ކެންސަރަކީ ފަހަކަށް އައިސް ގިނަ ބަޔަކަށް ޖެހޭ އަދި އެ ބަލީގައި ގިނަ ބަޔަކު ދުނިޔެ ދޫކުރަން މަޖްބޫރުވެފައިވާ ބައްޔެކެވެ. އެހެންކަމުން ކެންސަރު މި ނަމަކީ ވެސް ގިނަ ބަޔެއްގެ ހިތުގައި ވަރަށް ބޮޑު ބިރުވެރިކަމެއް ވެރިވާ ބަހެކެވެ.
ކޮންމެ އަހަރަކު އެތައް މިލިއަން ބަޔަކު ކެންސަރު ބަލީގައި ދުނިޔެ ދޫކުރެ އެވެ. އެހެންކަމުން ފުރާނައަށް ނުރައްކާ މި ބައްޔަށް ފަރުވާއެއް ހޯދަން ސައިންސްވެރިން ވަރަށް ބުރަކޮށް މަސައްކަތްކުރާތާ ވަރަށް ގިނަ ދުވަސް ވެއްޖެ އެވެ.
އަދި މިކަމުގައި ސައިންސްވެރިން ވަރަށް ރަނގަޅު ކާމިޔާބެއް ހޯދައިފި ކަމަށް އިނގިރޭސި ވިލާތުގެ ނޫހަކުން ހޮނިހިރު ދުވަހު ވަނީ ބުނެފަ އެވެ. ކެންސަރު ބަލީގެ ސެލްތައް މަރާލުމަށް ސައިންސްވެރިން އުފެއްދީ ކައުފޮކްސް ސްޓައިލްގެ ވައިރަސް އެއް ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ. އަދި ފަރުވާއިން ކެންސަރު ބަލި މުޅިން ފަސޭހަ ކުރެވޭ ކަމަށް ވެއެވެ.
މި ފަރުވާއަށް ކިޔަނީ ސީއެފް33 އެވެ. މި ފަރުވާއިން ކޮންމެ ވައްތަރެއްގެ ކެންސަރެއް ވިޔަސް ފަސޭހަ ކުރެވެ އެވެ.
މީދަލަށް މި ފަރުވާ ދިނުމުން އޭގެ ހަށިގަނޑުގައި ހުރި ކެންސަރު ޓިއުމަރުތައް ކުޑަވެގެން ގޮސްފައިވާ ކަމަށް ސައިންސްވެރިން ބުނެ އެވެ.
މި ފަރުވާގެ އިންޖިނޭރަކީ އެމެރިކާގެ ކެންސަރު އެކްސްޕާޓެއް ކަމަށްވާ ޕްރޮފެސަރު ޔޫމަން ފޮންގް އެވެ. މި ފަރުވާ ޑިވެލޮޕް ކޮށްފައި ވަނީ އޮސްޓްރޭލިޔާގެ ބައޮޓެކް ކޮމްޕެނީއެއް ކަމަށްވާ އިމިއުޖީން ގައެވެ.
މި ރިސާޗް ޓީމުން މިހާރު ދަނީ މި ފަރުވާ އިންސާނުންގެ ޓެސްޓް ކުރަން ތައްޔާރު ވަމުންނެވެ. އެގޮތުން އަންނަ އަހަރު ތެރޭގައި އުރަމަތީ ކެންސަރު ޖެހިފައިވާ މީހުންނަށާއި އެނޫން ވެސް ކެންސަރުތައް ޖެހިފައިވާ މީހުންނަށް މި ފަރުވާ ދީގެން ޓެސްޓްކުރަން ހަމަޖެހިފައިވާ ކަމަށް މި ޚަބަރުގައި ބުނެފައި ވެއެވެ.
ޕްރޮފެސަރު ފޮންގް މިހާރު ގެންދަނީ އޮސްޓްރޭލިޔާގައި މީގެ ކްލިނިކަލް ޓްރައަލްތަކެއް އިންތިޒާމް ކުރަމުންނެވެ.
މި ރިޕޯޓުގައި ބުނެފައިވާ ގޮތުގައި މި "ބާސްކެޓް ސްޓަޑީ" ގައި ޓްރިޕްލް ނެގެޓިވް ބްރެސްޓް ކެންސަރު، މެލަނޯމާ، ލަންގް ކެންސަރު، ބްލެޑާ، ގެސްޓްރިކް ފަދަ ކެންސަރުތައް ޖެހިފައިވާ މީހުންނަށް މި ފަރުވާ ދީގެން ޓެސްޓްކުރަން ވަނީ ހަމަޖެހިފަ އެވެ.
މި ފަރުވާ މިހާތަނަށް ޓެސްޓްކޮށްފައިވަނީ މީދަލުގެ އެވެ. އެހެންކަމުން މިއީ އިންސާނުންނަށް އެކަށީގެންވާ ފަރުވާއަކަށް ވެދާނެކަމުގެ ޔަގީންކަމެއް ނެތެވެ. ނަމަވެސް މި އާ ފަރުވާ ތަރައްގީވެފައިވާ ގޮތުން ޕްރޮފެސަރުގެ ވިސްނުން ހުރީ ވަރަށް ޕޮޒިޓިވް ކޮށެވެ.
މި ވައިރަސް ކުރަނީ ކީއް؟
މި ވައިރަހަކީ އަރިދަފުސް ރޯގާ ޖެހުމަށް މެދުވެރިވާ ވައިރަހެކެވެ. އެމެރިކާގައި ދިރިއުޅޭ ސައިންސްވެރިންތަކެއް ވަނީ މި ވައިރަހަށް ބަދަލުތަކެއް ގެނެސްގެން ސިކުނޑީގެ ކެންސަރަށް ފަރުވާ ކޮށްފަ އެވެ. މީގެން ކޮންމެވެސް ވަރެއްގެ ކާމިޔާބެއް ވެސް ފެނުނެވެ. ސިކުނޑިއަށް ކެންސަރު ޖެހިފައިވާ ބައެއް މީހުންގެ ހަށިގަނޑުން ކެންސަރުގެ އަސަރު މުޅިން ނެތި އެތައް އަހަރެއް ދިޔަ އެވެ. ނަމަވެސް އެމީހުންނަށް އަލުން ކެންސަރު ޖެހިފައި ވެއެވެ. އަނެއްބައި މީހުންގެ ސިކުނޑީގައި އިން ޓިއުމަރު ވަރަށް ބޮޑުތަން ކުޑަވެފައި ވެއެވެ.
ހަމަ މިގޮތަށް އަރިދަފުސްރޯގާ ޖެހި އަނގަ ފާރުވުމަށް ފަރުވާދޭ އިމެލްޖިކް ނުވަތަ ޓީ-ވެކް ކިޔާ ވައިރަހަކުން މެލަނޯމާ އަށް ވެސް ފަރުވާ ކޮށްފައި ވެއެވެ. މި ވައިރަހުން ހަށިގަނޑުގައި ހުންނަ އިމިއުން ސެލްތަކުން ޓިއުމަރާއި މެލަނޯމާ ސެލްތައް ދެނެގަނެ އެ އެއްޗެތި ހަލާކުކޮށްލަ އެވެ.
ޕްރޮފެސަރު ފޮންގް ބުނާ ގޮތުގައި މީގެ 200 އަހަރު ކުރިން ސްމޯލްފޮކްސް ނުވަތަ ކަށިވިދުރިން ދިފާއުވުމަށް އުފައްދައި ކާމިޔާބު ކަމާއެކު ބޭނުންކޮށްފައިވާ ކައުފޮކްސް އަކީ އިންސާނުންނަށް އޭގެން އެއްވެސް ގެއްލުމެއް ނުލިބޭ އެއްޗެކެވެ. ނަމަވެސް ކައުފޮކްސް އާއި އެހެނިހެން ވައިރަސް މިކްސް ކޮށްގެން ޓެސްޓްކުރުމުން މީގެން ކެންސަރު ސެލްތައް މަރާލެވިދާނެކަން ސައިންސްވެރިންނަށް ޔަގީން ކުރެވުނީ ކަމަށް ޕްރޮފެސަރު ވިދާޅުވި އެވެ.
މިދިޔަ މަހު ވަނީ ޓްރައަލް ބޭހެއް ދީގެން ހަތް މަސް ތެރޭގައި އަންހެނެއްގެ އުރަމަތީ ކެންސަރު މުޅިން ފަސޭހަ ވެފަ އެވެ. ލީ މާކާ ކިޔާ މި އަންހެންމީހާ ޑައިގްނޯސް ކުރެވުނީ ސްޓޭޖް ޒީރޯ ކެންސަރެވެ. މިއީ ކެންސަރުގެ ވަރަށް ކުރީކޮޅުގެ މަރުހަލާ އެކެވެ. މާޗްމަހު މި ޚަބަރު ލިބުމާއެކު އަންހެންމީހާއަށް ޝޮކެއް ލިބުނެވެ.
މާކާ އަށް ފަރުވާދިނީ މާޔޯ ކްލިނިކް ގައެވެ. އަދި ކެންސަރު ސެލްތަކަށް ޓާގެޓްކުރާ ވެކްސިންއެއް ޖަހަން އެއްބަސްވެ އާ ކްލިނިކަލް ޓްރައަލްގައި ބައިވެރިވުމުގެ ފުރުސަތު އޭނާއަށް ދިނެވެ. އޭނާ މި ފުރުސަތުގެ ބޭނުން ހިފައި ވެކްސިން ޖެހި އެވެ. އަދި މި ވެކްސިންގެ ސަބަބުން އެންމެ ހަތް މަސް ތެރޭ އޭނާ ވަނީ މުޅިން ފަސޭހަ ވެފަ އެވެ.