ދުނިޔެ

ރަޝިއާއިން ހަތިޔާރު ނުހޯދާނަމަ ތުރުކީއަކީ އެކުވެރިއެއް: ޓްރަމްޕު

ތުރުކީން އެ ގައުމުގެ އަަސްކަރިއްޔާ ވަރުގަދަ ކުރުމުގެ ގޮތުން ރަޝިއާއިން ގަންނަ، އެސް 400 މިސައިލް ސިސްޓަމް ގަތުން ހުއްޓާލައިފިނަމަ ތުރުކީ ހިމެނޭނީ އެމެރިކާގެ އެންމެ އެކުވެރި ގައުމުތަކުގެ ތެރޭގައި ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕު ވިދާޅުވެއްޖެ އެވެ.

ޓްރަމްޕު މިހެން ވިދާޅުވީ ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނާއެކު ކުރިއަށް ގެންދިޔަ ބައްދަލުވުމެއްގަ އެވެ. މި ބައްދަލުވުމުގައި ޓްރަމްޕު ވިދާޅުވީ، ތުރުކީއަކީ އެމެރިކާ އޮއްވާ އެހެން ގައުމަކުން ހަތިޔާރު ގަންނަން ޖެހޭނެ ގައުމެއް ނޫން ކަމަށެވެ. އަދި ވިދާޅުވީ، ތުރުކީއަކީ ނޭޓޯ ޖަމާއަތުގެ ބައިވެރިއަކަށްވުމުން ވެސް އެންމެނާ ގުޅިގެން މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.

މިއަހަރު ތުރުކީން ވަނީ އެގައުމުގެ އަސްކަރިއްޔާ ވަރުގަދަކޮށް ވައިގެ ސަރަހައްދު ބެލެހެއްޓުމުގެ ގޮތުން ރަޝިއާގެ ދެ މިސައިލް ސިސްޓަމެއް ގަނެފަ އެވެ. އެއީ އެމްއެސް 13 އާއި އެސް 400 މިސައިލް ސިސްޓަމެވެ. މިއާއެކު އެމެރިކާ އާއި ތުރުކީގެ ގުޅުން ގޯސްވެ، އެމެރިކާއިން ވަނީ އެ ގައުމުގެ އުފެއްދުމެއް ކަމަށްވާ އެފް 35 މަރުކާގެ ހަނގުރާމަވެރި މަތިންދާބޯޓު ތުރުކީއަށް ވިއްކުން ހުއްޓާލާފަ އެވެ.

ގިނަ ދުވަސްތަކަކަށް ފަހު އުރުދުގާން އާއެކު މަޝްވަރާއަކަށް ދާން ނިންމީ ޓްރަމްޕެވެ. ޓްރަމްޕު ވިދާޅުވި ގޮތުންނަމަ ތުރުކީ އަކީ ޔޫރަޕުގައި އިހްތިރާމް ލިބިގެންވާ ގައުމެކެވެ. އަދި އެހެން ގައުމުތަކުގެ ވެސް އަސްކަރިއްޔާތަކުގެ އިހްތިރާމް ލިބިފައިވާ ގައުމަކަށްވުމުން، އެމެރިކާއާއެކު އަލުން ގުޅިގެން ކުރިއަށް ގެންގޮސްފިނަމަ ދެ ގައުމަށް ވެސް ފައިދާ ކުރާނެ ކަމަށެވެ.

މި ބައްދަލުވުމުގައި ޓްރަމްޕު ވަނީ ރަޝިއާގެ މިސައިލް ސިސްޓަމް ގަތުން ހުއްޓާލުމަށް ތަކުރާރުކޮށް އުރުދުގާން އަރިހު އެދި ވަޑައިގެންފަ އެވެ.

ބައްދަލުވުމާއި ގުޅޭ ގޮތުން އުރުދުގާން އަދި އެއްވެސް ވަރަކަށް ވާހަކަފުޅު ދައްކާފައެއް ނުވެ އެވެ. ރަޝިއާއިން ގަތް ދެ މިސައިލް ސިސްޓަމް ވެސް މިހާރު ވަނީ ތުރުކީއަށް ގެންގޮސްފަ އެވެ. އޭގެ ތެރެއިން ސިސްޓަމެއް މިހާރު ވަނީ އިންސްޓޯލްކޮށް ނިންމާފަ އެވެ.