ފަނޑިޔާރު އާދަމް މުހައްމަދު

ޖޭއެސްސީގެ އަމުރު ބާތިލް، ހާޒިރު ނުވާނަން: ފަނޑިޔާރު އާދަމް

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން ގާނޫނު އަސާސީއާ ހިލާފުވެފައިވާ ކަމަށް ވިދާޅުވެ އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައިގެ ތަހުގީގަށް ހާޒިރުވެވަޑައިނުގަންނަވާނެ ކަމަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރު އާދަމް މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އާދަމް މުހައްމަދުގެ މައްސަލައިގައި ދެ އަޑު އެހުމެއް ޖޭއެސްސީއިން މިހާތަނަށް ވަނީ ބާއްވާފަ އެވެ. ފުރަތަމަ އަޑުއެހުން ފެށުމާއެކު އާދަމް މުހައްމަދުގެ ގާނޫނީ ވަކީލަކަށް ޑރ. މުހައްމަދު ޖަމީލް އަހުމަދު ހަމަޖައްސަވާފައިވާތީ އެ އަޑުއެހުން ކުރިއަށް ނުގެންގޮސް ނިންމާލީ އެވެ.

މައްސަލަ ބަލާ ޖޭއެސްސީގެ ކޮމިޓީގެ ރިޔާސަތު ބެލެހެއްޓެވި މަސްތޫރު ހުސްނީ އެ ދުވަހު ވިދާޅުވީ ޖަމީލަކީ ސުޕްރީމް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ހަސްމެއް ކަމަށެވެ. އެ ގޮތުން އާދަމް މުހައްމަދު ވެސް ހިމެނޭ ގޮތަށް ބައްލަވާ އެ މައްސަލައިގެ ހަސްމަކު ދިފާއީ ވަކީލެއްގެ ގޮތުގައި އައްޔަނު ކުރެއްވުމަކީ ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާ ހިލާފު ކަމެއް ކަމަށް ކޮމިޓީއަށް ގަބޫލު ކުރެވޭ ކަމަށެވެ.

އޭގެ ފަހުން ބޭއްވި އަޑުއެހުމަށް އާދަމް މުހައްމަދު ވަޑައިގެންނެވީ ވަކީލަކާއެކު ނުލަ އެވެ. އަދި ވަކީލަކު ހަމަޖެއްސުމަށް އިތުރު ފުރުސަތެއް ދިނުމަށް އެދި ވަޑައިގެންނެވި އެވެ. އެ ދުވަހުގެ އަޑުއެހުން ނިންމާލީ މި މަހުގެ ފަސްވަނަ ދުވަހު އަޑުއެހުމެއް ބާއްވާނެކަން އިއުލާނު ކުރުމަށްފަހު އެވެ. އަދި އެއީ އާދަމް މުހައްމަދަށް ދެވޭނެ ފަހުގެ ފުރުސަތު ކަމަށް ވެސް ޖޭއެސްސީން އެ ދުވަހު ވަނީ ކަނޑައަޅާފަ އެވެ.

ނަމަވެސް ފަނޑިޔާރު އާދަމް މުހައްމަދުގެ ތަހުގީގު އަޑުއެހުން އެ ފަހަރު ފަސްވީ އެވެ. ޖޭއެސްސީން އޭރު ބުނީ ތަހުގީގު އަޑުއެހުން ފަސްކުރީ ފަނޑިޔާރު އާދަމް މުހައްމަދު ރަސްމީ ދަތުރުފުޅެއްގައި ފުރާވަޑައިގަތުމަށް ހަމަޖެހިފައި ވާތީ ކަމަށާއި އެނބުރި ވަޑައިގެންނެވުމުން މައްސަލަ ކުރިއަށް ގެންދާނެ ކަމަށެވެ.

މިއަދުގެ މެންދުރުފަހަށް އަޑުއެހުން ތާވަލުކުރުމަށްފަހު، އެ އަޑުއެހުމަށް ހާޒިރުވެވެން ނެތް ކަމަށް ފަނޑިޔާރު އަންގާފައިވާތީ މިހާރު ވަނީ އަޑުއެހުން ކެންސަލްކޮށްފަ އެވެ. ފަނޑިޔާރު އަޑުއެހުމަށް ހާޒިރުވާން އުޒުރުވެރިވި ސަބަބު ޖޭއެސްސީއިން ނުބުނެ އެވެ.

އެކަން ބަޔާން ކުރައްވައި ފަނޑިޔާރު އާދަމް ނެރުއްވި ބަޔާނެއްގައި ވިދާޅުވީ އޭނާގެ ވަކީލެއްގެ ގޮތުގައި ޖަމީލް ގަބޫލު ނުކުރަން ނިންމި ނިންމުމަކީ ގާނޫނު އަސާސީގެ މާއްދާތަކާ ކަނޑައެޅިގެން ހިލާފަށް ނިންމާފައިވާ ނިންމުމެއް ކަމަށެވެ. އެ ނިންމުމަކީ ގާނޫނީ އެއްވެސް އަސާސެއް ނެތި، އަސާސީ ހައްގުން ގަސްދުގައި މަހުރޫމްކުރުމަށް ނިންމާފައިވާ ތައައްސުފީ ނިންމުމެއްކަން ފާޅުކަން ބޮޑު ގޮތެއްގައި އެނގެން އެބަ އޮތް ކަމަށެވެ.

ފަނޑިޔާރު އާދަމް މުހައްމަދާ ގުޅޭ ގޮތުން ޖޭއެސްސީއިން ބަލަމުން ދަނީ ގާނޫނު އަސާސީއާ ހިލާފަށް ސުޕްރީމް ކޯޓުން ނިންމާފައިވާ 15 ނިންމުމަކާ ގުޅޭ މައްސަލައެކެވެ. އެއީ ޖޭއެސްސީއިން އެކުލަވާލި ރިޕޯޓެއްގައި ފާހަގަކުރި 15 ކަމެކެވެ.

އެކަމާ ގުޅިގެން ފަނޑިޔާރު ވިދާޅުވީ ފަނޑިޔާރުން، އަދުލު އިންސާފު ގާއިމުކުރުމުގެ މަސްއޫލިއްޔަތުގެ ތެރެއިން ނިންމާ އެއްވެސް ބާވަތެއްގެ ނިންމުމެއްގެ މެރިޓާ ގުޅުވައިގެން ނުވަތަ އެ ނިންމުން ބިނާކުރި ޝަރުއީ އަދި ގާނޫނީ އަސާސްތަކާ ގުޅުވައިގެން އެފަދަ ނިންމުމެއް ގޯސްކަމަށްބުނެ ސުލޫކީ ގޮތުން ފަނޑިޔާރެއްގެ މައްޗަށް އެއްވެސް ސިފައެއްގައި ތައުދީބީ މައްސަލައެއް ބަލައިގެން ތައުދީބީ ފިޔަވަޅެއް އެޅުމަކީ، ސުޕްރީމް ކޯޓު އަމުރުގެ ދަށުން، ޣައިރު ދުސްތޫރީ އަދި ޣައިރު ގާނޫނީ ކަމެއް ކަމަށެވެ.

އެހެންވެ، އެ 15 ނިންމުމާ ގުޅޭ މައްސަލަތަކަކީ ޖޭއެސްސީއަށް ބެލޭނެ މައްސަލަތަކެއް ނޫން ކަމަށް ފަނޑިޔާރު އާދަމް ވިދާޅުވި އެވެ. އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވެސް ވަނީ ހަމަ އެފަދައިން ވިދާޅުވެ، ޖޭއެސްސީއަށް ޖަވާބުދާރީވެވަޑައިނުގަންނަވާނެ ކަމަށް މިއަދު ވިދާޅުވެފަ އެވެ.

ފަނޑިޔާރު އާދަމް ވިދާޅުވީ އޭނާއަށް ޖޭއެސްސީއަށް ހާޒިރުވާން އަންގާފައިވާ އަމުރަކީ ބާތިލް އަމުރެއް ކަމަށާއި އެއްވެސް ފަރާތަކުން ކުރާ ޣައިރު ގާނޫނީ އަމުރަކަށް ތަބާނުވުމަކީ، ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ހައްގެއް ކަމަށެވެ.