ހަބަރު

ރައްޔިތުންނަށްވި ގިނަ ވައުދުތައް ފުއްދޭނެ، ބަޖެޓް ފާސްކޮށްދެއްވާ: އަމީރު

Nov 12, 2019
5

އަންނަ އަހަރުގެ ބަޖެޓު އެކުލަވާލާފައިވަނީ ނިމިދިޔަ ރިޔާސީ އިންތިހާބާ ދިމާކޮށް ސަރުކާރުން ރައްޔިތުންނަށްވެފައިވާ ގިނަ ވައުދުތަކެއް ފުއްދިގެންދާނެ ބަޖެޓެއް ކަމަށާއި، އެ ބަޖެޓު ސަރުކާރުން ހުށަހެޅި ގޮތަށް ފާސް ކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ކިބައިން ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު އެދިވަޑައިގެންފި އެވެ.

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގެ ބަހުސް މަޖިލީހުގައި މިއަދު ފެށުމުގެ ކުރިން، އަމީރު ވަނީ ބަޖެޓާ ގުޅޭގޮތުން ހުލާސާކޮށް މައުލޫމާތު ސާފުކޮށްދެއްވައިފަ އެވެ.

އެގޮތުން، ބަޖެޓް ތައްޔާރުކޮށްފައިވާނީ މިދިޔަ ޖުލައި މަހު ސަރުކާރުން ތައްޔާރުކުރި ފިސްކަލް ސްޓްރެޓަޖީގައި ހިމަނާފައިވާ ލަނޑުދަނޑިތައް ހާސިލްވާގޮތަށް، މެދު ރާސްތާ އިގުސިތޯދީ ތަސައްވަރަށް ބަލާފައިކަމަށް އަމީރު ވިދާޅުވި އެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވި ގޮތުގައި، ސިއްހީ އަދި ތައުލީމީ ދާއިރާއަށް އަންނަ އަހަރުގެ ބަޖެޓުން އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމަށެވެ.

އަންނަ އަރަށް ލަފާކޮށް އެކުލަވައިލި ބަޖެޓުގައިވާ ގޮތުން ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް 4.1 ބިލިއަން ރުފިޔާ ވަނީ ހިމަނައިފަ އެވެ.

އެގޮތުން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލް ޓާޝަރީ ހޮސްޕިޓަލަކަށް ބަދަލު ކުރަން 51 މިލިއަން ރުފިޔާ ހަރަދު ކުރުމަށާއި ތިނަދޫގައި ޓާޝިއަރީ ހޮސްޕިޓަލެއް އަޅަން 90 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ވަނީ ނިންމައިފަ އެވެ. އަދި އެކި ރަށްރަށުގައި ސިއްހީ ތަންތަން ތަރައްގީ ކުރުމާއި ހިދުމަތްތައް ފުޅާ ކުރުމަށް ބޭނުންވާ ބަދަލުތައް ގެންނަން 184 މިލިއަން ރުފިޔާ ހަރަދު ވާނެ ކަމަށް ވެސް ވަނީ ލަފާކޮށްފަ އެވެ.

އަމީރު ވިދާޅުވި ގޮތުގައި ތައުލީމީ ދާއިރާއަށް މިހާތަނަށް ހިމަނާފައިނުވާ ވަރުގެ ބަޖެޓެއް ސަރުކާރުން ހުށަހަޅާފައިވާ ކަމަށެވެ. އެގޮތުން، ހިލޭ ޑިގްރީ އާއި ދަރިވަރުންގެ ލޯން ސްކީމްގެ އިތުރުން ނާސްތާ ޕްރޮގްރާމަށް 4.42 ބިލިއަން ރުފިޔާ ބަޖެޓްގައި ހިމަނާފައިވާކަމަށް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.

ބަޖެޓްގެ މުހިއްމު ބައިތައް

  • ޖުމްލަ ބަޖެޓް: 37.5 ބިލިއަން ރުފިޔާ
  • ރިކަރެންޓް ހަރަދު: 22.2 ބިލިއަން ރުފިޔާ
  • ޕީއެސްއައިޕީ: 10.2 ބިލިއަން ރުފިޔާ
  • ކެޕިޓަލް: 5.1 ބިލިއަން ރުފިޔާ
  • އާމްދަނީ: 29.9 ބިލިއަން ރުފިޔާ
  • ޑެފިސިޓް: 5.7 ބިލިއަން ރުފިޔާ

ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ގެނައުމުގެ ގޮތުން ސަރުކާރުގެ ސްޓެރެޓެޖިކް އެކްޝަން ޕްލޭންގައި ހިމަނާފައިވާ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި އަޅާ 20،000 ހައުސިން ޔުނިޓްގެ މަޝްރޫއު ފެށުމަށްޓަކައި އަންނަ އަހަރަށް ލަފާ ކުރާ ދައުލަތުގެ ބަޖެޓްގައި 600 މިލިއަން ރުފިޔާ ހިމެނިފައިކަންވެސް އަމީރު ވަނީ ތަކުރާރުކުރައްވައިފަ އެވެ.

އަމީރު އިތުރަށް ވިދާޅުވި ގޮތުގައި، ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި އާ ފަސް ކަމެއް ހިމަނާފައިވެ އެވެ. އޭގެ ސަބަބުން ދައުލަތަށް 2.5 ބިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށް ލަފާ ކޮށްފައިވާ ކަމަށެވެ.

އެ ގޮތުން ބިދޭސީންގެ ކޯޓާ ފީއެއް ތައާރަފުކުރުމާއި ވޯކް ޕާމިޓް ފީ މަތިކުރުން ހިމެނެ އެވެ. އެއިން 714 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެ އެވެ. އިންކަމް ޓެކްސް ތައާރަފު ކޮށްގެން 706 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އާ ރިސޯޓްތަކެއް ހުޅުވާލައި އިކުއިޒިޝަން ކޮސްޓުން ދައުލަތަށް އިތުރަށް 290 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެ އެވެ.

ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ގެންނަ ބަދަލުތަކާއެކު 558 މިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ލިބޭނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައިވެ އެވެ. އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް ގެންނަ ބަދަލުތަކުން ދައުލަތަށް އިތުރުވާނެ ކަމަށް ލަފާކޮށްފައި ވަނީ 319 މިލިއަން ރުފިޔާ ހިމެނެ އެވެ.

"މި ބަޖެޓު އެކުލަވާލާފައިވަނީ ސަރުކާރުގެ މެނިފެސްޓޯގައި ހިމެނޭ ގިނަ ވައުދުތަކެއް ފުއްދޭނެ ގޮތަށް ބަލައިގެން. އެހެންވީމާ، އަޅުގަނޑުގެ އެދުމަކީ މި މަޖިލީހުން ސަރުކާރުން ހުށަހެޅިގޮތަށް މި ބަޖެޓު ފާސްކޮށްދެއްވުން،" މަޖިލީސް މެންބަރުންގެ ކިބައިން އަމީރު އެދިވަޑައިގެންނެވި އެވެ.

މަޖިލީހުގެ އާންމު ކޮމިޓީން ވަނީ މަޖިލިހުގެ ޖަލްސާގައި ބަޖެޓަށް ބަހުސް ކުރަން 21 ގަޑިއިރު ކަނޑައަޅައިފަ އެވެ. އެހެންކަމުން ކޮމެޓީން ބަޖެޓް ފާސްކުރުމުގެ ކުރިން ކޮންމެ މެންބަރަކަށް 15 މިނެޓް އަދި ކޮމެޓީ ރިޕޯޓަށްފަހު ބަޖެޓަށް ބަހުސްކުރުމަށް ހަތް މިނެޓް ލިބޭނެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި ގޮތުގައި ބަޖެޓް ބަހުސަށް 21 ގަޑިއިރު ކަނޑައަޅާފައިވާތީ، މިއަދުގެ ޖަލްސާވެސް ހަވީރު 5:00 އާ ހަމައަށް ކުރިއަށް ގެންދިޔުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި މެންބަރަކަށް ދެވިފައިވާ ވަގުތު ޖެހުމުން, ތަޅުމުގައި ނެތި ގޭގައި ހުންނެވިޔަސް، މަޖިލީހުގެ ސާޖަންޓް އޮފް އާމްސް މެދުވެރިކޮށް އެ މެންބަރަކު ގެންނަވާ، ބަހުސްގައި ބައިވެރިކުރައްވާނެކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.