ގާސިމް އިބްރާހިމް

ގާސިމް އައްސަވަނީ މަހުޖަނަކަށް ވެރިކަން ނުކުރެވޭތަ؟

ބޮޑެތިި ވިޔަފާރިވެރިންނަށް ވެސް ގައުމުގެ އެންމެ އިސް މަގާމު އަދާ ކުރެވިދާނެކަން ދުނިޔޭގެ ގައުމުތަކުން ފެންނަމުންދާ ކަމަށާ އެހެންކަމުން ރާއްޖޭގައި އެކަން ނުކުރެވެންވީ ސަބަބެއް ނެތް ކަމަށް ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ޖޭޕީން ފަހަކަށް އައިސް ކުނޫޒުގައި ހަފުތާއަކު އެއްފަހަރު ޖަލްސާއެއް ބާއްވަ އެވެ. އޭގެ ޖަލްސާއެއްގައި ރޭ ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ވިޔަފާރިވެރިއަކަށްވުމުން ސިޔާސީ ކަންކަމާ ނޫޅެ، ވިޔަފާރި ކުރިއަރުވަން މަސައްކަތް ކުރައްވަަން ބައެއް ބޭފުޅުން ނަސޭހަތްތެރިވާ ކަމަށެވެ. ދާދިފަހުން މަޖިލީހުގެ ބައެއް މެންބަރުން ވެސް އެމަނިކުފާނަށް ނިސްބަތްކޮށް އެހެން ވިދާޅުވެފައިވާ ކަމަށެވެ.

ގާސިމް ރޭ މިސާލް ނެންގެވީ އެމެރިކާއިންނެވެ. ދުނިޔޭގެ އެންމެ ވަރުގަދަ ޑިމޮކްރަސީ އޮތީ އެމެރިކާގައި ކަމަށްވީއިރު އެ ގައުމުގެ ވެރިކަމުގައި ވެސް ހުރީ ބޮޑު ވިޔަފާރިވެރިއެއް ކަމަށާ އެއީ ބިލިއަނަރެއް ކަމަށް ގާސިމް ވިދާޅުވި އެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައި ރައީސް ޓްރަންޕާ ވާދަކުރައްވާނެކަން އިއުލާނު ކުރައްވާފައިވަނީ އެއަށްވުރެ މާ މުއްސަނދި ބޭފުޅެއް ކަމަށް ގާސިމް ވިދާޅުވި އެވެ. -- ގާސިމް އެ އިޝާރަތް ކުރެއްވީ އަންނަ އަހަރު އެމެރިކާގައި އޮންނަ ރިޔާސީ އިންތިޚާބުގައި ވާދަ ކުރައްވާނެ ކަމަށް ވިދާޅުވެފައިވާ ބިލިއަނަރު މައިކަލް ބްލޫމްބާގަށެވެ. އޭނާ ވަނީ ރިޔާސީ ޓިކެޓް ހޯއްދެވުމަށް ޕްރައިމަރީގައި ވާދަ ކުރެއްވުމަށް ރަޖިސްޓްރީވެ ވަޑައިގެންފަ އެވެ.

ގާސިމް ވިދާޅުވީ ވިޔަފާރިވެރިން ހަމައެކަނި ވިޔަފާރި ކުރަން ތިބެން ޖެހޭކަމަށް ދެއްކުމަކީ ވެސް އެގޮތަށް ދެކުމަކީ ވެސް މޮޔަ ވިސްނުމެއް ކަމަށެވެ. އަދި ކަންކަން ދަންނަ މީހުން ރައްޔިތުންނަށް އެކަންކަން ސާފު ކޮށްދޭން ވެސް ގާސިމް އެދި ވަޑައިގެންނެވި އެވެ.

"ބައްލަވާލައްވާ މިހާރު އެމެރިކާގެ ވެރިކަމަށް ކުރިމަތިލައިގެން ނުކުމެ ހުރީ [ދުނިޔޭގެ] ކިތައްވަނަ މުއްސަނދި މީހާތޯ؟ މިހާރު ހުރީ ކާކުތޯ ޕްރެޑިޓެންޓަކަށް. ބިލިއަނަރެއް... މިހާރު ނިކުމެ އެ ހުންނެވީ ކިހާވަރެއްގެ ބިލިއަނަރެއްތޯ؟ މުޅި އެމެރިކާގެ ނިސްބަތުގައި ނަންބަރު ދޭއް ކަންނޭންގެ ނުވަތަ ތިނެއް ކަންނޭންގެ ދެއްތޯ؟ މި ދުނިޔޭގެ ނިސްބަތުގައި 11 ނުވަތަ 10 އެއް. އެކަމު މިއީ ކަމުދާ ބަޔަކަށް ނުވޭ އަޅުގަނޑުމެންގެ ރާއްޖޭގެ މީހުންނަކަށް! ވިޔަފާރިކުރާ މީހާއަށް ޖެހެނީ ވިޔަފާރި ކުރާށޯ ބުނަނީ. ބަލަ މި ރާއްޖޭގެ ރައްޔިތުން އަދި އެހާ ހިސާބަށް ވިސްނުންތެރިކަން ނެތީމަ، އެހާ ހިސާބަށް ނުދާތީ އަޅުގަނޑު މި ދަންނަވަނީ އިލްމީ ބޭފުޅުން މި ކަންކަން ވިސްނައިދޭށޭ އަޅުގަނޑުމެންގެ ރައްޔިތުންނަށް، އަންގައިދޭށޭ." ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ސިޔާސީ މަަސައްކަތާއި ދުރުގައި ހުންނަވަން ބައެއް ފަރާތްތަކުން ނަސޭހަތްތެރިވުމުން ހަނދާނަށް އަންނަނީ 2008 ގެ ރިޔާސީ އިންތިޚާބަށްފަހު ކަންކަން ވެގެން ދިޔަ ގޮތް ކަމަށެވެ. ވިދާޅުވީ އެފަހަރު އެމްޑީޕީއަށް ވެރިކަން ލިބުމުން އެ ޕާޓީގެ އިސް ބޭފުޅުން ބޭނުންވީ އެމަނިކުފާނު ސިޔާސީ މަސައްކަތާ ދުރުގައި ހުންނެވުމަށް ކަމަށެވެ. އެހެން ނަމަވެސް ޖޭޕީއަކީ ހަމައެކަނި އިންތިޚާބަށް "ފޮޅުވާ މަލަކަށް" ހެދުމުގެ ފުރުސަތު އަބަދު ނުދެއްވާނެ ކަމަށް ވިދާޅުވި އެވެ.

"މީހަކު ވެރިކަމަށް ނިކުންނައިރު އޭނަ ހޯދާފަ ހުރި ކާމިޔާބީތަކާ، އޭނަ ހޯދާފަ ހުރި ތަޖުރިބާއާ އެކްސްޕީރިއަންސްގެ މައްޗަށް، އޭނާގެ އަޚުލާގާ ސުކޫލަށް، އޭނަގެ ވިޝަންއާ ޑްރައިވަށް، އޭނާގެ އެނާޖީއަށް މި ހުރިހާ ކަމަށް އެބަޖެހޭ ފަށްފަށުން ރަނގަޅަށް ބަލާލާ ރައްޔިތުންނަށް ކިޔައިދޭން. އޭރުން ރަނގަޅު އެއްޗެއް އުފެއްދޭނީ." ގާސިމް ވިދާޅުވި އެވެ. "އަޅުގަނޑު މީގެ ތެރޭގައި ހުރިއްޔާ ވާނީ ކީއްތޯ. ދެން އަޅުގަނޑާ ދިމާއަށް އެއްޗެހި ކިޔާނެ. އެކަން ބަރުދާސްތު ކުރާނީ އަޅުގަނޑު ދެއްތޯ؟ އަޅުގަނޑާ ދިމާއަށް މީހަކު ހައްގަކާ ނުލައި ކިޔާ އެއްޗެއްސަށް ހިތުގައި ޖެހިގެން ގެއަށް ވަންނަ ވައްތަރު ފިނޑިއެއް ނޫނޭ އަޅުގަނޑަކީ"

އަޅުގަނޑު މީގެ ތެރޭގައި ހުރިއްޔާ ވާނީ ކީއްތޯ. ދެން އަޅުގަނޑާ ދިމާއަށް އެއްޗެހި ކިޔާނެ. އެކަން ބަރުދާސްތު ކުރާނީ އަޅުގަނޑު ދެއްތޯ؟ އަޅުގަނޑާ ދިމާއަށް މީހަކު ހައްގަކާ ނުލައި ކިޔާ އެއްޗެއްސަށް ހިތުގައި ޖެހިގެން ގެއަށް ވަންނަ ވައްތަރު ފިނޑިއެއް ނޫނޭ އަޅުގަނޑަކީ،
ގާސިމް އިބްރާހިމް | ޖުމްހޫރީ ޕާޓީގެ ލީޑަރު

ގާސިމް ރޭ ވަނީ ބަޔަކު ކިތަންމެ ކަންބޮޑުވި ނަމަވެސް ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ޖޭޕީގެ ކެންޑިޑޭޓަކު ނެރޭނެ ކަމަށް ވެސް ވިދާޅުވެފައެވެ.

ގާސިމް ވިދާޅުވީ ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް ޖުމްހޫރީ ޕާޓީން ކެންޑިޑޭޓަކު ނެރޭނެ ކަމަށް އިއުލާނު ކުރުމުން އެކަމަކީ ބައެއް ބޭފުޅުން ވަރަށް ކަންބޮޑުވާ ކަަމަކަށް ވެއްޖެ ކަމަށެވެ. އަދި ވިދާޅުވީ "ބަޔަކު ކަންބޮޑުވި ނަމަވެސް ރިޔާސީ އިންތިޚާބަށް ޖޭޕީގެ ކެންޑިޑޭޓަކު ނެރޭނެ" ކަމަށެވެ. ދެން ވިދާޅުވީ ނެރޭނެ ކެންޑިޑޭޓަކު ނިންމާނީ ޕާޓީގެ އާންމު މެންބަރުން ކަމަށެވެ.