މާލީ މައްސަލަތަކަށް އަވަސް ހައްލެއް ހޯދުމަށް އިންސޮލްވެންސީ ގާނޫނަކާއި ބޭންކްރަޕްސީ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް ކުރައްވާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު ފައްޔާޒް މިހެން ވިދާޅުވީ ވިޔަފާރިތަކަށް ފޯރުކޮށްދޭ އެހީތެރިކަމުގެ ދަށުން ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާލޭގައި ބިޒްނަސް ސެންޓަރު ހުޅުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ މާލީ ދާއިރާއަށް އަދިވެސް ބޮޑެތި ގޮންޖެހުންތަކެއް ހުރިިއިރު އެކަންކަން ހައްލުކުރުމަށް ގާނޫނީ ނިޒާމަށް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ. އެގޮތުން އެފަދަ މައްސަލަތަކަށް ހައްލު ހޯދުމަށް ގާނޫނުތައް ހެދުމުގެ މުހިންމު ކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
ފައްޔާޒް ވިދާޅުވީ މާލީ ބައެއް މައްސަލަތައް ގޮތެއް ނުނިމި ދިގުލައިގެންދާ މައްސަލައަށް ހައްލެއް ހޯދުމަށް އިންސޮލްވެންސީ ގާނޫނަކާއި ބޭންކްރަޕްސީ ގާނޫނެއް އެކުލަވާލުމުގެ މަސައްކަތް އަންނަ އަހަރު ފަށާނެ ކަމަށެވެ.
ދައުލަތަށް ލިބެން ޖެހޭ ފައިސާތައް އަނބުރާ ހޯދުމުގައި ގާނޫނީ އޮނިގަނޑުގެ ތެރޭގައި ވެސް މައްސަލަތައް ހުރުމުން އެ މައްސަލަތައް ހައްލު ކުރުމަށް އިންސޮލްވެންސީ ގާނޫނަކާ ބޭންކްރަޕްސީ ގާނޫނެއްް ޑްރާފްޓު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ޔާމީންގެ ސަރުކާރުން ހާމަކުރިއެވެ. އޭރުގެ ބަންޑާރަ ނާއިބް މުހައްމަދު އަނިލް އެކަން ހާމަކުރެއްވީ ޖޫން 20، 2017 ގައެވެ. ނަމަވެސް ނޮވެންބަރު 11، 2018 ގައި ރައީސް ޔާމީންގެ ވެރިކަން ނިމުނުއިރުވެސް އެ ދެ ގާނޫނު މަޖިލީހަށް ފޮނުވާފައެއް ނުވެއެވެ.