ މިޒަމާނުގައި ދަރިން އެޑޮޕްޓު ކުރުމުގެ މައްސަލަ އެވެ. ކުއްޖާގެ ނަސަބު ބައްޕަ ނޫން މީހަކަށް ނިސްބަތް ކުރުމެއް ނެތި އެޑޮޕްޓް ކުރުމަކީ އިސްލާމީ ނަޒަރުން ބަލާއިރު ހުއްދަ ކަމެކެވެ. މިސާލަކަށް ދަރީން ނުލިބޭ މީހެއް އެހެން މީހެއްގެ ދަރިއެއް ބަލައި ބޮޑު ކުރުމާއި، ޔަތީމް ކުދިން ބަލައި ބޮޑު ކުރުމާއި ރެފިއުޖީ ކުދިން ބަލައި ބޮޑު ކުރުމާއި ފަޤީރުންގެ ދަރިންނަށް އަޅައިލައި، ނުވަތަ ދަރީން ގިނަ މީހެއްގެ އަތުން ކުދިން ގެނެސްގެން ބަލައި ބޮޑު ކުރުމާއި ޖަލުގައި ދިގު މުއްދަތަކަށް ހޭދަ ކުރަންޖެހިފައިވާ ބައެއްގެ ދަރިން ބެލުމާއި މިކަންކަމަކީ މަނާ ކަމެއް ނޫނެވެ. އަދި ކިއެއް އެއީ ނުހަނު ސަވާބު ލިބޭނޭ އިޖުތިމާޢީ ކަންކަމެވެ.

ކިތައްމެ ލޯބި ވިޔަސް އަމިއްލަ ދަރީން ގޮތައް އެކުދިންނާ މެދު ދުއްޓަސް ތިމާއަށް އެކުދިންގެ ނަސަބު ނިސްބަތް ނުކުރެވޭނެ އެވެ. އެކުދިންގެ ނަސަބު ނިސްބަތް ކުރަން ވާނީ އެކުދިންގެ އަޞްލު ބައްޕައިންނަށެވެ. ބައްޕަ ނެނގޭ ކުއްޖެއް ނަމަ އެއީ އަޚުންނެވެ. އެކުދިންނަށް ނިކަމެތި ހިތް ދަތިވާ އެއްވެސް ކަމެއް އަދި ތަފާތު ކުރުމެއް އޮވެގެން ނުވާނެއެވެ. ފުރިހަމަ ލޯތްބާއި އިޙުތިރާމާއި ޤަދަރު އެކުދިންނަށް ދެވެންވާނެ އެވެ.

ދަރި ނަފީކުރުން (ލިޢާން)

ދަރި ނަފީ ކުރުމަކީ ވަރަށް ބޮޑު ކަމެކެވެ. އިސްލާމީ ޝަރީޢަތުގައި ދަރި ނަފީ ކުރުމަށް ލިޢާން ކުރުން ފިޔަވައި އެހެން ގޮތެއް ކަނޑައަޅުއްވާފައި ނެތެވެ. އިސްލާމީ ޝަރީޢަތުގައި ލިޢާން ކުރާނެ ގޮތް ޤަޠުޢީ ގޮތުން ބަޔާން ކުރައްވާފައި ވެއެވެ. ދެމަފިރިންގެ މެދުގައި ދަރީގެ ނަސަބާ މެދު ޚިލާފު އުފެދި، އެއީ ފިރިމީހާގެ ދަރިއެއްކަމާ މެދު ފިރިމީހާއަށް ޝައްކުވެއްޖެ ހިނދެއްގައި ދިއުން އޮތީ ލިޢާން ކުރުމަށެވެ. ލިޢާން ކުރުން ނޫން އެހެން ގޮތެއް ޚިޔާރު ކުރެވޭނެ ގޮތެއް އޮތް ކަމަށް އިސްލާމީ ޝަރީޢަތުގެ ޙުކުމަކުން ފެންނާކަން ނެތެވެ.

އުފެދޭ ސުވާލަކީ މިޒަމާނުގައި ޑީއެންއޭގެ ހޯދުންތަކުން ދަރީގެ ނަސަބު ޢިލްމީ ގޮތުން ސާބިތުވާން އޮއްވާ، ލިޢާން ކުރުމުގައި އެ ޤަރީނާގެ ބޭނުން ކުރެވިދާނެބާވަ އެވެ؟ މިއީ ވަރަށް މުހިންމު ސުވާލެކެވެ. މި ސުވާލުގެ ޖަވާބަށް ދިއުމުގެ ކުރިން ލިޢާން ކުރުމަކީ ކޮބައިކަން ބަޔާން ކުރަން ޤަސްތު ކުރަމެވެ. ދެން އަންނަ މަޒްމޫނެއްގައި ލިޢާން ކުރުމުގައި ޑީއެންއޭގެ ދައުރުގެ މައްޗަށް ލިޔުމަށް ޤަސްތު ކުރަމެވެ.

ލިޢާންގެ މަފްހޫމް

ލޮޣަވީ ގޮތުން ލިޢާނަކީ ލާޢިންގެ މަޞްދަރެވެ. އެއީ ނުރުހުމާއެކު ދުރު ކުރުމެވެ. (ﷲގެ ރަޙުމަތުން ދުރު ކުރުމެވެ.) އިމާމު އިބުނު ޙަޖަރު ވިދާޅުވެފައި ވެއެވެ. ލިޢާން މި ލަފުޒު ނެގިފައިވަނީ (އައްލަޢުނު) މި ލަފްޒުންނެވެ. އެއީ ލިޢާން ކުރާއިރު، ލިޢާން ކުރަމުން ބުނެވެނީ ތިމަންނާ ދޮގު ހަދާ ނަމަ ތިމަންގެ މައްޗަށް ﷲ ގެ ލަޢުނަތް ހުއްޓެވެ. (އިބުނު ޙަޖަރު، 2004، 9، 7092).

ލިޢާންގެ ފިޤުހީ މަފްހޫމްގައި ޙަނަފީ މަޒްހަބުގެ ޢިލްމުވެރިން ވިދާޅުވެފައިވަނީ ލިޢާންއަކީ ލަޢުނަތާއި ކޯފާގެ ބަހާއެކު ކަށަވަރު ވެގެން އަންނަ ހެކިން ފަދަ ހުވާތަކެކެވެ. ( އަލްކާސާނީ، 2002،3،384 ).

މާލިކީ މަޒްހަބުގެ ޢިލްމުވެރިންގެ ނަޒަރުގައި ލިޢާން ކުރުމަކީ އަނބިމީހާ ޒިނޭ ކޮށްފި ކަމަށް ބުނެ ނުވަތަ އޭނާ ބަލިވެ އިނދެފައި ވަނީ ތިމަންގެ ދަރިއަކަށް ނޫން ކަމަށް ބުނެ ހުވާ ކުރުމެވެ. އަދި ފިރިމީހާ އެ ހަދަނީ ދޮގެއް ކަމުގައި ބުނެ، ޒިނޭގެ ޙައްދުން އެއްކިބާވުމަށް އޭނާގެ ދިފާޢުގައި ކުރާ ހުވާ ކުރުމެވެ. (އަލްމަޣުރިބީ، 1995، 5، 456).

ޝާފިޢީ މަޒްހަބުގެ ޢިލްމުވެރިންގެ ރައުޔުގައި، ލިޢާންއަކީ އަނބިފިރިކަމުގެ ތައްމަތި ހަޑިކޮށްފައިވާކަން (އެބަހީ އަނބިމީހާ ޒިނޭ ކޮށްފައިވާ ކަން ސާބިތު ކުރުމަށް، ނުވަތަ ދަރި ނަފީކުރުމަށް މަޖްބޫރީ ޙާލެއްގައި ޙުއްޖަތެއްގެ ގޮތުގައި ބަޔާންކުރާ ބަސްތަކެކެކެވެ. ( އަލްއަޒްހަރީ، 1997، 4، 102).

ޙަންބަލީ މަޒްހަބުގެ ޢިލްމުވެރިންގެ ނަޒަރުގައި ލިޢާންކުރުމަކީ ﷲގެ ލަޢުނަތާއި ކޯފާގެ ބަސް ހިމަނައިގެން ހުވަޔާގުޅުވައިގެން ދެފަރާތުން ދޭ ހެކި ތަކެކެވެ. (އަލްބަހޫތީ، 1997، 5، 454).

ހަތަރު މަޒުހަބުގެ ފިޤުހުވެރިންގެ ރައުޔުތަކަށް ނަޒަރު ހިންގާލުމުން ހާމަވެގެން ދަނީ ލިޢާންގެ ޝަރުޢީ މަފްހޫމެއް ގެނައުމުގައި ޤުރުއާނުގައި ލިޢާން ކުރުމުގެ ކައިފިއްޔަތު ބަޔާންވެފައިވާ ގޮތުގެ މައްޗަށް ރިޢާޔަތް ކުރައްވާފައިވާ ކަމެވެ. އެހެންކަމުން މަޒުހަބުތަކުގެ ރައުޔުތަކުގައި ޢިބާރާތުގައި ޚިލާފެއް ހުއްޓަސް، އެންމެހާ ތަޢާރުފެއްގެ މުރާދު އެއްގޮތް ވެގެން ވެއެވެ.

ކީރިތި ޤުރުއާނުގައި ލިޢާން

ލިޢާންކުރުމުގެ ކައިފިއްޔަތު ޤުރުއާނުގައި ވަރަށް ތަފުޞީލުކޮށް ބަޔާން ވެގެން ވެއެވެ. ލިޢާން ކުރެވެނީ ޙައްދުން ސަލާމަތްވެ، ކޮންމެ މީހަކު ވެސް އަބުރު ރައްކާތެރި ކުރުމަށްޓަކަ އެވެ. ލިޢާން ކުރެވިއްޖެ ނަމަ ދެމީހުން އަބަދަށްޓަކައި ވަކިވީ އެވެ. އަދި ޤަޛުފު ކުރިކަމުގައި ތުހުމަތުފައި ފިރިމީހާގެ ގައިގައި ޙައްދެއް ނުޖެހޭނެ އެވެ. އަދި ޒިނޭ ކުރި ކަމުގެ ތުހުމަތެއްގައި އަނބިމީހާގެ ގައިގައި ވެސް ޙައްދެއް ނުޖެހޭނެ އެވެ. ލިޢާން ކުރަން ޖެހެނީ ފިރިމީހާގެ އަތުގައި އިތުރު ހެއްކެއް ނެތުމުން އޭނާގެ އަނބިމީހާއާ މެދު ކުރާ ތުހުމަތު ސާބިތު ކުރުމަށްޓަކަ އެވެ. އަދި އަންހެނާގެ އަބުރު ސަލާމަތްކުރުމުގެ ގޮތުން ވެސް މެއެވެ.

ކީރިތި ޤުރުއާނުގެ އައްނޫރު ސޫރަތުގައި މާތް ﷲ ވަޙީކުރައްވާފައިވެއެވެ. وَالَّذِينَ يَرْمُونَ أَزْوَاجَهُمْ وَلَمْ يَكُن لَّهُمْ شُهَدَاءُ إِلَّا أَنفُسُهُمْ فَشَهَادَةُ أَحَدِهِمْ أَرْبَعُ شَهَادَاتٍ بِاللَّـهِ ۙ إِنَّهُ لَمِنَ الصَّادِقِينَ ﴿٦﴾ وَالْخَامِسَةُ أَنَّ لَعْنَتَ اللَّـهِ عَلَيْهِ إِن كَانَ مِنَ الْكَاذِبِينَ ﴿٧﴾ وَيَدْرَأُ عَنْهَا الْعَذَابَ أَن تَشْهَدَ أَرْبَعَ شَهَادَاتٍ بِاللَّـهِ ۙ إِنَّهُ لَمِنَ الْكَاذِبِينَ ﴿٨﴾ وَالْخَامِسَةَ أَنَّ غَضَبَ اللَّـهِ عَلَيْهَا إِن كَانَ مِنَ الصَّادِقِينَ ﴿٩﴾ وَلَوْلَا فَضْلُ اللَّـهِ عَلَيْكُمْ وَرَحْمَتُهُ وَأَنَّ اللَّـهَ تَوَّابٌ حَكِيمٌ ﴿١٠﴾ " އަދި އެއުރެންގެ އަމިއްލަ نفس ތައް މެނުވީ ހެކިދޭބަޔަކު އެއުރެންނަށް ލިބިގެންނުވާ حال، އެއުރެންގެ އަނބީންނަށް قذف ކުރާމީހުން (ދަންނާށެވެ!) ފަހެ، އެއިން ކޮންމެ މީހަކު، اللَّه ގަންދީ ހަތަރު ހުވައިން ހުވާކުރުން ހުއްޓެވެ. ހަމަކަށަވަރުން، އޭނާއީ ތެދުވެރިންގެ ތެރެއިންވާ މީހަކު ކަމަށެވެ. އަދި ފަސްވަނަ ހުވާ ކުރުން ހުއްޓެވެ. އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ لعنة އޭނާގެ މައްޗަށް ހުރި ކަމަށެވެ. ހަމަކަށަވަރުން، އޭނާއީ ދޮގުވެރިންގެ ތެރެއިންވާ މީހެއްކަމަށް اللَّه ގަންދީ އެކަނބުލޭގެ ހަތަރު ހުވައިން ހުވާ ކުރުމުން، އެކަނބުލޭގެ ކިބައިން عقوبات (އެބަހީ: حد ޖެހުން) ކެނޑޭ ނެތެވެ. އަދި ފަސްވަނަ ހުވާ ކުރުން ހުއްޓެވެ. އޭނާއަކީ ތެދުބުނާ މީހުންގެ ތެރެއިންވާ މީހަކު ކަމުގައިވާނަމަ، ހަމަކަށަވަރުން، اللَّه ގެ ކޯފާ އެކަނބުލޭގެ މައްޗަށް ހުރި ކަމަށެވެ. އަދި اللَّه ގެ فضل ވަންތަކަމާއި، އެކަލާނގެ رحمة ވަންތަކަން ތިޔަބައިމީހުންގެ މައްޗަށް ނުވާނަމަ އެވެ. (އެބަހީ: އެކަލާނގެ رحمة ވަންތަކަން ނުވާނަމަ، ތިޔަބައިމީހުން فضيحة ކުރައްވައި ހަލާކު ކުރައްވައިފީހެވެ.) އަދި ހަމަކަށަވަރުން، اللَّه އީ، ގިނަގިނައިން توبة قبول ކުރައްވާ، حكيم ވަންތަ ރަސްކަލާނގެ އެވެ."

މިއާޔަތްތައް ބާވާލެއްވުމުގެ ސަބަބާ ބެހޭ ގޮތުން އަލްއިމާމު އައްނަވަވީ ވިދާޅުވެފައި ވެއެވެ. "ލިޢާން ކުރުމާމެދު ބާވާލެއްވިފައިވާ އާޔަތްތައް ބާވާލެއްވުނު ސަބަބާމެދު ޢިލްމުވެރިން އިޚުތިލާފުވެ ވަޑައިގެންފައި ވެއެވެ. އެ އާޔަތް ބާވާލެއްވުނީ ހިލާލު ބުނި އުމައްޔާއާ ބެހޭ ގޮތުންތޯ ނުވަތަ ޢުވައިމިރު އަލް ޢަޖްލާނީ އާ ބެހޭ ގޮތުންތޯ އާމެދު ޢިލްމުވެރިން އިޚުތިލާފުވެވަޑައިގެންފައި ވެއެވެ. ބައެއް ޢިލްމުވެރިން ވިދާޅުވެފައި ވަނީ އާޔަތްތައް ބާވާލެއްވިފައި ވަނީ ޢުވައިމިރާ މެދުގަ އެވެ. އެހެނީ ޢުމައިމިރާ މުޚާޠަބު ކުރައްވައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީސް ކުރައްވާފައި ވެއެވެ. (އޭ ޢުވައިމިރެވެ. ތިބާއާއި ތިބާގެ އަނބިކަނބުލޭގެއާ މެދު މާތް ﷲ އާޔަތްތަކެއް ބާވާލައްވައިފިއެވެ.) މި ޙަދީސް އިމާމު މުސްލިމު ރިވާ ކުރައްވާފައިވެއެވެ. މި މައްސަލައިގައި ޖުމުހޫރު ޢިލްމުވެރިން ބަޔާން ކުރައްވާފައިވެއެވެ. މި އާޔަތްތައް ބާވާލެއްވުނީ ހިލާލު ބުނި އުމައްޔާއާ ބެހޭ ގޮތުންނެވެ. ގިނަ ޢިލްމުވެރިންގެ ރައުޔަކީ މިއީ އެވެ. އެހެނީ ހިލާލު ބުނި އުމައްޔާގެ ހާދިސާއަކީ ޢުވައިމިރުގެ ޙާދިސާއަށް ވުރެ ކުރިން ހިނގާފައިވާ ހާދިސާއެކެވެ. އެހެންކަމުން އޭނާއާމެދު ބާވާލެއްވުނު އާޔަތްތަކަކީ ޢާއްމު ޙުކުމެއް ކަމުން އެފަދަ ޙާލަތެއް މެދުވެރިވެފައިވާ އެންމެން އެޙުކުމުގައި ޝާމިލުވާތީވެ، ކީރިތި ރަސޫލާ ޢުވައިމިރަށް އޮގޮތައް ވިދާޅުވީ ކަމުގައި ވެދާނެ އެވެ. އިމާމުއް ނަވަވީ ވިދާޅުވެއެވެ. ފަހަރުގައި އެ ދެމީހުންގެ ހާދިސާއަކީ ކައިރި ކައިރީގައި ހިނގާފައިވާ ހާދިސާތަކަކަށް ވެދާނެއެވެ. ނަމަވެސް އެނގެން އޮތް ގޮތުން އެންމެ ފުރަތަމަ ލިޢާން ކުރި މީހަކީ ހިލާލު ބުނި އުމައްޔާ އެވެ.

އަނބިމީހާއާ މެދު ޒިނޭގެ ތުހުމަތުކޮށް، ދަރި ނަފީކުރާ މީހުންނަށް މި އާޔަތްތަކުން ވަނީ ޙައްލު ހޯދައިދީފަ އެވެ. އެއީ އަނބިމީހާ ޒިނޭކޮށްފި ކަމުގެ ތުހުމަތަށް ޙުއްޖަތެއް ނުދެއްކޭ ނަމަ ކަންކުރަންވީ ގޮތް އާޔަތްތަކުގައި ބަޔާން ވެގެން ވެއެވެ.

ލިޢާން ކުރުމަކީ ދަރި ނަފީ ކުރުމުގައި އޮތް ޙައްލެވެ. ޖުމުހޫރު ޢިލްމުވެރިން ބަޔާން ކުރައްވާފައިވާ ގޮތުން ހިލާލު ބުނި އުމައްޔާ، ގެއިން ބޭރުގައި އުޅެފައި އައިވަގުތު، އޭނާގެ އަނބިމީހާ އެހެންމީހަކާއެކު ޒިނޭ ކުރަން އޮއްވައި އޭނާގެ ލޮލަށް ފެނުމުން، އެކަމާ މެދު ކީރިތި ރަސޫލާއަށް ޝަކުވާ ދެންނެވުމުން، އެކަމާމެދު ވަކި ޙުކުމެއް ކުރިން އައިސްފައި ނެތުމުން އެއްޗެއް ވިދާޅުނުވެ ހުންނެވުމުން މި އާޔަތްތައް ބާވާލެއްވުނީ އެވެ. އެއަށް ފަހު، އިތުރު އެކަލޭގެފާނު ހިލާލު ބުނި އުމައްޔާއަށް ވިދާޅުވި އެވެ. ތިބާއަށް މެދުވެރިވެފައިވާ މައްސަލައިގެ ޙައްލު މާތް ﷲ ބާވާލައްވައިފި އެވެ. ދެން ހިލާލު ދެންނެވިއެވެ. ތިމަންނާ އުންމީދު ކޮށްގެން ހުރީ ތިޔަ ގޮތަށެވެ. އެއަށް ފަހު ހިލާލުގެ އަންހެނުން ގެނެވުނެވެ. އެކަނބުލޭގެ ކުރިމަތީގައި ހިލާލު އޭނާގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވި އެވެ. އެކަނބުލޭގެ ހިލާލުގެ ތުހުމަތު ދޮގު ކުރިއެވެ. ދެން ކީރިތި ރަސޫލާ ވިދާޅުވީ ލިޢާން ކުރުމަށެވެ. ދެން ހަތަރު ފަހަރު ހުވާކޮށް އޭނާ އެ ބުނަނީ ތެދު ކަމުގައި ހިލާލު ކަށަވަރު ކުރިއެވެ. ފަސް ވަނަ ފަހަރަށް ހުވާ ކުރުމުގެ ކުރިން ހިލާލަށް ބުނެވުނެވެ. އޭ ހިލާލެވެ، ދުނިޔޭގެ ލަދުވެތިކަމާއި ޢަޒާބު އާޚިރަތުގެ އަޒާބަށް ވުރެން ލުޔެވެ. އެވަގުތު ހިލާލު ބުންޏެވެ. ތިމަންނާ މި ބުނަނީ ތެދެވެ. އެހެން ބުނެ ފަސްވަނަ ފަހަރު ހުވާކޮށް ތިމަންނާ މިބުނަނީ ތެދު ކަމަށާއި، އެއީ ދޮގެއް ކަމުގައި ވަނީ ނަމަ ތިމަންނާ އަށް މާތް ﷲ ގެ ލަޢުނަތް ހުރި ކަމުގައި ވިޔަސް ހެޔޮ ކަމަށް ބުންޏެވެ.

އަދި މިމަގުން އަންހެންމީހާ ވެސް ހަތަރު ފަހަރު ހެކިވެ ހުވާކޮށް އޭނާއަކީ ތެދުވެރިއެއްކަމާއި އޭނާގެ ފިރިމީހާ އޭނާގެ ބޮލުގައި އަޅުވަނީ ދޮގު ތުހުމަތެއް ކަމާއި ފިރިމާހާއަކީ ދޮގުވެރިއެއް ކަމަށް ބުނެ ހުވާކޮށް ފަސްވަނަ ފަހަރު، ތިމަންނާގެ ފިރިމީހާއަކީ ތެދުވެރިއެއް ނަމަ ތިމަންނާއަށް ﷲ ގެ ކޯފާ ހުރިކަމަށް ކަށަވަރު ކުރިއެވެ. އެއަށް ފަހު އެ ދެމީހުން ކައިވެނި ރޫޅައި ޒަވާޖީ ޙަޔާތް ނިމުމަކަށް ގެނެސް ވަކި ކުރިއެވެ. އަދި އެ އަންހެނާ ވިހާ ކުއްޖާ ބައްޕަ އަށް ނިސްބަތް ނުކުރުމަށާއި ދަރިއަށް ޢައިބު ނުކިޔަން އެންގެވި އެވެ. އަދި ކީރިތި ރަސޫލާ ޙަދީސް ކުރެއްވި އެވެ. އެ އަންހެން މީހާ ވިހާ ކުއްޖާއަކީ ބޮލުގެ އިސްތަށިގަނޑު ރަތް، ފޫކޮޅުގެ މަސްގަނޑު ކުޑަ ތަނބި ކަށި ހިމަ ކޮށް އޮތް ކުއްޖެއް ނަމަ އެއީ ހިލާލުގެ ދަރިއެކެވެ. އަދި އެކުއްޖާއަކީ ކަޅު ދޮން، ވަރުގަދަ ގުނަންތަކުގައި ވަރު ހުރި ތަނބިކަށި ވަރުގަދަ ފޫކޮޅުގެ މަސްގަނޑު ބޮޑު ކުއްޖެއް ނަމަ އެއީ، އެ ކަނބުލޭގެ އާއެކު އެ ޢަމަލު ހިންގި މީހާގެ ދަރިއެކެވެ. ދެން އެކުއްޖާ ވިހެއުމަށް ފަހު، ކީރިތި ރަސޫލާ އެ ސިފަކުރެއްވި ސިފަކުރުން ދިމާވީ، ހިލޭ ފިރިހެންމީހާއާ އެވެ.

އެއަށް ފަހު ރަސޫލާ ޙަދީސް ކުރެއްވިއެވެ. ލިޢާން ކުރުން ލެއްވިފައި ނެތް ނަމަ ތިމަންކަލޭގެފާނާ އެ ކަނބުލޭގެއާމެދު އެހެން ޙުކުމެއްވީ ހެވެ. މިހެން ވިދާޅުވީ އެކަނބުލޭގެ ލިޢާން ރުމުގައި ދޮގު ހެދިކަން ސާބިތު ވުމުންނެވެ. އަދި އެ ދެމީހުންނަށް އެވަގުތު ވެސް ކީރިތި ރަސޫލާ ހަނދުމަކޮށްދެއްވި އެވެ. ތިޔަ ދެ މީހުންކުރެ އެކަކީ ދޮގުވެރިއެއްކަން މާތް ﷲ ދެނެވޮޑިގެން ވެއެވެ.

ލިޢާންކުރުން ވާޖިބުވެގެންވަނީ ދެ ޙާލަތެއްގައެވެ. އެއީ

(ހ) އަނބިމީހާގެ ބޮލުގައި ޒިނޭގެ ތުހުމަތު އެޅުވުން.

(ށ) ދަރި ނަފީ ކުރުން، ނުވަތަ ބަލިވެ އިނީ އޭނާގެ ދަރިޔަކަށް ނޫންކަމަށް ބުނުން.

ދަރި ނަފީކުރުމަށްޓަކައި ހުށަ އަޅަންޖެހޭނީ ކަމާ ބެހޭ ކޯޓަށެވެ. ޢިލްމުވެރިން ބަޔާންކޮށްފައިވާ ގޮތުން ދަރި ވިހެއުމުގެ ކުރިން ވެސް ނަފީ ކުރެވިދާނެ އެވެ. އަދި ވިހާ ފަހުން، ނަން ކިއުމާމެދު އޮންނަ ހަތް ދުވަހުގެ ތެރޭގައި ވެސް ނަފީ ކުރެވިދާނެ އެވެ. އަދި އަނބިމީހާގެ ނިފާސްގެ މުއްދަތުގައި ވެސް ނަފީ ކުރެވިދާނެ އެވެ. ނަމަވެސް ޙަނަފީ މަޒުހަބުގައި އޮތް ގޮތުން ދަރި ވިހެއުމަށް ފަހު، އޭނާއަށް ލިބޭ ތަހުނިޔާތައް ޤަބޫލު ކުރުމަށް ފަހު ދެން އެ ދަރި ނަފީއެއް ނުކުރެވޭނެ އެވެ. ސަބަބަކީ ކުރިން އޭނާގެ ރުހުން އެކަމަށް އޮތުމެވެ. އެކަމާމެދު ސުކޫތުވުމެވެ. ސުކޫތުން ދޭހަކޮށް ދެނީ ރުހުން އޮތްކަމެވެ. މިއީ ޙަނަފީ މަޒުހަބުގެ ބައެއް ޢިލްމުވެރިންގެ ރައުޔެވެ. ނަމަވެސް ޙަނަފީ މަޒުހަބުގެ މުޖުތަހިދު ބައެއް ޢިލްމުވެރިން ވިދާޅުވަނީ ނިފާސްގެ މުއްދަތުގެ ތެރޭގައި ދަރި ނަފީ ކުރެވިދާނެ އެވެ. އެއީ ވިހެއުމުގެ އަސަރު ކަމުގައިވާތީ އެވެ.

ޝާފިޢީ މަޒުހަބުގައި އޮތް ގޮތުން ދަރި ނަފީ ކުރާ ނަމަ އެކަމުގައި އޮތް ގޮތަކީ ވީ އެންމެ އަވަހަށް ނަފީ ކުރުމެވެ. ކޮންމެހެން ވިހަންދެން އިންތިޒާރު ކުރާކަން ނުޖެހެއެވެ. ޙަންބަލީ މަޒުހަބުގެ ޢިލްމުވެރިން މި މައްސަލައިގައި ތާއީދު ކުރަނީ ޙަނަފީ މަޒުހަބުގެ ގިނަ ޢިލްމުވެރިންގެ ރައުޔަށެވެ. އެއީ ދަރި ނަފީ ކުރެވެނީ ވިހެއުމަށް ފަހުގައި ކަމަށެވެ. މާލިކީ މަޒުހަބުގެ ޢިލްމުވެރިން ދަރި ނަފީ ކުރުމުގައި ފުރިހަމަ ވާންޖެހޭ ދެ ޝަރުޠެއް ބަޔާން ކުރައްވާފައި ވެއެވެ. އެއީ އަނބިމީހާއާއެކު ޖިމާޢު ނުވެ ހުރި މުއްދަތުގައި އަނބިމީހާ ބަލިވެ އިންކަމަށް ބުނުމާއި ވިހެއިމުގެ ކުރިން ނަފީ ކުރުމެވެ.
ޚުލާޞާއަކީ ޙަނަފީ މަޒުހަބާއި ޙަންބަލީ މަޒުހަބުގައި ވިހެއުމުގެ ކުރިން ދަރި ނަފީ ނުކުރެވެއެވެ. ޝާފިޢީ މަޒުހަބާއި މާލިކީ މަޒުހަބުގައި ވިހެއުމުގެ ކުރިން ވެސް ފަހުން ޖާއިޒު ވެގެން ވެއެވެ.

ލިޢާންގައި ފުރިހަމަވާންޖެހޭ ޝަރުޠު

- ލިޢާން ކުރެވެންޖެހޭނީ ޙާކިމު، ނުވަތަ ޤާޟީގެ ކުރިމަތީގައެވެ.
- ފަސް ފަހަރު ހުވާ ކުރުން، މިޢަދަދު އުނި ވެއްޖެ ނަމަ ލިޢާން ޞައްޙައެއް ނުވާނެ އެވެ.
- ލިޢާން ކުރަން ފަށަންވާނީ ފިރިމީހާ އެވެ.
- ލިޢާން ކުރަމުން ދާއިރު، އެކަކު އަނެކަކަށް އިޝާރާތް ކުރުން.

ލިޢާން ކުރުމުގައި ޤާޟީގެ ދައުރު

ލިޢާން ކުރަންވާނީ ޙާކިމުގެ ކުރިމަތީގަ އެވެ. ނުވަތަ ޙާކިމު ތަމްސީލު ކުރާ ޤާޟީގެ ކުރިމަތީގަ އެވެ. އަދި އެ ދެމީހުންނަށް ޤާޟީގެ ފަރާތުން ލިޢާން ކުރުމުގެ ކުރިން ނަސޭޙަތް ދެވެންވާނެ އެވެ. އަދި އެ ދެމީހުން ކުރެ އެކަކީ ދޮގުވެރިއެއް ކަމުގައި ﷲ ދެނެވޮޑިގެންވާ ކަން އެ ދެމީހުންނަށް ހަނދާން ކޮށްދެވެންވާނެ އެވެ. (ވަހުބާ ޒުޙައިލީ، 7110).

ދަރި ނަފީކުރުމަށް ފަހު، ލިޢާންކުރުމަށް ފިރިމީހާ ދެކޮޅު ހަދައިފި ނަމަ އޭނާގެ ގައިގައި ޤަޛުފުގެ ޙައްދު ޖެހޭނެ ކަމަށް ޖުމުހޫރު ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ. ޙަނަފީ މަޒުހަބުގެ ރައުޔަކީ ލިޢާން ކުރުމަށް ދެކޮޅު ހަދައިފި ނަމަ ބަންދު ކުރުމެވެ. އަދި އެ މުއްދަތުގައި އޭނާގެ ހެދީ ދޮގެއްކަމުގައި ބަޔާންކޮށްފި ނަމަ ޤަޒުފުގެ ޙައްދު ޖެހޭނެކަމުގައެވެ. ފިރިމީހާ ލިޢާންކުރުމަށް ފަހު، ލިޢާންކުރުމަށް އަނބިމީހާ ދެކޮޅު ހަދައިފި ނަމަ، ޙަނަފީ މަޒުހަބުގެ ޢިލްމުވެރިން ދެކެވަޑައިގަންނަވަނީ އޭނާ ދޫކޮށްލެވޭނެކަމުގައެވެ.

ލިޢާންގެ ނަތީޖާ

އިސްލާމީ ޝަރީޢަތުގައިވާ ގޮތުގެ މަތީން ދެ މަފިރިންގެ މެދުގައި ލިޢާން ކުރެވިއްޖެ ނަމަ އެއިގެ މައްޗަށް އަންނަނިވި ކަންކަން ތަރުތީބު ވެގެން ދެއެވެ.

- ދެމީހުން ކުރެ މީހެއްގެ ގައި ގައި ޙައްދެއް ނުޖެހޭނެ އެވެ. ޤަޒުފު ކުރި ކަމުގެ ޙައްދު ފިރިމީހާގެ ގައިގައި ނުޖެހޭނެ އެވެ. އަދި ޒިނޭގެ ޙައްދެއް އަނބިމީހާގެ ގައިގައި ވެސް ނުޖެހޭނެ އެވެ. އެދެމީހުންގެ ކަންކަންވަނީ ﷲ ގެ ހަޟްރަތަށެވެ. އެ ދެމީހުންގެ ތެރެއިން ދޮގުވެރިޔަކީ ކާކުކަން މާތް ﷲ ދެނެވޮޑިގެންވެ އެވެ. ދެމީހުންގެ އަބުރު ވެސް މި ދުނިޔޭގައި ޙިމާޔަތްވީ އެވެ. އަންހެނާއަކީ ޒިނޭ ކޮށްފައިވާ މީހެއްކަމަށް ބުނެ އޭނާއަށް މަލާމާތެއް ނުކުރެވޭނެ އެވެ.

- ދަރިފުޅުގެ ނަސަބު ފިރިމީހާއަށް ނިސްބަތް ނުކުރެވޭނެ އެވެ. ދަރި ލައްވާނީ ތައްމައްޗަށެވެ.
- ޤާޟީ އެ ދެމަފިރިންގެ ކައިވެނި ރޫޅައި އަބަދަށްޓަކައި ވަކި ކުރާނެ އެވެ. ލިޢާން ކުރުމަށް ފަހު އެ ދެމީހުންނަށް އަލުން ދުވަހަކު ވެސް ކައިވެނި ނުކުރެވޭނެ އެވެ.

ލިޢާންގެ މަފްހޫމުގެ މައްޗަށް މި މަޒްމޫނުގައި ލިޔާން ޤަސްތުކުރި މިންވަރު ލިޔެ ނިމުނީ އެވެ. އިސްވެ ބަޔާންވެ ދިޔަ ޙުކުމްތައް ފިޔަވައި ވެސް ލިޢާންގެ މައްސަލައިގައި ޢިލްމުވެރިން ވަރަށް ގިނަ ވާހަކަތައް ދައްކަވާފައިވެއެވެ. މި މަޒްމޫނުގެ މަޤުޞަދަކީ ލިޢާން ކުރުމުގައި ޑީއެންއޭގެ ދައުރާ ބެހޭ ގޮތުން ވާހަކަ ދެއްކުމުގެ ކުރީން ލިޢާންގެ ޙަޤީޤަތުގެ މައްޗަށް ކުރުގޮތަކަށް އަލިއަޅުވާލުން ކަމުގައިވާތީވެ އިތުރު ތަފްޞީލު ބަޔާން ނުކުރީއެވެ. ދެން އަންނަ މަޒްމޫނެއްގައި ބަޔާންކުރުން އޮތީ ލިޢާން ކުރުމުގައި ޑީއެންއޭ ހެދުމުގެ ޙުކުމާ ބެހޭ ގޮތުންނެވެ.