އަންނަ އަހަރަށް ލަފާ ކުރާ 37.5 ބިލިއަން ރުފިޔާގެ ދައުލަތުގެ ބަޖެޓްގައި ހިމަނާފައިވާ އިގްތިސާދީ މަޝްރޫއުތައް ތަންފީޒު ކުރެވިއްޖެނަމަ ކުރިއަށް އޮތް ތަނުގައި އަރަނި ބަޖެޓްތައް ވެސް ހުށަހެޅިގެންދާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ބަޖެޓްގެ މައުލޫމާތު ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ ދައުލަތުގެ ދަރަނި އިތުރުވަމުންދިޔަ ނަމަވެސް ރައްޔިތުންގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި ހޭދަތަކެއް ކުރަން ޖެހޭ ކަމަށާއި ބަޖެޓް އަރަނި ކުރުން ބަލާއިރު ރައްޔިތުންގެ ހާލަތާ މެދު ވެސް ވިސްނަން ޖެހޭ ކަމަށެވެ.
"ރާއްޖޭގެ ގިނަ ރަށްތަކަކަށް އަޅުގަނޑުމެން ދަތުރު ކުރަމުން ދިޔުމުން އަޅުގަނޑުމެންނަށް ފެނިގެން ދިޔަ ރަށްތަކުގެ ތަރައްގީގެ ހާލަތު އޮތީ ވަރަށް ދަށްކޮށް. ސްކޫލްތަކާއި ސިއްހީ މަރުކަޒުތައް އޮތީ ވަރަށް ހާލުގައި. އިތުރު 20 އަހަރު ތަރައްގީ އަންނަން ދެން މަޑުކުރެވޭކަށް ނެތް." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
މިނިސްޓަރު އަމީރު ވިދާޅުވި ގޮތުގައި ބަޖެޓްގެ ޕީއެސްއައިޕީ ޕްރޮގްރާމްތަކުގައި އެންމެ ބޮޑު ހޭދައެއް ކުރުމަށް ކަނޑައަޅާފައި ވާނީ އިގްތިސާދީ އަދި ސިނާއީ ކުރިއެރުންތައް ހޯދުމަށްޓަކައި ހިންގާ މަޝްރޫއުތަކަށް ކަމަށެވެ. ސަބަބެއްގެ ގޮތުގައި މިނިސްޓަރު ވިދާޅުވީ ރައްޔިތުންގެ އާންމު ހާލަތު ރަނގަޅުވެ އިގްތިސާދަށާއި ދައުލަތަށް އާމްދަނީ އިތުރަށް ހޯދުމަށްޓަކައި ކަމަށެވެ. އެ އިގްތިސާދީ ހަރަކާތްތަކުން ދަރަނި ދައްކަން ފައިސާ ލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އެއީ އިތުރު އިގްތިސާދީ ހަރަކާތްތައް ހިންގައި އާމްދަނީ ހޯދުމަށް ކުރެވޭ ހަރަދު. އެއާއެކު އަރަނި ބަޖެޓްތައް ފެނިގެންދާނެ. މި ބަޖެޓް މި އޮތް ގޮތަށް ހާސިލު ކުރެވިއްޖެނަމަ ކުރިއަށް އޮތް ތަނުގައި މަޖިލީހަށް އަރަބި ބަޖެޓްތައް ވެސް ހުށަހެޅިގެންދާ ތަން ފެނިގެންދާނެ ކަމުގެ ޔަގީންކަން އަރުވަން." މިނިސްޓަރު އަމީރު ވިދާޅުވި އެވެ.
އަންނަ އަހަރަށް ލަފާ ކުރާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓްގެ ޑެފިސިޓްގެ ގޮތުގައި ވަނީ 5.6 ބިލިއަން ރުފިޔާ އެވެ. އެ ފައިސާ ހޯދުމަށް ޖަޕާނަށް 300 މިލިއަން ޑޮލަރުގެ ސަމުރާއީ ޓްރެޒަރީ ބޮންޑެއް ވިއްކަން ނިންމާފައިވާއިރު، އިތުރަށް ބޭނުންވާ 563 މިލިއަން ރުފިޔާ ޓީބިލް ވިއްކައިގެން ހޯދަން ވަނީ ނިންމައިފަ އެވެ.
މީގެ ކުރީގެ ބަޖެޓްތަކުގެ ޑެފިސިޓް ހަމަޖައްސަން ބޭނުންވާ ފައިސާ ހޯދުމަށް އިތުރު ދެ ފަރާތަކަށް ވެސް ޓްރެޒަރީ ބޮންޑް ވިއްކާފައިވެ އެވެ. އެއިން އެއް މާލީ މުއާމަލާތަކީ 2022 ވަނަ އަހަރަށް ދައްކާ ގޮތަށް ހޮންކޮންގްގެ ސެކަންޑަރީ މާރުކޭޓަށް ވިއްކާފައިވާ 250 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބޮންޑެވެ.
އެ ފައިސާ ހޯދުމަށްޓަކައި މިދިޔަ ސަރުކާރުން ގާއިމު ކުރި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ފައިސާ ޖަމާވަމުންދާ ކަމަށް މިނިސްޓަރު އަމީރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ، ސަރުކާރު އައިރު އެ ފަންޑްގައި 90 މިލިއަން ޑޮލަރު ހުރި އިރު، މިހާރު އެ ފަންޑްގައި 190 މިލިއަން ޑޮލަރު އެބަ ހުރި ކަމަށެވެ.
އަނެއް މާލީ މުއާމަލާތަކީ 2023 ވަނަ އަހަރަށް ދައްކާ ގޮތަށް އަބޫ ދާބީ ޑިވެލޮޕްމަންޓް ފަންޑަށް ވިއްކާފައިވާ 100 މިލިއަން ޑޮލަރުގެ ބޮންޑެކެވެ. އެ މުއްދަތު އިތުރު ތިން އަހަރަށް ދަންމާލަން އަބޫދާބީއާއެކު މަޝްވަރާ ކުރަމުންދާ ކަމަށާއި އެ ކަންކަން ހަމަޖެހޭނެ ކަމަށް އުއްމީދު ކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އޭގެ އިތުރަށް ވިދާޅުވީ ދައުލަތުން ގެއްލިފައިވާ ފަައިސާ ހޯދުމަށްޓަކައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އުފެއްދެވި އެސެޓް ރެކެވަރީގެ ރިޔާސީ ކޮމިޝަނުން ގިނަ މަސައްކަތްތަކެއް ކުރެވޭ ކަމަށާއި، އެ ފައިސާ ލިބޭނެ ކަމަށް އަންދާޒާކޮށް އެ ބަޖެޓްގައި ހިމެނިފައި ނުވިޔަސް އެ ފައިސާ ލިބިއްޖެނަމަ ކަންކަން އިތުރަށް ރަނގަޅު ވެގެން ދާނެ ކަމަށެވެ.