ހަބަރު

ދައުލަތުގެ ދަރަނި ޖީޑީޕީގެ 75 ޕަސަންޓަށް

Nov 13, 2019
3

މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ޖީޑީޕީ ނޫނީ ގައުމީ އުފެއްދިެރިކަމުގެ ނިސްބަތުން ދައުލަތުގެ ދަރަނި 75 ޕަސަންޓަށް ވުރެ މަތިވާނެކަމަށް މަރުކަޒީ ބޭންކް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން މިއަދު ބުނެފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ބަޖެޓް ދިރާސާކުރާ ކޮމިޓީއަށް އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން އެމްއެމްއޭގެ ލަފާ އަރުވަމުން ގަވަރުނަރު އަލީ ހާޝިމް ވިދާޅުވީ ޖީޑީޕީގެ ނިސްބަތުން މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ދަރަނި ހުންނާނީ 75.7 ގައި ކަމަށެވެ.

އަލީ ހާޝިމް ވިދާޅުވި ގޮތުގައި އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން މަޖިލީހަށް ހުށަހަޅާފައިވާ 37.5 ބިލިއަން ރުފިޔާގެ ބަޖެޓުގައި ސަރުކާރުން ގެރެންޓީދީފައިވާ ދަރަނި ނުހިމަނައި، ޖީޑީޕީގެ ނިސްބަތުން ދަރަނި ހުންނާނެކަމަށް ލަފާކޮށްފައިވަނީ 58.4 ޕަސަންޓެވެ. ނަމަވެސް، ސަރުކާރުން ގެރެންޓީދީފައިވާ ލޯނުތަކުގެ ތަފްސީލް ބަޖެޓުން ސާފުނުވާތީ، ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ޖުމްލަ ދަރަނީ ހުންނާނެ އަދަދެއް ސީދާ ނޭނގޭކަމަށް ގަވަރުނަރު ވިދާޅުވި އެވެ.

މިދިޔަ އަހަރުގެ ނިޔަލަށް ކުރީގެ ސަރުކާރުން ވަނީ ސަރުކާރުގެ ގިނަ ކުންފުނިތަކެއް މެދުވެރިކޮށް ލޯނު ނަގައި، ލޯނުގެ ގެރެންޓީ ދީފަ އެވެ. އެ މުއްދަތުގައި ސަރުކާރުން ގެރެންޓީ ދިން މިންވަރު ވަނީ 267 ޕަސެންޓު އިތުރުވެފަ އެވެ. އެގޮތުން ސަރުކާރުގެ ކުންފުނިތަކަށް 1.1 ބިލިއަން ރުފިޔާގެ ލޯނު ގެރެންޓީ ދީފައިވެ އެވެ. އަދި ސަރުކާރުން ކުންފުނިތަކަށް 2.2 ބިލިއަން ރުފިޔާގެ ލޯނު ދީފައިވެ އެވެ.

ގަވަރުނަރު އިތުރަށް ވިދާޅުވީ ދައުލަތުގެ ހަރަދުތައް ހަމަޖެއްސުމަށް ނަގާ ލޯނާއި ބޮންޑު އަދި ސުކޫކުގެ އަސަރު އިގުތިސާދަށް ކުރާނީ ދުރު ރާސްތާގައި ކަމަށާއި ބަޖެޓަށް ފައިސާ ހޯދުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރޭގައި ލޯނާއި ބޮންޑު ހިމެނޭއިރު އޭގެ އަސަރު އިގްތިސޯދަށް ކުރާނެ ކަމަށެވެ.

އެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމްއެމްއޭގެ އެގްޒެކެޓިވް ޑިރެކްޓަރު އަހުމަދު އިމާދު ވިދާޅުވީ ދައުލަތުގެ ރިކަރަންޓު ހަރަދުތައް ހަމަޖެއްސުމަށް ދަރަނި ނެގުމަކީ އެމްއެމްއޭ އިން ކަންބޮޑުވާ ކަމެއް ކަމަށެވެ.

އިމާދު އިތުރަށް ވިދާޅުވީ ބަޖެޓު ފައިނޭންސް ކުރަން ނިންމާފައިވަނީ ޑޮލަރުން ނަގާ ލޯނުން ކަމަށާއި އެހެންކަމުން އެކްސްޗޭންޖު ރޭޓަށް އަސަރު ނުކުރި ނަމަވެސް، ދިގު ރާސްތާގައި އެކަމުގެ ސަބަބުން ގޮންޖެހުންތައް ހުންނާނެ ކަމަށެވެ.

"މަނީ ސަޕްލައިއަށް ފޮރިން ކަރަންސީގެ ސަބަބުން އަންނަ އިމްޕެކްޓުގެ ސަބަބުން ކުރާ އަސަރު ކުރު މުއްދަތުގައި ނުކޮށް ހިނގައިދާނެ. އަޅުގަނޑުމެން ގަބޫލު ކުރާގޮތުގައި ދައުލަތުގެ އިންފްރާސްޓްރަކްޗާ ޕްރޮޖެކްޓުތަކުގެ ސަބަބުން ލަފާކުރެވޭ ޓޫރިޒަމް ސިނާއަތަށް އަންނަ ކުރިއެރުމާ އެއާޕޯޓް ތަރައްގީގެ ސަބަބުން އިގްތިސޯދަށް ލިބޭ ފައިސާގެ މިންވަރުވެސް އިތުރުވަމުންދާނެ ކަމަށް،" އިމާދު ވިދާޅުވި އެވެ.

ނަމަވެސް، މަރުކަޒީގެ ކަންބޮޑުވުމަކީ ބޭރުންނާއި އެތެރެއިން ދަރަނި ނަގައިގެން، ދައުލަތުގެ ހިންގުމުގެ ހަރަދު ހަމަޖައްސާނަމަ ކަން އިމާދު ތަކުރާރުކުރެއްވި އެވެ.

ދައުލަތުގެ ބަޖެޓުންް އަންނަ އަހަރު ވެސް އެންމެ ބޮޑު ހަރަދެއް ކުރާނީ ރިކަރެންޓް ހަރަދުތަކަށެވެ. އެއީ 22.2 ބިލިއަން ރުފިޔާ އެވެ. ޕީއެސްއައިޕީ އަށް 10.2 ބިލިއަން ރުފިޔާ ބަޖެޓްގައި ކަނޑައަޅާފައިވާ އިރު އެހެނިހެން ކެޕިޓަލް ހަރަދުތަކަށް ކަނޑައަޅާފައި ވަނީ ފަސް ބިލިއަން ރުފިޔާ އެވެ.

ދައުލަތުގެ އާމްދަނީ އިތުރު ކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި އާ ފަސް ކަމެއް ހިމަނާފައިވެ އެވެ. އޭގެ ސަބަބުން ދައުލަތަށް 2.5 ބިލިއަން ރުފިޔާ އިތުރުވެގެންދާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.

އެ ގޮތުން ބިދޭސީންގެ ކޯޓާ ފީއެއް ތައާރަފުކުރުމާއި ވޯކް ޕާމިޓް ފީ މަތިކުރުން ހިމެނެ އެވެ. އެއިން 714 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެ އެވެ. އިންކަމް ޓެކްސް ތައާރަފު ކޮށްގެން 706 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާކޮށްފައިވެ އެވެ. އާ ރިސޯޓްތަކެއް ހުޅުވާލައި އިކުއިޒިޝަން ކޮސްޓުން ދައުލަތަށް އިތުރަށް 290 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެ އެވެ.

ކަސްޓަމްސް ފީތަކާއި އިމްޕޯޓް ޑިއުޓީ އަށް ގެންނަ ބަދަލުތަކާއެކު 558 މިލިއަން ރުފިޔާ ދައުލަތަށް އިތުރަށް ލިބޭނެ ކަމަށް ބަޖެޓްގައި ލަފާކޮށްފައިވެ އެވެ. އެއާޕޯޓް ސާވިސް ޗާޖާއި އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަށް ގެންނަ ބަދަލުތަކުން ދައުލަތަށް އިތުރުވާނެ ކަމަށް ލަފާކޮށްފައި ވަނީ 319 މިލިއަން ރުފިޔާ ހިމެނެ އެވެ.

އަންނަ އަހަރު ބަޖެޓު ޑެފިސިޓް ހުންނާނެ ކަމަށް ލަފާކުރެވެނީ 5.6 ބިލިއަން ރުފިޔާ ގައި ކަމަށް ބަޖެޓުގައި ވަނީ ލަފާކޮށްފަ އެވެ.

ބަޖެޓު ފައިނޭންސް ކުރަން 300 މިލިއަން ޑޮލަރުގެ ސަމުރާއީ ބޮންޑެއް ޖަޕާނަށް ވިއްކަން ނިންމާފައިވާއިރު، އިތުރު 563 މިލިއަން ރުފިޔާގެ ޓްރެޒަރީ ބިލްވެސް ވިއްކަން ވަނީ ނިންމައިފަ އެވެ.