ޑރ. އަހުމަދު އަބްދުﷲ ދީދީ

އުއްތަމަ ފަނޑިޔާރުގެ ދިފާއުގައި އިލްޔާސް

ކަމުގެ އިލްމު ލިބިފައިވާ ގާބިލް، ޝަރީއާއިން ޕީއެޗްޑީ އޮތް ބޭފުޅަކު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށް ވިދާޅުވެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ދިފާއުގައި މަޝްހޫރު ދީނީ އިލްމުވެރިޔާ ޝައިޚް އިލްޔާސް ހުސައިން ވާހަކަފުޅު ދައްކަވައިފި އެވެ.

ޖޭއެސްސީއިން އުއްތަމަ ފަނޑިޔާރުގެ ގިނަ ސުލޫކީ މައްސަލަތަކެއް ދަނީ ބަލަމުންނެވެ. އޭގެ ތެރެއިން ގިނަ މައްސަލަތަކަކީ ގާނޫނީ އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުންތައް ކަމަށް ބުނެ އެކުލަވައިލި ރިޕޯޓްގައި ހިމެނޭ މައްސަލަތަކެވެ.

އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީގެ ދިފާއު ކުރައްވާ އިލްޔާސް ވިދާޅުވީ ކަމުގެ އިލްމު ލިބިފައިވާ ގާބިލް، ގުރުއާން ހިތުދަސް އަދި ޝަރީއާއިން ޕީއެޗްޑީ އޮތް ބޭފުޅަކު އުއްތަމަ ފަނޑިޔާރުގެ މަގާމުގައި ހުންނެވުމަކީ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ.

"އެ ފަދަ ބޭފުޅަކު މަގާމުން ވަކިކޮށް، ޝަރީއާގެ އިލްމު ލިބިފައިނުވާ ބަޔަކު އެ މަގާމަށް ގެނައުމަކީ ކޮންފަދަ އިންސާފެއްތޯ؟. ރައްޔިތުން މިކަމާމެދު ވިސްނަވާ." އިލްޔާސް ވިދާޅުވިއެވެ.

ޖޭއެސްސީން ބަލަމުންދާ އުއްތަމަ ފަނޑިޔާރު އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ މައްސަލައާއި ގުޅިގެން އެ ކޮމިޝަނުން ފޮނުވި ނޯޓިހާ ހަވާލުވާން އެމަނިކުފާނު ރޭ ވަނީ ދެކޮޅު ހައްދަވާފަ އެވެ.

ޖޭއެސްސީން ބުނީ އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައަކާއި ގުޅިގެން އުއްތަމަ ފަނޑިޔާރު ދިރިއުޅުއްވާ ގެކޮޅަށް އެ ކޮމިޝަންގެ މުވައްޒިފަކު ގޮސް އެމަނިކުފާނާއި ނޯޓިސް ހަވާލު ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށެވެ. އެގޮތުން އެ މުވައްޒިފު އުއްތަމަ ފަނޑިޔާރުގެ ގެކޮޅަށް ގޮސް، އެ ނޯޓިސް ހަވާލުކުރުމަށް މަސައްކަތް ކުރުމުން އެ ނޯޓިސްއާ އުއްތަމަ ފަނޑިޔާރު ހަވާލުވެފައި ނުވާކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ.