އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީގެ ޕާސަނަލް ސެކްރެޓްރީ އަތިކާ އިބްރާހިމް ސަސްޕެންޑްކޮށްފި އެވެ.
އޭނާ ވަޒީފާއަށް ނުނުކުމެ ގޭގައި މަޑުކުރަން އެންގީ ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.
އެނގިފައިވާ ގޮތުގައި އަތިކާ ސަސްޕެންޑްކުރީ ޑީޖޭއޭއިން ތަހުގީގު ކުރަމުންދާ އޭނާގެ މައްސަލައަކާ ގުޅިގެންނެވެ. އޭނާ ސަސްޕެންޑް ކުރީ މާދަމާއިން ފެށިގެން ޑީޖޭއޭއިން ވަކި ގޮތެއް އަންގަންދެނެވެ.
އުއްތަމަ ފަނޑިޔާރުގެ ޕާސަނަލް ސެކްރެޓްރީ ސަސްޕެންޑް ކޮށްފައިވަނީ އުއްތަމަ ފަނޑިޔާރާއި ޑީޖޭއޭ އަދި ޖޭއެސްސީއާ ދެމެދު މައްސަލަ ގޯސްވެފައިވަނިކޮށެވެ. ޑީޖޭއޭ މިހާރު ހިންގަމުން ދަނީ ސުޕްރީމް ކޯޓުގެ ދަށަކުން ނޫނެވެ. ޖޭއެސްސީގެ ދަށުންނެވެ.
ޖޭއެސްސީގެ ދަށަށް ޑީޖޭއޭ ބަދަލުކޮށް ކޯޓުތަކުގެ އިދާރީ ހިންގުމަށް ބައެއް ބަދަލުތައް ގެނެސް އުސޫލުތައް ޑީޖޭއޭއިން ދަނީ ހަދަމުންނެވެ. އެ އުސޫލުތަކާ ހިތްހަމަނުޖެހި ޑީޖޭއޭއާ މުއާމަލާތް ނުކުރުމަށް ކޯޓުގެ ސެކްރެޓްރީ ޖެނަރަލަށް ވެސް އުއްތަމަ ފަނޑިޔާރު އެންގެވި އެވެ.
އުއްތަމަ ފަނޑިޔާރު ވިދާޅުވެފައިވާ ގޮތުގައި ޖޭއެސްސީ އަޑީގައި އޮވެ، މަސައްކަތް ކުރަމުންދަނީ ކޯޓުތަކުގެ އިދާރީ ހިންގުމަށް ފަނޑިޔާރުންގެ ކޮންޓްރޯލް ނަގައި، ވަކި ބައެއްގެ ކޮންޓްރޯލްގެ ދަށަށް ޝަރުއީ ދާއިރާ ގެންދާށެވެ. އަދި ޝަރުއީ ދާއިރާގެ އިދާރީ ނިޒާމް ޕެރެލައިޒް ކުރާށެވެ.
ޖޭއެސްސީއިން ދަނީ ކޯޓުގެ އެސްޖީއަށް ޑީޖޭއޭއާ މުއާމަލާތް ނުކުރުމަށް އުއްތަމަ ފަނޑިޔާރު އެންގެވި މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަމުންނެވެ.