ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެ ހުންނެވި ގާޒީ އަލީ ރަޝީދު ދިރިއުޅުއެްވާ ފްލެޓަށް ބަޔަކު ގެއްލުން ދިން މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފި އެވެ.
ފުލުހުން ބުނީ ގާޒީ އަލީ ރަޝީދު ދިރިއުޅުއްވާ ފްލެޓްގެ ބޭރު ދޮރަށް ގެއްލުންތަކެއްދީ ލިޔުމެއް ލިޔެފައިވާ މައްސަލަ ރޭ ފަތިހު ފުލުހަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ ގޭގެ ދޮރަށް ގެއްލުން ދޭން ބޭނުންކުރި ކޯރާޑިއެގޭގެ ގޭގެ ދޮރު ކައިރިން ފެނިފައިވާއިރު އެ މައްސަލައާ ގުޅިގެން މިހާތަނަށް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ. ނަމަވެސް ފުލުހުން ބުނީ މައްސަލައާއި ގުޅިގެން އަޅަންޖެހޭ ފިޔަވަޅު އަޅައި ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
އަލީ ރަޝީދު ކްރިމިނަލް ކޯޓު ހިންގެވުމާއި ހަވާލުވެވަޑައިގަތީ ޖޭއެސްސީ އިން އެ ކޯޓުގެ އިސް ގާޒީ އަހްމަދު ހައިލަމް ސަސްޕެންޑް ކުރުމާއި ގުޅިގެންނެވެ. ހައިލަމް ސަސްޕެންޑްކުރީ ނަސްރުގެ ދުވަހާ ގުޅިގެން ކުރިމިނަލް ކޯޓުގެ އިޖުތިމާއީ ކަންކަމުގައި މަޝްވަރާކޮށް ހިޔާލު ބަދަލު ކުރުމަށް ހަދާފައިވާ ވައިބާ ގުރޫޕަށް ހައިލަމް ފޮނުއްވި ތަހުނިޔާގެ މެސެޖާ ގުޅިގެނެވެ.
ހައިލަމް ސަސްޕެންޑް ކުރުމާއެކު އިދިކޮޅު ފަރާތްތަކުގެ ފާޑުކިޔުން ސަރުކާރަށް ވަރަށް ބޮޑަށް ވަނީ އަމާޒުވެފަ އެވެ. އަދި ހައިލަމްވެސް ވަނީ ސަރުކާރަށް ތަފާތު އެކި ތުހުމަތުތަކެއް ކޮށްފަ އެވެ.