ވިޔަފާރި

ލަފާކުރި ވަރަށްވުރެ ކުންފުނިތަކުގެ ޑިވިޑެންޑް އިތުރު

ސަރުކާރު ކުންފުނިތަކުން ޑިވިޑެންޑުގެ ގޮތުގައި ދެއްކި އަދަދު ކުރިން ލަފާކުރި ވަރަށް ވުރެ އިތުރު ވެއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން މި އަހަރުގެ ބަޖެޓުގައި ޑިވިޑެންޑުގެ ގޮތުގައި ލިބޭނެ ކަމަށް އަންދާޒާ ކޮށްފައިވަނީ 874 މިލިއަން ރުފިޔާ އެވެ. ނަމަވެސް، އެ މިނިސްޓްރީން މިދިޔަ ހަފުތާގައި އާއްމުކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުގައި ކުންފުނި ތަކުން ޑިވިޑެންޑުގެ ގޮތުގައި މިހާތަނަށް 1.4 ބިލިއަން ރުފިޔާ ދައްކާފައިވެ އެވެ.

ފިނޭންސް މިނިސްޓްރީން ޖުލައި މަހު ވަނީ ސަރުކާރު ކުންފުނި ތަކުން ޑިވިޑެންޑް ދައްކަން ބާރު އެޅުމުގެ ގޮތުން ބަދަލު ތަކެއް ގެނެސްފަ އެވެ. މި ބަދަލާއެކު ކުންފުނި ތަކުން ބޯނަސް ދެވޭނީ ސަރުކާރަށް ދައްކަން ޖެހޭ ޑިވިޑެންޑް ދެއްކުމަށްފަހު އެވެ. މި އުސޫލުގައިވާ ގޮތުން ބޯނަސް ދިނުމަށް ނިންމައި ކުންފުނީގެ އަހަރީ އާންމު ޖަލްސާ އިން ފާސް ކުރުމަށް ފަހު ބޯނަސް ދެވޭނީ، ފިނޭންސް އަށް ޑިވިޑެންޑް ދެއްކުމަށް ފަހު ނުވަތަ ޑިވިޑެންޑް ދެއްކޭނެ ގޮތަކާ މެދު އެއްބަސްވުމަށްފަހު އެވެ.

ސަރުކާރު ހިއްސާ 23 ކުންފުނި ހިންގާއިރު ފައިދާވަނީ 11 ކުންފުންޏަކުންނެވެ. މި ކުންފުނިތަކުގެ ތެރެއިން މިހާތަނަށް އެންމެ ގިނައިން ޑިވިޑެންޑް ދައްކަމުން ގޮސްފައިވަނީ ބީއެމްއެލް އާއި ދިރާގު އަދި އެމްއޭސީއެލް އިންނެވެ.