އިޒްރޭލުގެ އަސްކަރިއްޔާއި ޕަލަސްތީނުގެ މިނިވަން ކަމަށް ވަކާލާތުކޮށް ހަނގުރާމަ ކުރަމުންދާ އިސްލާމިކް ޖިހާދާއި ދެމެދު ބަދަލުކުރަމުން ދިޔަ ވައިގެ ހަމަލާތައް ހުއްޓާލައިފި އެވެ.
ހަމަލާ ބަދަލު ކުރުން ހުއްޓާލާފައި ވަނީ މިސްރު ސަރުކާރުގެ އިސް އޮފިޝަލަކާއެކު ކުރިއަށް ދިޔަ ބައްދަލުވުމާއެކު އެވެ. ހަމަލާ ބަދަލު ކުރުން ނިމުމަކަށް އައިރު އިޒްރޭލުން ދިން ވައިގެ ހަމަލާތަކުގެ ސަބަބުން ޕަލަސްތީނުގެ 38 މީހުން ވަނީ މަރުވެފަ އެވެ. އަދި ގިނަ ބައެއްގެ ގެދޮރު ސުންނާފަތިވެފަ އެވެ.
އިޒްރޭލުގެ ވެރިރަށް ޓެލްއަވީވްއަށް އަމާޒުކޮށްގެން ދިން ރޮކެޓް ހަމަލާތައް ހުއްޓާލާފައިވާކަން އިސްލާމިކް ޖިހާދުގެ ސްޕޯކްސްޕާސަން މުސާބް އަލް ބްރެއިން ވަނީ ކަށަވަރު ކޮށްދީފަ އެވެ. އިޒްރޭލުން ހަމަލާތައް ހުއްޓާލި ކަމުގައި ވިޔަސް ޕަލަސްތީނުގެ އެކި ހިސާބުތަކުގައި ދަނީ ޓޭންކަރުތަކުގައި ޕެޓްރޯލް ކުރަމުންނެވެ.
ދެ ދުވަހަށް ކުރިއަށް ދިޔަ މި ހަމަލާ ބަދަލު ކުރުން ފެށީ އިޒްރޭލުން އިސްލާމިކް ޖިހާދުގެ އިސް ކޮމާންޑަރަކު މަރާލައި، އާންމުގެ ގެތަކަށް އަމާޒު ކޮށްގެން ދިން ވައިގެ ހަމަލާގައި 13 މީހަކު މަރުވުމާ ގުޅިގެންނެވެ. ރައްދު ހަމަލާގެ ގޮތުގައި އިސްލާމިކް ޖިހާދުން ވަނީ ޓެލްއަވީވްއަށްް ރޮކެޓް ހަމަލާދޭން ފަށައިފަ އެވެ. މި ހަމަލާގައި މީހަކު މަރުވި ނަމަވެސް 63 މީހަކަށް ޒަހަމްވުމުގެ ސަބަބުން ވަނީ ފަރުވާދީފަ އެވެ.
މިސްރުގެ ސަރުކާރުގެ ތަރުޖަމާނު ވިދާޅުވީ، ހަމަލާ ބަދަލު ކުރުން ހުއްޓުވުމަށް އިސް ނެގީ އިޒްރޭލުން ސިފައިން ޕަލަސްތީނުގެ އާންމުން ރައްޔިތުންނަށް އަމާޒުކޮށްގެން ހަމަލާދޭން ފެށުމުންނާއި އެމީހުންގެ ގެދޮރު ހަލާކު ކުރަން ފެށުމުންނެވެ. ތަރުޖަމާނު ވިދާޅުވީ ހަމަލާ ބަދަލުކުރުން ނިމުމަކަށް ގެނައީ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.
އެއްބަސްވުމުގައި ވާގޮތުން އިޒްރޭލުން ޕަލަސްތީނުގައި އެއްވެސް ސަބަބަކާ ނުލައި މީހަކު ހައްޔަރު ކުރުމާއި އަދި ބަޑިން ހަމަލާދީގެން ނުވާނެ އެވެ. އަދި އިޒްރޭލު ސިފައިން ޕަލަސްތީނުގައި ހަރަކާތްތެރިވާއިރު އާންމުގެ މެދުގައި ބިރުވެރިކަން ނުއުފެދޭނެ ގޮތަށް އަމަލުކުރާ ގޮތަށް ވެސް ވަނީ ހިމަނާފަ އެވެ.