އެމްޓީސީސީ

މަޑުނުކޮށް ދިޔައީ އެކްސިޑެންޓްވިކަން ޑްރައިވަރަށް ނޭނގޭތީ: އެމްޓީސީސީ

ރޭ ހުޅުމާލޭގައި ހިނގި ނުރައްކާތެރި އެކްސިޑެންޓަށްފަހު ބަސް މަޑުނުކޮށް ދިޔައީ، އެކްސިޑެންޓެއް ހިނގިކަމެއް ބަސް ޑްރައިވަރަށް ނޭނގޭތީ ކަމަށް އެ ބަސް ދުއްވަން އިން ޑްރައިވަރާ ހަވާލާދީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފި އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން ބަސް އޮޕަރޭޓް ކުރަމުން އަންނަ އެމްޓީސީސީގެ ސީއީއޭ ހަސަން ޝާހް ވިދާޅުވީ މިހާތަނަށް އެކުންފުނިން ބެލި ބެލުމުން އެކްސިޑެންޓެއްވެ ކުޑަކުއްޖަކު މަރުވި ކަމެއް ޑްރައިވަަރަށް ނޭނގޭ ކަމަށެވެ. އަދި އެކްސިޑެންޓެއް ހިނގައިގެން އުޅޭ ކަން ޑްރައިވަރަށް އެނގުނީ ހައިވޭގެ ޔޫޓާން ނަގާ ހިިސާބުން ފުލުހުން ބަސް ހުއްޓުވުމުން ކަމަށެވެ.

ޝާހް ވިދާޅުވީ އެކްސިޑެންވި ސަބަބު މިހާތަނަށް އެނގިފައިނުވާ ކަމަށާއި ނަމަވެސް މި އެކްސިޑެންޓުގެ ފުރިހަމަ ތަހުގީގީ ރިޕޯޓު ފުލުހުން އެމްޓީސީސީއާ ހަވާލު ކުރުމުން އެކަންތައް ބަލައި ޑްރައިވަރަށް އަޅަންޖެހޭ ފިޔަވަޅެއް އަޅާނެ ކަމަށެވެ.

ދެމައިން ދުއްވި ސައިކަލުގައި ބަސް ޖެހުނު ކަން ޑްރައިވަރަށް އެނގިފައިނުވާ ކަމަށް އޭނާ ބުނަމުންދާ ކަމަށާއި އެވަރުގެ އެކްސިޑެންޓެއް ހިނގިކަން އެނގޭނަމަ އެވަގުތު ބަހުގައި ތިބި ފަސިންޖަރުންވެސް ހަޅޭލައްވާ ޑްރައިވަރުގެ ސަމާލުކަމަށް އެކަން ގެންނާނެ ކަމަށް ޝާހް ވިދާޅުވި އެވެ. ނަމަވެސް މިހާތަނަށް ބެލި ބެލުމުން އެކްސިޑެންޓެއް ހިނގިކަމެއް ބަހުގައި ތިބި އެއްވެސް ފަސިންޖަރަކަށްވެސް އެނގިފައިނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ބަހަށްވެސް އެއްވެސް ގެއްލުމެއް އަދި ބަހުގައި އެއްވެސް ކޫރުމެއްވެސް އެޅިފައިނުވާ ކަމަށް ވިދާޅުވި އެވެ.

ޝާހް ވިދާޅުވީ އެކްސިޑެންޓްވި ބަސް ޑްރައިވަރަކީ އިތުރު މަސައްކަތެއް ކުރާ ޑްރައިވަރެއް ނޫން ކަމަށާއި އަދި ސިއްހީ އެއްވެސް މައްސަލައެއް މިހާތަނަށް ހުރި މީހެއް ކަން އެނގިފައިނުވާ ކަމަށެވެ. އަދި މި ޑްރައިވަރަކީ 2015 ވަނަ އަހަރުން ފެށިގެން އެ ކުންފުނީގައި މަސައްކަތް ކުރަމުން އަންނަ ޑްރައިވަރެއް ކަމަށާއި މިހާތަނަށް އެ ޑްރައިވަރުގެ އެފަދަ އެއްވެސް ޝަކުވާއެއް އެކުންފުންޏަށް ލިބިފައިނުވާ ކަމަށްވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް މި އެކްސިޑެންޓްގެ މައުލޫމާތު ލިބުނު ވަގުތުން ފެށިގެން އެކަމަށް އެޓެންޑް ވަމުން މިދަނީ، އަޅުގަނޑުމެން މިހާތަނަށް ބެލި ބެލުމުން ބަސް އެއްޗެއްގައި ޖެހުނު ކަމެއް އެވަގުތު ބަހުގަ ތިބި އެއްވެސް ފަސެންޖަރަކަށްވެސް އެނގިފައެއްް ނުވޭ. އަދި ކޮންޑަކްޓަރަށްވެސް ނޭނގެ އެކްސިޑެންޓެއް ވި ކަމެއްވެސް. އެހެންނޫންނަމަ ބަސް މަޑު ނުކޮށް ދާނެ ހެން ހިޔެއް ނުވޭ. ހަމަ ގައިމުވެސް ފަސިންޖަރުން ހަޅޭއްލަވައިގެންވެސް ބަސްހުއްޓުވާނެތާ. ބަސްވެސް އަދި ސައިކަލްވެސް ދުއްވާފަ ދިޔައީ ރަނގަޅު ލޭނުން ކަމަށް މައުލޫމާތު ލިބެނީ. އެހެންވީމަ އިތުރަށް އެއްޗެއް ދަންނަވަން އިނގޭނީ ފުލުހުންގެ ތަހްގީގީ ރިޕޯޓު ލިބުނީމަ." އޭނާ ވިދާޅުވި އެވެ.

ޝާހް އިތުރަށް ވިދާޅުވީ ނިޔާވި ކުޑަ ކުއްޖާ ހޮސްޕިޓަލަށް ގެންދިޔަ ކަމުގެ މައުލޫމާތު ލިބުނު ހިސާބުން ވަގުތުން ހޮސްޕިޓަލަށް ދިޔަ ކަމަށާއި އެކުއްޖާ ނިޔާވެފައިވަނީ ބޮލަށް ލިބުނު އަނިޔާގެ ސަބަބުން ކަމަށް ހޮސްޕިޓަލުން ބުނާ ކަމަށެވެ. އަދި ވިދާޅުވީ އާއިލާއަށް މި ލިބުނު ހިތާމައިގައި ބައިވެރިވާ ކަމަށާއި ތަހްގީގީ ރިޕޯޓު ލިބުމުން އެކަން ވީ ގޮތް ބަލާފައި އާއިލާއަށް ފައިސާގެ އެހީ ދޭން ޖެހޭނަމަ އެކަމުގައި އެކުންފުނީގެ ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށެވެ.

ހުޅުމާލެއިން ހައިވޭއަށް އަރާ މަގުގެ ކޮޅުގައި ރޭ ހިނގި މި އެކްސިޑެންޓްގައި ވަނީ އުމުރުން 13 އަހަރުގެ ކުޑަ ކުއްޖަކު ނިޔާވެފަ އެވެ. އަދި ކުއްޖާގެ މަންމަ އަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާޢިރު ހާލު ސީރިއަސް ނޫން ކަމަށްވެސް މައުލޫމާތު ލިބެ އެވެ.

އެކްސިޑެންވި ބަސް ދުއްވަން އިން 54 އަހަރުގެ ދިވެހި ޑްރައިވަރު މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އިރު މި މައްސަލަ ފުލުހުން ދަނީ ތަހްގީގު ކުރަމުންނެވެ.

ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި ކުޑަ ކުއްޖަކު ނިޔާވެފައިވާއިރު މިއަހަރުގެ ރޯދަ މަހުގެ ފުރަތަމަ ދުވަހު ހުޅުމާލޭގައި ހިނގި ބަސް އެކްސިޑެންޓެއްގައި ޔޫކްރެއިންގެ ފަތުރުވެރިޔަކު ވަނީ ނިޔާވެފަ އެވެ. މި އެކްސިޑެންޓް ހިނގަން މެދުވެރިވީ ބަސް ޑްރައިވަރަށް ނިދި ޖެހިގެން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.