އަޔުޝްމާން ކުރާނާ

ބާލާ: އަޔުޝްމާންގެ ކާމިޔާބު ސިލްސިލާ ކުރިއަށް

އަޔުޝްމާން ކުރާނާގެ "ބާލާ" އަށް ބެލުންތެރިންނާއި ކްރިޓިކްސް ބޮޑު ތަރުހީބެއް ދީފި އެވެ. ހުކުރު ދުވަހު ފިލްމު ރިލީޒް ކޮށްފައިވާއިރު އެ ދުވަހު އެކަނިވެސް 10 ކްރޯޑު ރުޕީސް ފިލްމަށް ލިބުނެވެ. އަދި ހޮނިހިރު ދުވަހުގެ ވިޔަފާރި ރަނގަޅުވެ އެ ދުވަހު 15.73 ކްރޯޑު ލިބިފައި ވެއެވެ.

މިހާރު ފިލްމު ހިނގާ ގޮތަށް ބަލާއިރު ހަފުތާ ބަންދާއެކު ވަރަށް ރަނގަޅު ވިޔަފާރިއެއް މި ފިލްމަށް ކުރެވޭނެ ކަމަށް ޓްރޭޑް އެނަލިސްޓުން ލަފާ ކުރެ އެވެ. މިއީ މިއަހަރު ނުކުތް އަޔުޝްމާންގެ ފިލްމުތަކުގެ ތެރެއިން ވިދިވިދިގެން ކާމިޔާބުވި ތިން ވަނަ ފިލްމެވެ.

ފިލްމަށް ލިބެމުންދާ ތަރުހީބުން އުފަލުން ހުރި އަޔުޝްމާން އިންސްޓަގްރާމް ކުރި މެސެޖެއްގައި ބުނެފައިވާ ގޮތުގައި މި ފިލްމަކީ އާދައިގެ ދިރިއުޅުމެއް އުޅޭ ފިރިހެނުންނަށް އޭނާ ހާއްސަކުރި ފިލްމެކެވެ.

"މިއަދު މި ފިލްމަކީ މަގޭ ފިލްމެއް ނޫން. ތިޔަބައިމީހުންގެ ފިލްމެއް. މި ވާހަކައަކީ ހަމައެކަނި ބާލާގެ ވާހަކައެއް ނޫން. އަމިއްލަ ވުޖޫދު ހޯދުމަށް މަގުމަތީގައި ހިނގާބިނގާވާ ބާލާ ކަހަލަ ހަމަ ކޮންމެ މީހެއްގެ ވާހަކަ. ފިލްމަށް ދިން ލޯތްބަށް ޝުކުރިއްޔާ،" އަޔުޝްމާންގެ ޕޯސްޓުގައި ވެއެވެ.

"ބާލާ"ގައި އަޔުޝްމާންގެ އިތުރުން ޔަމީ ގޯތަމް އާއި ބޫމީ ޕަޑްނޭކަރް ވެސް ވަރަށް މުހިއްމު ކެރެކްޓާތަކަކުން ފެނެ އެވެ.
މި ފިލްމު ބިނާ ކޮށްފައި ވަނީ ވަރަށް ޒުވާން އުމުރުގައި ބޮލުގައި ހުރި އިސްތަށިކޮޅު ފައިބައި ތަލަވީ މީހަކަށް އޭނާގެ އަމިއްލަ ދިރިއުޅުމުގައި ދިމާވަމުންދިޔަ މައްސަލަ ތަކެކެވެ. އެއްވެސް އަންހެންކުއްޖަކު އޭނާއާ ލޯބީގެ ގޮތުން ގުޅެން ބޭނުން ނުވުން އެއީ ބާލާ އެންމެ ކަންބޮޑުވާން ޖެހުނު މައްސަލަ އެވެ. މި ކޮމެޑީ ޑްރާމާގައި ހީނ ހީނ ބަލިވާ ކަހަލަ ވަރަށް ގިނަ ޑައިލޯގްތައް ހިމެނެ އެވެ. މި ފިލްމަށް ލިބެމުންދާ ތަރުހީބުން ބެލުންތެރިންނަށް ވެސް ފިލްމު ވަރަށް ކަމުދިޔަކަން ވަނީ ޔަގީން ވެފަ އެވެ.

މި ފިލްމު ރިލީޒް ކުރުމުގެ ކުރިން ވަރަށް ގިނަ މައްސަލަތަކާ ވެސް ކުރިމަތިވި އެވެ. މީގެ ދެ ހަފުތާއެއް ކުރިން ރިލީޒްކުރި ސަނީ ސިންގްގެ "އުޖްޅާ ޗަމަން" އާއި މި ފިލްމުގެ ވާހަކަ އެއްގޮތް ކަމުން އެ ފިލްމު އުފެއްދި ފަރާތުން ޖެއްސި މައްސަލަ އާއި އަދި ފިލްމަކީ އެހެން މީހަކު ލިޔެފައިވާ ވާހަކައެއް ވަގަށް ނަގައިގެން އުފެއްދި ފިލްމެއް ކަމަށް މީހަކު ތުހުމަތުކުރުން ފަދަ މައްސަލަތައް ފިލްމަށް ދިމާވި އެވެ.

މީގެ އިތުރުން ފިލްމި ރިލިޒްކުރިތާ ވަރަށް ކުޑައިރުކޮޅެއްގެ ތެރޭގައި "ޓެމިލްރޮކާޒް"ކިޔާ ވެބްސައިޓަކުން ފިލްމު ލީކުކޮށްލުން ވެސް ވީ ފިލްމަށް ކުރިމަތިވި ވަރަށް ބޮޑު މައްސަލައަކަށެވެ. ނަމަވެސް މީގެން އެއްވެސް ކަމަކުން ފިލްމުގެ ހިނގުމަށް ހުރަހެއް ނޭޅުނެވެ. ފިލްމުގެ ރިވިއުތަކުގައި ފިލްމަށް ވަރަށް ތައުރީފުކޮށްފައި ވުމާއި ފިލްމު ބެލިމީހުންގެ ފަރާތުން ވަރަށް ޕޮޒިޓިވް ކޮމެންޓްތައް ލިބެމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން ފިލްމު ބެލުމަށް ސިނަމާތަކަށް ވަންނަ މީހުން ޝޯއަކަށް ވުރެ ޝޯއެއް އިތުރުވަމުން އައެވެ.

ދިނޭޝް ވިޖަން ޕްރޮޑިއުސްކޮށް އަމަރް ކައުޝިކް ޑައިރެކްޓްކޮށްފައިވާ "ބާލާ"ވެފައިވަނީ އަޔުޝްމާންގެ ކެރިއަރުގައި އެންމެ ރަނގަޅު ފެށުމެއް ލިބުނު ފިލްމަށެވެ.

މިހާރު އެންމެން އިންތިޒާރު ކުރަނީ މި ފިލްމަށް 100 ކްރޯޑު ކްލަބަށް ވަދެވޭނެތޯ ނުވަތަ ނޫންތޯ ބެލުމަށެވެ. ޓްރޭޑް އެނަލިސްޓުން ބުނަނީ 10 ވަރަކަށް ދުވަހުގެ ތެރޭގައި މި ފިލްމަށް 100 ކްރޯޑު ލިބޭނެކަމަށް ލަފާ ކުރެވޭ ކަމަށެވެ.