ކްރިސްޓިއާނާ ރޮނާލްޑޯ

މެޗު ނުނިމެނީސް ރޮނާލްޑޯ ސްޓޭޑިއަމުން ނުކުމެއްޖެ

އޭސީ މިލާން އާ ދެކޮޅަށް ކުޅުނު މެޗުގައި ރޮނާލްޑޯ ބަދަލު ކުރުމުން، މެޗު ނުނިމެނީސް އޭނާ ސްޓޭޑިއަމް ދޫކޮށް ދިޔަ މައްސަލަ ފެންމަތި ވެއްޖެ އެވެ.

ޔުވެންޓަސްގެ ކޯޗް މައުރީޒިއޯ ސާރީ ވަނީ ދެވަނަ ހާފު ފެށިގެން 10 ވަނަ މިނެޓްގައި ރޮނާލްޑޯގެ ބަދަލުގައި ޕައުލޯ ޑިބާލާ ކުޅެން ނެރެފަ އެވެ. ޔުވެންޓަސް މެޗު މޮޅު ކޮށްދިން ލަނޑު ޑިބާލާ ކާމިޔާބު ކުރީ މެޗުގެ 77 ވަނަ މިނެޓްގަ އެވެ.

ސްކައި ސްޕޯޓްސް އިޓާލިއާއިން ބުނީ މެޗު ނިމުމުގެ ތިން މިނެޓް ކުރިން ރޮނާލްޑޯ ދަނޑުން ނުކުމެގެން ދިޔަ ކަމަށެވެ. ރޮނާލްޑޯ ދަނޑުން ފައިބަން އައީ ހިތްހަމަ ނުޖެހުމުގައި ހުރެކަން އޭނާގެ މޫނު މަތިން އެނގުނެވެ. އަދި އޭނާ ވަނީ ޗޭންޖިން ރޫމަށް ދަމުން އެކަމުގެ ހިތްހަމަ ނުޖެހުން ފާޅުކޮށްފަ އެވެ.

ސާރީ ބުނީ ރޮނާލްޑޯ ސްޓޭޑިއަމް ދޫކޮށް ދިޔަކަން އޭނާއަށް ނޭނގޭ ކަމަށެވެ. އެކަން އެގޮތަށް ކުރި ނަމަ އެއީ މައްސަލައެއް ކަމަށާއި އެނާގެ ޓީމުގެ ކުޅުންތެރިންނާ ގުޅިގެން އެ މައްސަލަ ހައްލު ކުރަން ޖެހޭ ކަމަށެވެ. ރޭ ގެ މެޗަކީ އެއް ހަފުތާ ތެރޭ ރޮނާލްޑޯ ބަދަލު ކުރި ދެ ވަނަ މެޗެވެ. ޗެމްޕިއަންސް ލީގްގައި ރަޝިއާގެ ލޮކޮމޯޓިވް މޮސްކޯ އާ ދެކޮޅަށް ކުޅުނު މެޗުގައި ވެސް ރޮނާލްޑޯ ބަދަލު ކުރި އެވެ.

ސާރީ ބުނީ، އޭނާ އާ ރޮނާލްޑޯ އާ ދެމެދު މައްސަލައެއް ނެތް ކަމަށާއި އެންމެ ރަނގަޅު ކޮންޑިޝަންގައި ނެތް އިރުވެސް ރޮނާލްޑޯއަށް ކުޅެން ފުރުސަތު ލިބުމަކީ އޭނާ ޝުކުރުވެރި ވާން ޖެހޭ ކަމެއް ކަމަށެވެ.

"މިދިޔަ މަހުވެސް އޭނާގެ ކަކުލަށް މައްސަލައެއް ދިމާވި އެއީ ވަރަށް ކުޑަ މައްސަލައެއް."