ހަބަރު

ޔުނެސްކޯގެ ކޮންފަރެންސަށް އެޑިއުކޭޝަން މިނިސްޓަރު ފްރާންސްގައި

ޔުނައިޓެޑް ނޭޝަންސް އެޑިޔުކޭޝަނަލް ސައިންޓިފިކް އެންޑް ކަލްޗަރަލް އޯގައިނައިޒޭޝަން (ޔުނެސްކޯ) ގެ ޖެނެރަލް ކޮންފަރެންސްގެ 40 ވަނަ ބައްދަލުވުމުގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ބައިވެރިވެ ވަޑައިގަންނަވައިފި އެވެ.

މޯލްޑިވްސް ނެޝަނަލް ކޮމިޝަން ފޯ ޔުނެސްކޯގެ ޗެއާޕާސަން އަދި މިނިސްޓާ އޮފް އެޑިޔުކޭޝަންގެ ގޮތުގައި ފްރާންސްގެ ޕެރިސްގައި ކުރިއަށްދާ މި ބައްދަލުވުމުގައި ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި ލެވެލް ފޯރަމްތަކުގައި ބައިވެރިވެ ވަޑައިގެންނެވުމާއި ޔުނެސްކޯ މެން އެންޑް ބައޮސްފިއާ ކައުންސިލްގެ މެމްބަރަކަށް ރާއްޖެ ވާދަކުރުމަށް ހަމަޖެހިފައިވާތީ އެކަމަށް ލޮބީ ކުރެއްވުމަށްވެސް ވަނީމި ދަތުރުގައި ވަނީ ހަމަޖެހިފައި ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުންޏެވެ.

މި ބައްދަލުވުމުގެ ތެރެއިން ގައުމުތަކުގެ އެޑިޔުކޭޝަން މިނިސްޓަރުންނާއި، ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ އިސްބޭފުޅުން އަދި ތައުލީމީ އެކްސްޕާޓުންނާއި ބައްދަލުކުރައްވާ ރާއްޖޭގެ ތައުލީމީ ދާއިރާގެ ތަޖުރިބާ ހިއްސާކުރައްވަން ހަމަޖެހިފައިވެ އެވެ. އަދި މި ބައްދަލުވުންތަކުގައި ރާއްޖެއަށް ފަންނީ އެހީ ހޯއްދެވުމަށް މަސައްކަތްކުރައްވާނެ ކަމަށްވެސް އެޑިއުކޭޝަނުން ބުނެ އެވެ.

މި ބައްދަލުވުމުގެ ތެރޭގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ޔުނެސްކޯގެ އެކިއެކި ބޯޑު ތަކާއި ކައުންސިލްތަކަށް މެމްބަރުން އިންތިހާބުކުރާ ވޯޓުގައިވެސް ރާއްޖެއިން ބައިވެރިވާނެއެވެ.

އެޑިއުކޭޝަން މިނިސްޓަރުގެ މި ދަތުރުފުޅަށްފަހު ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މި މަހުގެ 18 ވަނަ ދުވަހު އެވެ.