ރިޕޯޓް

ފުރަތަމަ މުސާރަ ބޮޑު ކުރާނީތަ؟ ނޫނީ މައްސަލަ ހައްލު ކުރާނީތަ؟

Aug 18, 2015

ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ މައްސަލައަކީ އަބަދުވެސް އެންމެ ޝަކުވާ ބޮޑު އެއް މައްސަލަ އެވެ. ޓީޗަރުން ޑޮކްޓަރުން، ފަނޑިޔާރުން އަދި ކީއްކުރަން ބޮޑު މުސާރައެއް ލިބޭ މިނިވަން މުއައްސަސާތަކުން އަަބަދު "ހަޅޭއް" ލަވަނީ އެ މީހުންގެ މުސާރަ މާ ކުޑަވެގެންނެވެ. ރައްޔިތުން މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހަމަ ދޭތެރެ ދޭތެރެއިން ކޮންމެވެސް އެލަވަންސެއް ނޫނީ މުސާރައިގެ ކުރިއެރުން ހޯދަން މައްސަލައެއް އޮންނާނީ ވައްދައިފަ އެވެ. 

ތަންކޮޅެއް ފުންކޮށް ވިސްނާލާ އިރު ދައުލަތުގެ މުވައްޒަފުންގެ މުސާރަތަކަކީ މިއީ ހަމަ ބޮޑު ޖޯކެކެވެ. މައްސަލައިގެ އެންމެ ފުނަށް ދާއިރު، މި ޝަކުވާތަކާ ހުރެ ގެނެވުނު ބަދަލުތަކުން ދައުލަތުގެ މުވައްޒަފުންގެ މުސާރަތައް މި ވަނީ ހަމައިން ނެއްޓިފަ އެވެ. މުސާރަތަކުގައި އިންސާފުވެރި ހަމަހަމަކަން މި ވަނީ އެކީ ނެތިފަ އެވެ. ފަހަރެއްގައި ގަބޫލު ކުރަން ވެސް އުނދަގޫވެދާނެ އެވެ. އެކަމަކު މިއީ ހަމަ ހަގީގަތެވެ.

 * އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ ޑެޕިޔުޓީ ޑިރެކްޓަރު ޖެނެރަލް، އިންވެސްޓިގޭޝަންގެ ޖުމްލަ އުޖޫރަ މަހަކު 26،700ރ. އެ މަގާމާ އެއްވަރު ސިވިލް ސާވިސް މުވައްޒަފަކަށް 14،400ރ. އެވެ. ދެ މީހުންނަށް ލިބޭ އުޖޫރާގައި 12،300ރ. ގެ ބޮޑު ފަރަގެއް އެބަހުއްޓެވެ.

 * ޑިޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ ޑިރެކްޓަރެއްގެ އުޖޫރަ އަކީ މަހަކު ގާތްގަނޑަކަށް 17،652.50ރ. އެ މަގާމާ އެއްވަރުގެ ސިވިލް ސާވިސް މުވައްޒަފެއްގެ މުސާރަ ގާތްގަނޑަކަށް 10،835ރ. ފަރަގަކީ 6،871.50ރ.

 * ސިވިލް ސާވިސްގެ މަސައްކަތު މީހަކަށް ގާތްގަނޑަކަށް 4،100ރ. ލިބޭއިރު، ޕްރޮސެކިޔުޓާ ޖެނެރަލް އޮފީހުގެ މަސައްކަތު މީހަކަށް 5،819ރ. އަށް ވުރެ މަތި. މިއީ ގާތްގަނޑަކަށް 2،000ރ. ގެ ފަރަގެއް.

މިއީ ކޮން ކަހަލަ އިންސާފެއް ހެއްޔެވެ؟ އެއް ފެންވަރުގެ މަގާމެއް އަދާކުރާ މުވައްޒަފުންނަށް އެ ހުރެވޭ ތަނެއްގެ ގޮތުން މާ މުސާރަ ކުޑަވުމަކީ މިއީ އަދި ދުޅަހެޔޮ ގޮތެއް ނޫނެވެ. މުސާރަތައް ބޮޑުކުރުމުގެ ވާހަކައިގެން ކުރިން މިއީ މާ އަވަހަށް ވެސް ހައްލު ހޯދަން ޖެހޭ މައްސަލައެއް ކަމަށް އިގްތިސާދީ ދާއިރާގެ ބޭފުޅުން ގަބޫލު ކުރައްވަ އެވެ.

"އެކި މުއައްސަސާތަކުގެ ތެރޭގައި ވެސް މުސާރައިގެ ތަފާތުތައް އެބަހުރި. އަދި މިނިވަން މުއައްސަސާތަކާއި ސިވިލް ސާވިސްއާ ދެމެދު ވެސް މުސާރައިގެ ތަފާތު ވަރަށް ބޮޑު. މި ފަރަގުތައް ނައްތާލަން އެބަ ޖެހޭ. މިގޮތަކަށް ކުރިއަކަށް ނުދެވޭނެ،" މިއީ ފިނޭންސްގެ ޕާމެނެންޓް ސެކްރެޓަރީކަން ކުރެއްވި އިސްމާއިލް އަލިމަނިކު ފާޅު ކުރައްވާފައިވާ ހިޔާލެކެވެ.

 

ރާއްޖެއަށް އައި ޑިމޮކްރަސީގެ ކުއްލި އޮއިވަރާ އެކު ނުކަތާ ވަރުގެ މިނިވަން މުއައްސަސާތަކެއް އުފެދި، އެ މީހުންގެ ނަޒާހަތްތެރިކަމުގެ ނަމުގައި ހިތުހުރި އަދަދަކަށް މުސާރަތައް ބަހާލާ އުސޫލުން ކަންކަން ކުރުމަކީ މި މައްސަލައިގެ ފެށުމެވެ. ސިވިލް ސާވިސްގައި މަސައްކަތް ކުރާ ސެކްރެޓަރީ ޖެނެރަލް ފެންވަރަށް 25،000ރ. ވަރު ލިބޭއިރު، އެހެން ބައެއް ކޮމިޝަންތަކުގެ ސެކްރެޓަރީ ޖެނެރަލަށް 49،000ރ. ލިބެ އެވެ. މިއީ މައްސަލައެކެވެ. އެކަމަކު މިނިވަން މުއައްސަސާތައް ކަމަށް ވިޔަސް އެތަންތަނުގެ ގިނަ ވަޒީފާތަކުގެ ޒިންމާ ސިވިލް ސާވިސްގެ ވަޒީފާތަކާ ވަކި ތަފާތެއް ނުހުރެ އެވެ. މިސާލަކަށް މަސައްކަތު މީހާ އަދާކުރަން ޖެހެނީ އެއް މަސްއޫލިއްޔަތެކެވެ. އެހެންކަމުން ދެ ތަނުގައި މުސާރައިގެ އެހާ ބޮޑު ތަފާތެއް ހުރުމުން ދައުލަތުގެ ހަރަދުތައް ބޮޑުވެ، ޝަކުވާތައް އިތުރުވެ އެވެ. ދައުލަތަށް ލިބޭ އާމްދަނީއާ އެކަށީގެންވާ މުސާރައިގެ އޮނިގަނޑެއް ބޭއްވުން މުހިންމެވެ.

"އުޖޫރާގައި ތަފާތެއް ހުރިއްޔާ މަސައްކަތް ކުރުމުގެ ޖޯޝް ދަށްވާނެ. އެ ތަފާތު ހުރިއްޔާ ގަޔާވެގެން އެ މަސައްކަތް ކުރަން ޖެހޭ ގޮތަކަށް ނުކުރެވޭ. މީގެ ސަބަބުން އެކަށޭނަ ސިވިލްސާވިސްއެއް އެކުލަވާލަން އެބަ އުނދަގޫވޭ. މީގައި ހަރުދަނާ ސިޔާސަތުތަކެއް ވަރަށް މުހިންމު. މުސާރަތައް ބޮޑު ކުރުމަށް ވުރެން ހަރުދަނާ ސިޔާސަތެއްގެ ތެރެއިން ކަންކަން ހަމަޔަކަށް އެޅުވުން މުހިންމު،" އިގްތިސާދީ ދާއިރާގެ ބޭފުޅަކު ވިދާޅުވި އެވެ. ""މި ބަލި މިއީ ވަރަށް ކުރީ ޒަމާނުއްސުރެ އުފެދިގެން އައި ކަމެއް. އެކަން ފެށުނީ ސަރުކާރުގެ ކުންފުނިތަކުގެ ސަބަބުން. އެއާޕޯޓްސް ކޮމްޕެނީގެ މުވައްޒަފުންގެ މުސާރަ ބޮޑުކުރުމުން އެހެން ކުންފުނިތައް ބޮޑުކުރަން ފެށީ. މިކަން ވަބާއަކަށް ވެގެންދިޔައީ،"

 

ލިބޭ އުޖޫރައާ މެދު ހިތްހަމަނުޖެހޭ ނަމަ ވަޒީފާ އަދާކުރުމުގެ 100 ޕަސެންޓް ހިތްހަމަޖެހުމެއް ނޯންނާނެ އެވެ. އޭގެ ނަތީޖާއަކަށް ވާނީ ވަޒީފާތަކަށް ނިކުންނަން ތިބި ޒުވާނުންނަށް މާޔޫސްކަން ކުރިމަތިވުމެވެ. ދެން ނުކުންނަ އިގްތިސާދީ ބޮޑު މައްސަލައަކީ ޒުވާނުން ވަޒީފާތަކާ ދުރަށް ދިޔުމެވެ. އެއްވެސް މެރިޓަކަށް ބެލުމެއް ނެތި އެކަށައަޅާފައި އޮންނަ މުސާރައިގެ މިންގަނޑުގެ ސަބަބުން ޕިޔޯނަށް ލިބޭ މުސާރަ، ބައެއް ރަށްރަށުގެ ސްކޫލްތަކުގެ ޓީޗަރުންނަށް ލިބިފައި އެބަ ހުއްޓެވެ. މިއީ ތައުލީމީ ޒުވާނުން ވަޒީފާތަކާ ދުރަށް ދުވާނެ މައްސަލައެކެވެ. ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހި ކުރުމަށް މިއީ ސަރުކާރުގެ ކުރިމަތީގައި އޮތް ބޮޑު ޗެލެންޖެއް ކަމަށް ފެނެ އެވެ. މުސާރަތައް ކަނޑައެޅުމުގައި ތައުލީމީ ފެންވަރާއި ނަގަން ޖެހޭ ޒިންމާ އަށް ވެސް މާ ބޮޑު ސަމާލުކަމެއް ދީފައިނުވާކަން މިއީ ގަބޫލު ކުރަން ހަގީގަތެކެވެ.

ސިވިލް ސާވިސް މުވައްޒަފުންގެ ފަރާތުން އެންމެ ފުރިހަމަ ނަތީޖާ ނެރުމުގައި ވެސް އުޖޫރައިގައި ތަފާތުތަކެއް ހުރުމުގެ މައްސަލަ ކުރިމަތިވާ ކަމަށް އެ ކޮމިޝަންގައި މީގެ ކުރިން މަސައްކަތް ކުރެއްވި ބޭފުޅަކު ވިދާޅުވި އެވެ. އަދި އެހެން ތަންތަނުން ދޭ އުޖޫރަ ބޮޑުވުމަކީ ސިވިލް ސާވިސްގައި މަސައްކަތް ކުރުމުގެ ރޫހު ގެއްލި، މުވައްޒަފުން ބިނާކުރުމުގެ ފުރިހަމަ ބޭނުން ނުހިފޭ ސަބަބެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން ބިނާކުރާ މީހާ ކޯސް ފުރިހަމަ ކުރުމަށް ފަހު ދުވަސްކޮޅަކު ވެސް މަޑުނުކޮށް މިދަނީ ބޮޑު މުސާރަ ލިބޭ ދިމާލަށް. މީހުން ބިނާކުރުމަށް އެކުރާ މަސައްކަތުގެ ނަތީޖާއެއް ސިވިލް ސާވިސްއަކުން ނުފެނޭ،" އޭނާ ވިދާޅުވި އެވެ.

ސިވިލް ސާވެންޓުންނާއި މިނިވަން މުއައްސާތަކުގެ މުސާރައިގެ ފަރަގަކީ އިގްތިސާދުގެ ހަމަހަމަކަން ގެއްލުމަށް ކުރިމަތިވާ ސަބަބެއް ކަމަށް ބައެއް އިގްތިސާދީ ބޭފުޅުން ގަބޫލުކުރައްވަ އެވެ. އެ ބޭފުޅުންގެ ނަޒަރުގައި އެއީ އިގްތިސާދެއްގައި އުޅޭ ފަގީރުންނާއި މުއްސަނދިންނާ ދެމެދު ހުރި ފަރަގު ކުޑަކުރުމަށް ކުރިމަތިވާ ބޮޑު ހުރެހެކެވެ.

 

 

ދައުލަތުން މިހާރު މުސާރަތަކަށް ކުރާ ހަރަދަށް ބަލާއިރު އަހަރެއްގެ މައްޗަށް ސިޔާސީ މަގާމުތަކުގައި ތިބި 553 މީހުންނަށް 169.1 މިލިއަން ރުފިޔާ ހަރަދުކުރެ އެވެ. ސިވިލް ސާވިސްގެ 24،005 މުވައްޒަފުންނަށް 2.6 ބިލިއަން ރުފިޔާ ހަރަދު ކުރަން ޖެހޭއިރު ޔުނީފޯމް މަގާމުތަކުގައި ތިބި 7108 މީހުންނަށް 1.1 ބިލިއަން ރުފިޔާ ހަރަދު ކުރަންޖެހެ އެވެ.

އިންތިހާބީ މަގާމުތަކުގައި ތިބި 1419 މީހުންނަށް 360.7 މިލިއަން ރުފިޔާ ހޭދަވާ އިރު މިނިވަން މުއައްސަސާތަކުގެ 3832 މުވައްޒަފުންނަށް 424.10 މިލިއަން ރުފިޔާ އަހަރަކު ހަރަދުކުރަން ޖެހެ އެވެ.

މިހާ ބޮޑެތި ހަރަދުތަކެއް ދައުލަތުން ކުރާ އިރު، އޭގެ ސަބަބުން ނިކުންނަ ވަކި ރަނގަޅު ނަތީޖާއެއް އޮތްހެނެއް ހިއެއް ނުވެ އެވެ. މުއައްސަސާތަކަށް މަސައްކަތް ނުކުރެވުމާ ސްޕީޑް ލަސްވުމަކީ ހަމަ އަދިވެސް އޮތް ޝަކުވާ އެވެ. ކޮންމެ އަހަރަކު ބަޖެޓް އެކުލަވާލާ އިރު، ބަޖެޓް ކޮމިޓީގެ މެންބަރުން އެންމެ ބޮޑަށް ކަންބޮޑުވުން ފާޅު ކުރާނީ ނަތީޖާ ނުދެއްކޭ މައްސަލައިގަ އެވެ. ރާއްޖޭގެ ތަޖުރިބާގައި މުސާރައެއް ވަކި ބޮޑު ކުރުމަކުން މަސައްކަތަކުން ނަތީޖާއެއް ނުފެންނާނެ އެވެ.

ދެން އޮތް އަނެއް މައްސަލައަކީ ސަރުކާރުގެ އޮފީސްތަކުގައި ތިބި ފަންނީ އެތައް މުވައްޒަފުންނެއް މިނިވަން މުއައްސަސާތަކަށް ބޮޑު މުސާރަ އަށް ބަދަލުވި އެވެ. އަދި މިހާރު ވެސް އެ ވާދަވެރިކަން އެބަ އޮތެވެ. އޭގެ ސަބަބުން ސިވިލް ސާވިސްގައި ތިބި ޓެކްނިކަލް ގާބިލް މުވައްޒަފުން މަދުވެ، ހިދުމަތް ދޭނެ ފެންވަރު ރަނގަޅު މުވައްޒަފުން އެކީގައި މަދުވަނީ އެވެ.

"ފުރިހަމަ އަށް ހިދުމަތް ދިނުމަށްޓަކައި އެންމެ ރަނގަޅު މީހުން ހޯދަން މުސާރަތައް ބޮޑު މިކުރަނީ. ފުދޭވަރަށް ތަމްރީނުވެފައިވާ ގިނަ މީހުން ނެތް ތަނެއްގައި އެގޮތަށް ދޫކޮށްލުމަކީ އެންމެ ރަނގަޅު ގޮތަކަށް ނުވެދާނެ،" ސިވިލް ސާވިސް ކޮމިޝަންގެ ބޭފުޅަކު ވިދާޅުވި އެވެ.

 

 

މުސާރަތައް ހަމަޔަކަށް އެޅުވުމުގެ ވާހަކަ ދައްކައި ދައްކާ ތިބޭތާ ކިތަންމެ އަހަރެއް ވެއްޖެ އެވެ. އެކަމަށް ޕޭ ކޮިޝަނެއް ވެސް އެކުލަވާލާފައި އެބަ އޮތެވެ. އެކަމަކު ތަފާތު ސަބަބުތައް އައިސް އެ ކޮމިޝަން މި އޮތީ ހަމަ ނިދާފަ އެވެ. އެ މީހުންނަށް ވާކަމެއް ހަރާމެވެ. ރިވިއުކޮށް މިހާތަނަށް އެޅުނު ފިޔަވަޅެއް އަދި މަޖިލީހަށް ލަފައެއް ދިން ވާހަކައެއް އަޑެއް ނާހަމެވެ. އެކަމަކު މިހާރު ވެސް މާ ލަސްވެއްޖެ އެވެ. ދައުލަތުގެ މުވައްޒަފުންގެ އަދަދު ކުޑަކޮށް، ނަމަވެސް ފަންނީ ރަނގަޅު މުވައްޒަފުންގެ ޕޫލްއެއް މިވަނީ އުފައްދަން ޖެހިފަ އެވެ. ދައުލަތުގެ ވަޒީފާތަކުން ކެނޑިގެން ދާ މީހުންގެ ނިސްބަތް ވެސް ގިނަ އިރު، މިއީ މުސާރައިގެ މިންގަނޑުގެ މައްސަލައަކަށް ވެސް ވެދާނެ އެވެ. ދައުލަތުގެ މުސާރައިގެ މިންގަނޑުގައި ހަމަހަމަކަމެއް ނެތުމުގެ ސަބަބުން ނުކުންނަ މައްސަލަތައް ފުނިޖެހިފައި ހުރި އިރު އެ މައްސަލަތަކުގެ ފުނަށް މި ބުނާ ޕޭކޮމިޝަނުން އެބަ ފީނަން ޖެހެ އެވެ. ދައުލަތުގެ މުވައްޒަފުންގެ މުސާރައިގެ ހަމަހަމަ ކަމަށް މުޅި ސިސްޓަމް މި ވަނީ އޯވަހޯލް ކުރަން ޖެހިފަ އެވެ. އެެހެން ނޫނީ މި އިގްތިސާދީ ބަލިމަޑުކަމުން އަރައި ގަނެވޭނެ ހެނެއް ހިޔެއް ނުވެ އެވެ.