އެމްއެމްޕީއާރުސީގެ ހިޔާނާތް

ކޮމިޝަނުން ބަލަނީ 49 ރަށަކާ، ފަޅެއްގެ މައްސަލަ

އެމްއެމްޕީއާރްސީގެ ބޮޑު ޚިޔާނާތާއި ގުޅިގެން އެސެޓް ރިކަވަރީ ކޮމިޝަނުން މިހާރު ބަލަމުންދަނީ 49 ރަށަކާއި ފަޅެއްގެ މައްސަލަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ދުވަހާއި ގުޅިގެން ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ދައުލަތުން ވަގަށް ނަގާފައިވާ ފައިސާތައް ހޯދުމަކީ ރިޔާސީ މުހިންމު ވައުދެއް ކަމަށާ އެ ވައުދު ފުއްދުމުގެ މަސައްކަތް ވެރިކަމުގެ ފުރަތަމަ ދުވަހު ފައްޓަވާފައިވާ ކަމަށެވެ.

ރައީސް ވިދާޅުވީ އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ އިސްކަން ދެނީ އެމްއެމްޕީއާރުސީގެ ބޮޑު ޚިޔާނާތާއި ގުޅުންހުރި މައްސަލަތައް ބެލުމަށް ކަމަށެވެ.

"އެސެޓް ރިކަވަރީ ކޮމިޝަނުން އެންމެ އިސްކަންދީގެން ބަލަމުން އެ ގެންދަނީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލަ. މިހާރުވެސް 49 ރަށަކާއި ފަޅެއްގެ މައްސަލަ އެ ކޮމިޝަނުން އަންނަނީ ބަލަމުން. އެ މައްސަލަތައްވެސް މުޅިން ބަލާ ނިމުމުން އަޅުގަނޑަށް ރިޕޯޓް އައުމާއި އެކު އެހެން ރިޕޯޓްތަކާމެދުވެސް އަމަލުކުރާ އުސޫލުން އަމަލުކުރާނެ ކަމުގެ ޔަގީންކަން އަރުވަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދައުލަތުގެ ތެރޭގައި ހަރުލާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ މޫ ލުހެލުމަށް ކުރަންޖެހޭ މަސައްކަތް ބުރަ ކަމަށެވެ. ނަމަވެސް އެއީ ބުރަވެގެން ނުކޮށް ދޫކޮށްލެވޭ ވަރަކަށްވުރެ މާ މުހިންމު މަސައްކަތެއް ކަމަށެވެ. އެހެން ކަމުން ކޮރަޕްޝަންގެ ވަބާ އެންމެ ބޮޑު ދިމަދިމާ ފާހަގަކޮށް އެކަން ހުއްޓުވަން ޚާއްސަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށް ރައީސް ވިދާޅުވި އެވެ.

"ކޮރަޕްޝަންގެ ވަބާއިން ދައުލަތް މިންޖުކުރުމަކީ ބުރަ އެހެން ނަމަވެސް ކުރަންޖެހިފައިވާ ކަމެއް. ކޮރަޕްޝަން ނައްތާލުމުގައި މިއަދުވެސް ދިމާވާ އެންމެ ބޮޑު މައްސަލައަކީ ބީލަމުގެ މަރުހަލާގައި އެކި ގޮތްގޮތުން ކުރިމަތިވާ ނުފޫޒުތައް. އެހެން ކަމުން ބީލަމުގެ މައްސަލަތައް ބެލުމަށްޓަކައި މިއަހަރުގެ ޖޫން މަހުގެ ތެރޭގައި މުސްތަގިއްލު ރިވިއު ކޮމެޓީއެއް އެކުލަވާލައިގެން މިދަނީ މަސައްކަތް ކުރަމުން." ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ރޭ ވަނީ މަރާލާފައިވާ މީހުންނާ ވީނުވީއެއް ނޭންގި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ ކޮމިޝަންގެ މަސައްކަތްތަކާއި ގުޅޭގޮތުންވެސް ވާހަކަދައްކަވާފައެވެ. ރައީސް ވިދާޅުވީ ޑރ. އަފްރާޝިމްގެ މަރުގެ މައްސަލައިގެ ރިޕޯޓާ، ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް އެމަނިކުފާނަށް ފޮނުއްވާފައިވާ ކަމަށެވެ.

"މަރުގެ މައްސަލަތައް ތަހުގީގުކުރާ ކޮމިޝަނުން ބަލާ މައްސަލަތަކުގެ ތެރެއިން ޑރ. އަފްރާޝިމްގެ މަރުގެ މައްސަލައިގެ ރިޕޯޓާ، ރައުދާ އާތިފްގެ މަރުގެ މައްސަލައިގެ ފައިނަލް ރިޕޯޓް މިދިޔަ ބުރާސްފަތި ދުވަހު އަޅުގަނޑަށް ލިބިއްޖެ. އެދެ ރިޕޯޓްގައި ފާހަގަކޮށްފައިވާ ކަންކަން ކުރިއަށް ގެންދިއުމަށްޓަކައި، އިރާދަކުރެއްވިއްޔާ މި ހަފްތާގެ ތެރޭގައި ކަމާގުޅޭ އިދާރާތަކަށް އަޅުގަނޑު ފޮނުވާނަން. އަދި އެ ރިޕޯޓް މައުލޫމާތުވެސް ހާމަ ކުރާނަން." ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ ދެ ކޮމިޝަންގެ މަސައްކަތް މިއަހަރުގެ ތެރޭގައި މުޅިން ނިންމާލެވޭނެ ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.