ވިޔަފާރި

އެޗްޑީއެފްސީ ޞުކޫކް އާއި ބޮންޑު ގަންނަ އިތުރު ފުރުސަތެއް

Nov 11, 2019

ހައުސިން ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ) އިން ޞުކޫކް އާއި ބޮންޑު ގަންނަން ބޭނުންވާ ފަރާތްތަކަށް އިތުރު ފުރުސަތެއްދީ، މުއްދަތު އިތުރުކޮށްފި އެވެ.

އެޗްޑީއެފްސީ އިން ބޮންޑާއި ޞުކޫކް ވިއްކަން ކުރިން ހުޅުވާލި ސުންގަޑި މާދަމާގެ ނިޔަލަށެވެ. ނަމަވެސް އެ ކުންފުނިން މިއަދު މުއްދަތު އިތުރު ކުރުމާއެކު މިމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށް ގަންނަ ފުރުސަތު ލިބޭނެ އެވެ.

އެޗްޑީއެފްސީ އިން މުޟާރަބާ ޞުކޫކް (އިސްލާމިކް ބޮންޑު) ވިއްކަނީ 1،000ރ. އަށެވެ. އަދި ވިއްކަނީ 200،000 ޞުކޫކް އެވެ. އެ ކުންފުނިން ޓާގެޓް ކޮށްފައިވަނީ މި އަދަދަށް ޞުކޫކް ވިއްކައިގެން 200 މިލިއަން ރުފިޔާ ހޯދުމަށެވެ.

އެޗްޑީއެފްސީ އިން މިފަހަރު 80،000 ބޮންޑު ވިއްކަން ވެސް ފުރުސަތު ހުޅުވާލާފައިވެ އެވެ. ބޮންޑެއް ވިއްކާ އަގަކީ 1،000ރ. އެވެ. ބޮންޑު ދޫކުރާނީ 10 އަހަރު ދުވަހަށެވެ. ބޮންޑު ގަންނަ ފަރާތް ތަކަށް އަހަރަކު ދެ ފަހަރު ފައިދާ ލިބޭއިރު، ބޮންޑެއް ދޫކުރަނީ ހަތް ޕަސެންޓުގަ އެވެ.

އެޗްޑީއެފްސީގައި ދިވެހި ސަރުކާރުގެ 49 ޕަސެންޓް ހިއްސާ އާއި އިންޓަނޭޝަނަލް ފައިނޭންސް ކޯޕަރޭޝަން (އައިއެފްސީ) ގެ 18 ޕަސެންޓު ހިއްސާ އަދި އޭޝިއަން ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އޭޑީބީ) ގެ 18 ޕަސެންޓް ހިއްސާ އާއި އެޗްޑީއެފްސީ އިންވެސްޓްމަންޓް އިންޑިޔާގެ 15 ޕަސެންޓް އޮވެ އެވެ.