ކުޅިވަރު

ބެންޒެމާއަށް ގައުމީ ޓީމުން ފުރުސަތެއް ނެތް: ޑެޝޯންޕް

ރެއާލް މެޑްރިޑްގެ ފޯވަޑް ކަރީމް ބެންޒެމާއަށް ގައުމީ ޓީމުގެ ކެރިއާ ނިމިއްޖެ ކަމަށް ފްރާންސްގެ ގައުމީ ޓީމުގެ ކޯޗް ޑިޑިއޭ ޑެޝޯމްޕް ބުނެފި އެވެ.

މި ސީޒަންގައި ރެއާލް މެޑްރިޑްގައި ބެންޒެމާ ދައްކަމުންދާ ކުޅުމާއެކު، އެ ޓީމުގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ ފްރާންސްގެ ގައުމީ ޓީމަށް ކުޅުމަކީ ބެންޒެމާ އަބަދުވެސް އެދޭ ކަމެއް ކަމަށެވެ.

"ހަމަ ރަނގަޅަށް މި ބުނަނީ އަހަންނަކަށް ނޭނގެ ބެންޒެމާ އާ މެދު އޮތް މައްސަލައަކީ ކޮބައި ކަމެއް،" ޒިދާން ބުނެފައި ވެއެވެ. "ފުޓްބޯޅައިގެ ނަޒަރުން ވިސްނަންޏާ އޭނާ ހުރީ ރަނގަޅު ފޯމެއްގައި، އަހަރެން ގަބޫލު ކުރާ ގޮތުގައި ފްރާންސްގެ ގައުމީ ޓީމުން އޭނާއަށް ޖާގަ ހައްގު، މިހާރު އެ ދައްކާ ކުޅުމުން ހަމަޔަގީނުން ވެސް އޭނާ އަށް ޖާގަ ހައްގު."

މޯލްޑޯވާ އާއި އަލްބޭނިއާ ދެކޮޅަށް ފްރާންސް ކުޅެން ހަމަޖެހިފައިވާ މެޗުތަކުގެ ކުރިން ބޭއްވި ނޫސް ކޮންފަރެންސްގައި ވާހަކަ ދައްކަމުން ޑެޝޯމްޕް ބުނީ ޒިދާން އެ ފާހަގަ ކުރި ނުކުތާ އާމެދު އޭނާގެ މައްސަލައެއް ނެތް ކަމަށެވެ.

އެހެން ނަމަވެސް ބެންޒެމާ ގައުމީ ޓީމަށް ނުނަގާ ސަބަބާ ބެހޭގޮތުން ޑެޝޯމްޕް އިތުރު ތަފްސީލެއް ނުދެ އެވެ.

"ކަރީމް [ބެންޒެމާ] އާ މެދު އަހަރެންގެ މައްސަލައެއް ނެތް،" ޑެޝޯންޕް ބުންޏެވެ. "އެކަމަކު އަހަންނަށް ހީވަނީ އޭނާ އަށް މިހާރު ގައުމީ ޓީމުގެ ކެރިއާ ނިމިއްޖެ ހެން."