ހަބަރު

ފުލުހުން ހަރުދަނާ ކަމަށް ރައްޔިތުންނާއި ގުޅުން މުހިންމު: އިމްރާން

ފުލުހުންގެ މުއައްސަސާ ހަރުދަނާ ކުރަން ފުލުހުންނާއި ރައްޔިތުން ގުޅިގެން މަސައްކަތް ކުރާނެ މާހައުލެއް ގާއިމު ކުރުން މުހިންމު ކަމަށާއި، ސަރުކާރުން މަސައްކަތް ކުރަނީ އެ މަގަށް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްޖެ އެވެ.

ހޯރަފުށީ ޕޮލިސް ސްޓޭޝަންގެ އާއިމާރާތް ހުޅުވަން އެ ރަށުގައި ބޭއްވި ރަސްމިއްޔާތުގައި އިމްރާން ވިދާޅުވީ ކުރީގައި ނެތް އެތައް އާދަތަކެއް، ނުވަތަ ކުށްތަކެއް މިހާރު އަށަގެންފައިވާ ކަމަށާއި، އެކަންކަމާ ކުރިމަތިލާ އެކަންކަމަށް ހައްލު ގެނައުމުގައި ފުލުހުން ކުރަމުން އަންނަ ތަޖުރިބާތަކުގައި ދޭންޖެހޭ އެހީތެރިކަމާ އެއްބާރުލުން އިތުރު ކުރަންޖެހިފައިވާ ކަމަށެވެ.

" ފުލުހުންގެ މަސައްކަތް ހަރުދަނާވެ ކުރިއަރާދާނީ ފުލުހުންނާ ރައްޔިތުންނާ އެކުގައި މަސައްކަތްކުރެވުނު ވަރަކަށް. ފުލުހުންނަށްޓަކައި ރައްޔިތުން އަތުގުޅާލި މިންވަރަކަށް. އަދި ފުލުހުން ރައްޔިތުންނާ ގާތްވި މިންވަރަކަށް." އިމްރާން ވިދާޅުވި އެވެ.