ގިނަ އަންހެން ކުދިން ބުނަނީ ސައިޒް މުހިންމުވާ ގޮތަށް އިސްކޮޅު ވެސް މުހިންމުވާ ކަމަށެވެ. އަދި ތިމާ އަށް ވުރެ އިސްކޮޅުން ދިގު އަންހެން ކުއްޖަކު ގޮވައިގެން ޑޭޓަކަށް ދާން ގިނަ ފިރިހެން ކުދިން ވެސް ލަދުގަންނަ ކަމަށްވެ އެވެ.
އެހެންވީމަ ބައިވެރިޔަކު އިހްތިޔާރުކުރާއިރު އެމީހެއްގެ އިސްކޮޅު މުހިންމު ވަނީ ކިހާ ވަރަކަށް ހެއްޔެވެ؟
"ވަރަށް ބޮޑަށް،" ވާހަކަ ދެއްކި ޒުވާން އަންހެން ކުއްޖަކު ބުނީ މިވަރަށެވެ.
އެއަށް ވުރެ އިތުރަކަށް އޭނާ ދެން ވާހަކައެއް ނުދެއްކި އެވެ.
އެހެންވީމަ މި ވާހަކައެއް ދެން ފަށައިގަންނަން މި ޖެހެނީ ހޮލީވުޑްގެ ތަށި ޓޮމް ކްރޫޒާ ހަމައިންނެވެ. ވަރަށް ގިނަ މީހުން ބުނަނީ އިސްކޮޅުން ކުރު ފިރިހެނުންނާއި އިސްކޮޅުން ދިގު އަންހެނުން ނުގުޅޭކަން ނުވަތަ އެކުގައި ކާމިޔާބުނުވާ ކަން އަންގައިދޭ އެންމެ ބޮޑު ނަމޫނާ އަކީ އިސްކޮޅުގައި ފަސް ފޫޓް ހަތް އިންޗި ހުންނަ ޓޮމް ކްރޫޒް ކަމަށެވެ.
ފަހަރެއްގައި މިއީ ތެދެކެވެ. އަންހެން ކުދިންގެ މެދުގައި ރީތި ކަމަށް މަޝްހޫރު ޓޮމް ކްރޫޒް އެ ވަނީ އޭނާ އަށް ވުރެ އިސްކޮޅުން ދިގު ނިކަން ރީތި ދެ އަންހެނުންނާ ހިތާވެ ކައިވެނިކޮށް މައްސަލަ ޖެހި ރުޅިވެ ވަރިވެފަ އެވެ. އެއީ ނިކޯލް ކިޑްމަން އާއި ކެޓީ ހޯމްސް އެވެ.
އެ ދެ ބަތަލާއިންނަކީ ވެސް ޓޮމް ކްރޫޒަށް ވުރެ އިސްކޮޅުން މާ ބޮޑަށް ވެސް ދިގު ދެ ތަރިންނެވެ. ނަމަވެސް ފާހަގަކޮށްލަން ޖެހެނީ އިސްކޮޅުން ކުރުކޮށް ތިބޭ ފިރިހެނުންނަށް ހިތްކިޔާ އަންހެނުން ވެސް ގިނަ ކަމެވެ.
އެގޮތުން ޓޮމް ކްރޫޒަށް ފަހު ނިކޯލް ކިޑްމަން މިހާރު ކައިވެނިކޮށްގެން އުޅޭ ކީތު އާބަން އަކީ ވެސް އޭނާ އަށް ވުރެ އެތައް އިންޗިއެއް ކުރު ފިރިހެނެކެވެ.
ފްރާންސްގެ ކުރީގެ ރައީސް ނިކޮލަސް ސާކޯޒީ އަކީ ވެސް ނުލާހިކު ކުރު އިސްކޮޅެއްގެ ބޭފުޅެކެވެ. އެކަމަކު އަންހެނުންގެ މެދުގައި ވަރަށް ވެސް މަގްބޫލެވެ. ބައިވެރިއެއްގެ ގޮތުގައި ގެންގުޅުއްވަނީ ވެސް ކުރީގެ ސުޕަމޮޑެލަކާ އެވެ.
އެހެންވީމަ އިސްކޮޅުން ކުރުކޮށް ތިބޭ ފިރިހެނުން އަންހެނުންނަށް ކަމުނުދާ ވާހަކަ އާއި އިސްކޮޅުން ދިގު އަންހެނުންނަށް ކުރު ފިރިހެނުންގެ ހިތް ނުލެނބޭ ކަމަށް ބުނާ ވާހަކައިގައި ހަމަ އެއްވެސް ހަގީގަތެއް ނެތެއް ނޫން ހެއްޔެވެ؟
ނަމަވެސް ބައިވެރިޔަކު އިހްތިޔާރުކުރާއިރު ގިނަ މީހުން ބުނަނީ އެމީހެއްގެ އިސްކޮޅު މުހިންމުވާ ކަމަށެވެ. އަދި މިގޮތަށް އެއްބަސްވާ މީހުންގެ ތެރޭގައި ގިނައީ އަންހެނުންނެވެ.
އަންހެނުން ބުނަނީ ކުރުކޮށް ހުންނަ ފިރިހެނަކަށް ވުރެ ސްމާޓީ ނުވަތަ ރީތީ ދިގު އިސްކޮޅެއްގެ ވެރިއެއް ކަމަށެވެ.
ފަހަރެއްގައި އަންހެން ކުދިންނަށް ހާއްސަ ލޯބީގެ ވާހަކަތަކުގައި އެ އަންނަ ޕްރިންސް ޗާމިންއެއްގެ އިސްކޮޅު މާ ދިގީ އެވެ. ނުވަތަ މިފަދަ ވާހަކަތަކުގައި ޕްރިންސުން ނުވަތަ ފުރިހަމަ ފިރިހެނާގެ ސިފަތަކުގެ ތެރޭގައި ދިގު އިސްކޮޅެއް ބޯލްޑް އަކުރުން ލިޔެލާފައި އޮތުމަކީ ގިނަ އަންހެން ކުދިން އިސްކޮޅު ދިގު ފިރިހެނުންނަށް ހިތްކިޔާ ސަބަބަކަށް ވެދާނެ އެވެ.
"އިސްކޮޅުން ދިގުވުމަކީ ފިރިހެން މީހާ ވަރަށް ރީތިކޮށްދޭ ކަމެއް. އަނެއްކޮޅުން އެ ވަރުގެ އިސްކޮޅެއް ލިބިފައިވާ މީހަކާ އެކު އުޅޭއިރު ފުދޭވަރަކަށް ޕްރޮޓެކްޝަން ވެސް ލިބޭ،" އަންހެން ކުއްޖަކު ބުންޏެވެ.
އެހެންވީމަ ފިރިހެން ކުދިންނަށް އެމީހުންނަށް ވުރެ އިސްކޮޅުން ދިގު އަންހެން ކުދިން ކަމުނުދަނީ ކީއްވެގެން ހެއްޔެވެ؟
"ނުގުޅެނީ ދޯ. ލަދު ގަންނަނީކީއެއް ނޫން އަހަންނަށް ވުރެ އިސްކޮޅުން ދިގު ބިޓެއް ގޮވައިގެން ދާކަށް. މިއީ ޔުނިވާސަލް ކަމެއް. އިސްކޮޅުން ކުރު ފިރިހެން މީހާ އާއި އިސްކޮޅުން ދިގު އަންހެން މީހާ އެއްގޮތަކަސް ވެސް ނުގުޅޭ،" ފިރިހެން ކުއްޖަކު ބުނީ މިހެންނެވެ.
ނަމަވެސް އެނގޭ ހެއްޔެވެ؟ މިއޮތް ފަދަ ޒަމާނުގައި އެހެން ބުނާކަށް ނުވާނެ އެވެ. އަންހެނުން ބާރުވެރިކޮށް އެމީހުންނަށް ހައްގުތައް ހޯދައި ދިނުމަށް ކެމްޕޭންކުރެވެމުންދާ ޒަމާނެއްގައި މިހެން ވާހަކަ ދެއްކީމަ ބައެއް އަންހެން ކުދިން ހިތްހަމަ ނުޖެހިދާނެ އެވެ.
ނަމަވެސް ހަގީގަތަކީ ގިނަ އަންހެން ކުދިންނަށް ވެސް ކަމުދަނީ އެމީހުންނަށް ވުރެ އިސްކޮޅުން ދިގު ފިރިހެނުން ކަމެވެ.
"އަޅުގަނޑަށް ހީވަނީ އެއީ ދެ ޖިންސުގެ އެޓްރެކްޝަން ސައިންސްގެ ތެރޭގައި ހިމެނޭ ކަމެއްހެން. އެއްގޮތަށް ނޭނގޭ ކީއްވެގެން ކަމެއް އިސްކޮޅުން ދިގު ފިރިހެނުންނަށް އަންހެން ކުދިން އެހާ ފަސޭހައިން ހިތްކިޔަނީ،" އެހެން އަންހެނަކު ބުނީ މިހެންނެވެ.
ބައެއް އަންހެން ކުދިންގެ ހިޔާލުގައި ދިގު އިސްކޮޅަކީ ފިރިހެންވަންތަކަން ބޮޑުކޮށްދޭ ސިފައެކެވެ. އެހެން ނަމަވެސް އަންހެން ކުއްޖާއާ އެއްވަރުގެ އިސްކޮޅެއް ލިބިފައިވާ ފިރިހެނުން ވެސް ރީތި ކަމަށް ބައެއް އަންހެން ކުދިން އެއްބަސްވެ އެވެ.
އެކަމަކު މިއިން އެއްވެސް ވާހަކައަށް އެއްބަސްނުވާ އަންހެން ކުދިން ވެސް އުޅެ އެވެ. އެމީހުން ބުނަނީ ބައިވެރިއެއްގެ ގޮތުގައި އިހްތިޔާރުކުރަން ޖެހޭނީ ދީނަށް ލޯބިކުރާ ޒިންމާދާރު ފިރިހެނެއް ކަމަށެވެ. ދިރިއުޅުން އުފާވެރިވާނީ އޭރުން ކަމަށެވެ. ދެ މީހެއްގެ އިސްކޮޅަކުން ނޫން ކަމަށެވެ.