އޮޑިޓާ ޖެނެރަލް އޮފީސް

ފަތުހީއަށް އެކައުންޓިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް

Nov 13, 2019

އެކައުންޓިން ދާއިރާއިން ލައިފްޓައިމް އެޗީވްމަންޓް އެވޯޑް ކުރީގެ އޮޑިޓާ ޖެނެރަލް އިސްމާއީލް ފަތުހީއަށް އަރުވައިފި އެވެ. އޭނާއަށް އެ ވޯޑް އެރުވީ އެކައުންޓިން ދާއިރާގެ ކުރިއެރުމާއި ތަރައްގީއަށް ފަތުހީ ކޮށްދެއްވާފައިވާ ހޮދުމަތުގެ އަގު ވަޒަން ކުރުމުގެ ގޮތުންނެވެ.

އެކައުންޓިން ދުވަސް ފާހަގަ ކުރަން މިއަދު ބޭއްވި ރަސްމިއްޔާތެއްގައި މި އެވޯޑް ހަވާލު ކޮށްދެއްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރެވެ. ނަމަވެސް ސިއްހީ ހާލުކޮޅު ހުރިގޮތުން ފަތުހީއަށް އެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންވޭ ގޮތެއް ނުވި އެވެ. އޭނާގެ ފަރާތްޕުޅުން އެވޯޑާ ހަވާލުވެ ވަޑައިގަތީ ދަރިކަލުން މުހައްމަދު ފަތުހީ އެވެ.

ފަތުހީ ވަނީ އޮޑިޓާ ޖެނެރަލްގެ މަޤާމު 1993 އިން 2008 އަށް ފުރުއްވާފަ އެވެ. އޭނާއަކީ ދައުލަތުގެ ފައިސާ ބެލެހެއްޓުމުގެ ނިޒާމު ޒަމާނީ ގޮތަށް އެކުލަވާލުމުގެ މޭސްތިރި އެވެ. ރާއްޖެއަށް ވިޔަފާރި ބޭންކް ތަޢާރަފު ކުރުމާ ގުޅޭ ގޮތުން ސަރުކާރުން ހަމަޖައްސަން ޖެހުނު ކަންކަމުގައި ސަރުކާރަށް ބޭނުންވާ ލަފާ ދެއްވުމާއި ކަމާބެހޭ ގޮތުން އޮފީސްތަކުން ހިސާބު ބަލަހައްޓާނޭ ނިޒާމެއް ތަޢާރުފު ކޮށްދެއްވި އެވެ.

ރާއްޖޭގައި ބުކްކީޕިން ދިވެހި ބަހުން ކިޔަވައި ދެއްވަން ފައްޓަވައި ދިވެހި ދައުލަތުގެ މާލީ މަސައްކަތްކުރާ ފަރާތްތައް އަތޮޅުތަކުން މާލެ ގެނެސް ތަމްރީނު ކުރެއްވެވި އެވެ. މީގެ އިތުރުން ދައުލަތުގެ މަރުކަޒީ ބޭންކުގެ ހިންގުމުގެ ނިޒާމު ބައްޓަން ކުރުމުގައާއި އޭއޭޓީ ތަޢާރަފު ކުރުމުގެ އެންމެ އިސް ދައުރެއް އަދާކުރެއްވީ ވެސް ފަތުޙީ އެވެ.

އެކައުންޓިން ޕްރޮފެޝަންގެ ކުރިމަގަށްޓަކައި އިސްނަންގަވާ ކޮށްދެއްވާފައިވާ މިންނެތް މަސައްކަތަށްޓަކާ "ފައުންޑިން ފާދާ އޮފް އެކައުންޓިން ޕްރޮފެޝަން" ގެ ލަޤަބު ވެސް ފަތުހީ އަށް ވަނީ އަރުވާފަ އެވެ.