އަންނަ އަހަރު ނިމޭއިރު މުޅި ރާއްޖޭގައި ޕޭމަންޓް ގޭޓްވޭ ނިޒާމެއް ތައާރަފްކުރެވޭނެކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ގަވަރުނަރު އަލީ ހާޝިމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭގެ ލަފާ އަރުވަމުން މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ގަވަރުނަރު ވިދާޅުވީ ރަށްރަށުގައި ބޭންކިން ހިދުމަތްތައް ފުޅާކުރުމަށް ގައުމީ ބޭންކް ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާގުޅިގެން ގިނަ މަސައްކަތްތަކެއް ކުރެވެމުންދާ ކަމަށެވެ.
އެގޮތުން އަންނަ އަހަރު އިތުރު 14 އޭޓީއެމްގެ ހިދުމަތް ދިނުމުގެ އިތުރުން، ބީއެމްއެލްގެ އޭޓީއެމްތަކުން އެހެން ބޭންކުތަކުގެ ކާޑުތައް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖެއްސުމުގެ މަސައްކަތް ގައުމީ ބޭންކުން ކުރަމުންދާކަމަށް އަލީ ހާޝިމް ހާމަކުރެއްވި އެވެ.
އޭގެ އިތުރުން، އެމްއެމްއޭ އިން އިސްނަގައިގެން، ރާއްޖޭގައި ހަރަކާތްތެރިވާ ހުރިހާ މާލީ ހިދުމަތްތައް ދޭ ފަރާތްތައް ގުޅާލެވޭ ޕޭމަންޓް ގޭޓްވޭ ނިޒާމެއް ޓެސްޓް ކުރުމުގެ މަސައްކަތް އަންނަ އަހަރު ފެށޭނެކަމަށް ގަވަރުނަރު ވިދާޅުވި އެވެ.
"ޕޭމަންޓް ގޭޓްވޭގެ ނިޒާމް އަންނަ އަހަރު ޓެސްޓް ކުރެވޭނެ. އެ ސިސްޓަމް މެދުވެރިކޮށް ހުރިހާ ބޭންކުތަކުގައި ހުންނަ އެކްއުންޓުތައް ގުޅިފައި ހުންނާނީ. އޭގެ ތެރޭގައި ސާވިސް ދޭ ފަރާތަށް ވެދާނެ ބޭންކަކަށްވެސް އަދި އެހެން ފަރާތަކަށްވެސް. އިތުރު ހާޑްވެއާއެއް ބޭނުމެއް ނުވާނެ،" ހާއްސަކޮށް ރަށްރަށުގައި ތިބޭ ފަރާތްތަކުން ފޯނު އެޕްލިކޭޝަނެއް މެދުވެރިކޮށް ފައިސާ ދެއްކުމުގެ އިންތިޒާމް އެ ގޭޓްވޭގެ ތެރެއިން ހަމަޖެހިގެންދާނެކަމަށް ފާހަގަކުރައްވަމުން އަލީ ހާޝިމް ވިދާޅުވި އެވެ.
އެގޮތުން، އެ ނިޒާމް އަންނަ އަހަރުގެ މެދު ތެރޭގައި ރާއްޖޭގެ ހަތަރު ހިސާބެއްގައި ޓެސްޓް ކުރެވޭނެކަމަށާއި، އެ ސިސްޓަމްގެ ތެރެއަށް ވަންނަން މާލީ ހިދުމަތްދޭ އިދާރާތަކަށް ދައުވަތުދޭނެކަމަށް އޭނާ އިތުރަށް ވިދާޅުވި އެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓާ ގުޅޭގޮތުން މަރުކަޒީ ބޭންކުން ވަނީ ގިނަ ކަންތައްތަކެއް ފާހަގަކޮށްފަ އެވެ.
އެމްއެމްއޭ އިން ބުނި ގޮތުގައި އަންނަ އަހަރު އިގުތިސޯދު ކުރިއަރާނެކަމަށް ލަފާކޮށްފައިވާ ހަތް ޕަސަންޓްގައި ހިފެހެއްޓޭނެކަމަށް ބެލެވުނު ނަމަވެސް، މިނިމަމް ވޭޖާއި އާމްދަނީން ނަގާ ޓެކްސް ތައާރަފް ކުރުމުން އިންފްލޭޝަން އަންނަ އަހަރު އެއް ޕަސަންޓަށް ވުރެ މަތިވެދާނެކަމަށް ލަފާކުރެވޭ ކަމަށެވެ.
ބޭރުގެ ދަރަނި އިތުރުވަމުންދާތީ އެމްއެމްއޭ އިން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އެގޮތުން، ބޭރުގެ ދަރަނި އަނބުރާ ދެއްކުމުގައި މުސްތަގުބަލުގައި ދައުލަތުގެ ރިޒާވް އެންމެ އެކަށީގެންވާ މިންވަރެއްގައި ހިފެހެއްޓުމުގައި ދަތިތަކެއް ކުރިމަތިވެދާނެކަމެއްކަމުގައި މަރުކަޒީ ބޭންކުން އިތުރަށް ބުންޏެވެ. އަދި، ދަރަނި ނަގައިގެން ރިކަރެންޓް ހަރަދުތައް ހަމަޖެއްސުމުގެ ބަދަލުގައި، ހިންގާ އިގުތިސޯދަށް ކުރިއެރުން ލިބި، ސަރުކާރުގެ އާމްދަނީ އިތުރުވާނެފަދަ މަޝްރޫއުތައް ހިންގުމުގެ މުހިންމުކަން އެމްއެމްއޭ އިން ވަނީ ފާހަގަކޮށްފަ އެވެ.