އެކްސިޑެންޓް

އެމްޓީސީސީގެ ބަސް ޑްރައިވަރު ދޫކޮށްލައިފި

ހުޅުމާލޭން ހައިވޭއަށް އަރާ މަގުގެ ކޮޅުގައި އެކްސިޑެންޓެއްވެ ކުޑަކުއްޖަކު މަރުވި ހާދިސާއާ ގުޅިގެން ހައްޔަރު ކުރި އެމްޓީސީސީގެ ބަސް ޑްރައިވަރު ދޫކޮށްލައިފި އެވެ.

ފުލުހުން ވަނީ އެކްސިޑެންޓަށް ފަހު ހައްޔަރުކުރި ޑްރައިވަރު ދޫކޮށްލާފައިވާ ކަމަށާއި އެއީ އޭނާ ބަންދުގައި ބަހައްޓައިގެން ތަހްގީގު ކުރިއަށް ގެންދަން ނުފެނުމުން ކަމަށެވެ. އޭނާ ދޫކޮށްލީ މިމަހުގެ 20 ވަނަ ދުވަހު އެވެ.

ބަސް ޑްރައިވަރު ދޫކޮށްލި ނަމަވެސް މި މައްސަލައިގެ ތަހްގީގު ކުރިއަށްދާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓް ހިނގީ މި މަހުގެ 12 ވަނަ ދުވަހުގެ ރޭގަ އެވެ. އެކްސިޑެންޓުގައި މަރުވީ 13 އަހަރުގެ އަންހެން ކުއްޖެކެވެ.