ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާއާއި ގުޅިގެން ހުކުމެއް ކުރާނެ ޖާގައެއް ނޯންނާނެ ކަމަށާ ރައްޔިތުންގެ ބައިތުލްމާލުން އެންމެ ފައިސާ ފޮއްޗެއްގައި ވެސް ޖެހިވަޑައިގެންފައި ނުވާނެ ކަމަށް އެމަނިކުފާނު ވިދާޅުވެއްޖެ އެވެ.
ޕީޕީއެމަށް މެންބަރުންތަކެއް ސޮއިކުރަން ބޭއްވި ރަސްމިއްޔާތެއްގައި ބައިވެރިވެ ވަޑައިގެން ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވަނީ އެމަނިކުފާނުގެ މައްޗަށް ދައުލަތުން އުފުލާފައިވާ މަނީ ލޯންޑަރިންގެ ދައުވާއާއި ގުޅޭގޮތުން ވަރަށް ތަފްސީލްކޮށް ވާހަކަފުޅު ދައްކަވާފަ އެވެ.
އެމަނިކުފާނު ވިދާޅުވީ އެ ދައުވާއާއި ގުޅިގެން ހުކުމެއްކޮށްފާނެތީ އެމަނިކުފާނުގެ ސަޕޯޓަރުން ވަރަށް ކަންބޮޑުވާ ކަމަށެވެ. އެ މެންބަރުންނަށް އިޝާރާތްކުރައްވާ ރައީސް ޔާމީން ވަނީ ހުކުމެއްކޮށްފާނެ ކަމަށް ކަންބޮޑުނުވުމަށް އެދިވަޑައިގެންފައެވެ. ޔާމީން ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވިއިރުވެސް އެއްމިލިއަން ޑޮލަރު އެމަނިކުފާނުގެ އަތްޕުޅުގައި ހުރި ކަމަށާ އެހެންކަމުން ރައްޔިތުންގެ ބައިތުލްމާލުން ފައިސާތަކެއް ނެގުމުގެ ބޭނުމެއް ނެތް ކަމަށެވެ.
ރައީސް ޔާމީން ވިދާޅުވީ ބާރު އޮތީތީ މުއައްސަސާތަކަށް ނުފޫޒު ފޯރުވައިގެން ދައުވާތަކެއް އުފުލިދާނެ ކަމަށެވެ. އަދި މަނީ ލޯންޑަރިންގެ ދައުވާ އޮޅުވާލައިގެން އުުފުލާފައިވާ ދައުވާއެއް ކަމަށް ވިދާޅުވި އެެވެ. ރައީސް ޔާމީންގެ މައްޗަށް އިންސާފުވެރި ޝަރީއަތެއްކޮށްފިނަމަ ކުރެވޭނެ ހުކުމެއް ނޯންނާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވި އެވެ.
"އިންސާފުވެރި އަދުލްވެރި ޝަރީއަތެއް ކޮށްފިކަމަށްވާނަމަ ރައީސް ޔާމީންގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ. އެއީ ވާނެ ކަމެއް ނޫން. ހުކުމެއް ކުރެވިދާނެ. ޝަރީއަތެއް ކުރެވިދާނެ. އަދުލްވެރިކަމާއި އިންސާފަށް ލޯބިކުރާ ކަމަށްވާނަމަ އަދި ބުއްދީގެ ހަމަތައް ގަބޫލުކުރާ ކަމަށްވާނަމަ ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ އެންމެ 19 ހާސް ޑޮލަރަށްޓަކައި ދިވެހިރާއްޖޭގައި ފަސް އަހަރު ވަންދެން، ފަސް އަހަރުވީއިރު އަޅުގަނޑާ ބެހޭގޮތުން ގާނޫނީ ގޮތުން އިނގިއްޔެއްވެސް ހިއްލާލެވިފައި ނެތްއިރު އަޅުގަނޑު އެވަރުކަމެއް ކޮށްފާނެ ކަމަކަށް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ. ރައީސް ޔާމީން ވިދާޅުވި އެވެ. "އަޅުގަނޑު އަމިއްލަ ނަފްސަށްވެސް ލަދުވެތިވާނެ އެފަދަ ކަމެއް ކުރަން. އެއަށްވުރެ އިރާދަކުރެއްވިއްޔާ އަޅުގަނޑު ތަނަވަސް. އަދި އިރާދަކުރެއްވިއްޔާ އެއަށްވުރެ ރައްޔިތުންނަށް އަޅުގަނޑު ޚިދުމަތްކުރަން ބޭނުން."
ރައީސް ޔާމީން މިރޭ ވަނީ ސަރުކާރުން އެމަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރައްވާ ކަމަށްވެސް ތުހުމަތު ކުރައްވާފައެވެ. އެގޮތުން ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު ފަނޑިޔާރަށް ގުޅުއްވާފައިވާކަމަށް އަމިއްލައަށް އިއުތިރާފުވެފައިވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެއް މީގެ ކުރިން އަޑެއް ނާހަމު، ތަހުގީގަށް ހެކިދޭއިރު ޝަރީއަތަށް ހެކިދޭއިރު ސަރުކާރުގެ ވަޒީރަކު ނިކުމެ މީހަކަށް ބިރު ދައްކައިގެން އޭނާއަށް މަޖުބޫރުކޮށްގެން ވަކި ގޮތަކަށް ހެކިދޭން ބުނާކަށް. މިވެސް މި ދީނީ ޕާޓީ [ އަދާލަތު ޕާޓީ ] ކުދިން ކުރާ ކަމެއް. ރައީސް ނަޝީދުގެ ވެރިކަން ވެއްޓުނީވެސް ކްރިމިނަލް ކޯޓްގެ އިސްގާޒީއާ ތޮޅެގެން އޭރު. މިފަހަރުވެސް އިއްތިފާގު މިވީ ހަމަ ޖިނާއީ ކޯޓްގެ އިސްގާޒީއާ ތޮޅުން."
އެމަނިކުފާނު ވިދާޅުވީ ވެރިކަމުގައި ހޭދަކުރެއްވި ފަސް އަހަރުގެ ތެރޭގައި އެމަނިކުފާނަށް ކުރެވުނު އެއްވެސް ތުހުމަތެއް ނެތް ކަމަށެވެ. ނަމަވެސް ރައީސް ސޯލިހްގެ ވެރިކަމަށް އަހަރު ދުވަސްނުވަނީސް މިހާރު މަޖިލީސް ތެރެއިން އިވެމުންދަނީ ރައީސަށް ބޮޑެތި ތުހުމަތުތައް ކުރެވޭ މަންޒަރުކަމަށް ވިދާޅުވިއެވެ. ނަމަވެސް އެއިން ތުހުމަތަކުން ބަރީއަވުމުގެ ގާބިލްކަންވެސް ސަރުކާރުގައި ނެތް ކަމަށް ވިދާޅުވި އެވެ.
އިންސާފުވެރި އަދުލްވެރި ޝަރީއަތެއް ކޮށްފިކަމަށްވާނަމަ ރައީސް ޔާމީންގެ ގައިގައި އަތްލެވޭނެ ގޮތެއް ނޯންނާނެ. އެއީ ވާނެ ކަމެއް ނޫން. ހުކުމެއް ކުރެވިދާނެ. ޝަރީއަތެއް ކުރެވިދާނެ. އަދުލްވެރިކަމާއި އިންސާފަށް ލޯބިކުރާ ކަމަށްވާނަމަ އަދި ބުއްދީގެ ހަމަތައް ގަބޫލުކުރާ ކަމަށްވާނަމަ ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ އެންމެ 19 ހާސް ޑޮލަރަށްޓަކައި، ފަސް އަހަރުވީއިރު އަޅުގަނޑާ ބެހޭގޮތުން ގާނޫނީ ގޮތުން އިނގިއްޔެއްވެސް ހިއްލާލެވިފައި ނެތްއިރު އަޅުގަނޑު އެވަރުކަމެއް ކޮށްފާނެ ކަމަކަށް ދިވެހި ރައްޔިތުން ގަބޫލެއް ނުކުރާނެ. އަޅުގަނޑު އަމިއްލަ ނަފްސަށްވެސް ލަދުވެތިވާނެ އެފަދަ ކަމެއް ކުރަންއަބްދުﷲ ޔާމީން | ކުރީގެ ރައީސް
ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނަކީ ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވާ އަދި ފަނޑިޔާރަކު ވަގަށްވެސް ނަގާފައިވާ ބޭފުޅެއް ނޫން ކަމަށެވެ. އެހެންކަމުން އެމަނިކުފާނަށް ހުކުމެއް ކުރަންޖެހޭ އެއްވެސް ސަބަބެއް ނޯންނާނެ ކަމަށް ވިދާޅުވި އެވެ.
"މިނިވަންކަމާއެކު ސިޔާސީ މީހުން ހަރަކާތްތެރިވާނެ ޖާގަ ދޭންވާނެ. އަޅުގަނޑުމިއީ ކޯޓް ފަނޑިޔާރަކު ނަގާ ހައްޔަރުކުރި މީހެއް ނޫން. އެހެންވީމަ ހުކުމެއް އަންނާކަށް ނުޖެހޭ އަޅުގަނޑަކަށް. ބޮޑެތި ގޯސް ހަދާފައި ތިބި މީހުންވެސް ތިބީ އޭގެ ތެރޭގައި. [ ސަރުކާރުގައި ]. އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ ފައިސާގައި ބޮޑަށް ޖެހިފައި ތިބި މީހުންވެސް ތިބީ އޭގެ ތެރޭގައި. އެއީ އަޅުގަނޑުމެންގެ ތެރޭގައި އޮތް ކަމެއް ނޫން. އެހެންވީމަ މިކަންކަން ބަލަން ކެރޭނެ ތޯ. މި ދައުލަތުގެ މުއައްސަސާތަކަށް މިިއިން ކަމެއް ބަލާކަށް ނުކުރޭނެ."
ރައީސް ޔާމީން ވިދާޅުވީ ދައުލަތުން ގެއްލިފައިވާ ފައިސާ ހޯދަން ބޭނުންނަމަ މިއަށްވުރެ އިޚްލާސްތެރި މަސައްކަތްތަކެއް މުއައްސަސާތަކުން ކުރަންޖެހޭ ކަމަށެވެ.