ގައުމީ ޔުނިވާސިޓީ

އެމްއެންޔޫއަށް ޑެޕިއުޓީ ވައިސް ޗާންސަލަރުން އައްޔަން ކޮށްފި

Nov 14, 2019
4

ގައުމީ ޔުނިވާސިޓީގެ ތިން ދާއިރާއަށް ޑެޕިއުޓީ ވައިސް ޗާންސަލަރުން މިއަދު އައްޔަނުކޮށްފި އެެވެ.

އެ ތިން ދާއިރާ އަކީ، ފައިސާ އާއި ހިންގުމާ ބެހޭ ދާއިރާ އާއި ޢިލްމީ ހަރަކާތްތަކާ ބެހޭ ދާއިރާ އާއި ޢިލްމީ ތަޙްޤީޤް އާ ބެހޭ ދާއިރާއެވެ. އެމްއެންޔޫ އިން ބުނީ އެ މަގާމުތައް އުފެދުނީ ޔުނިވާސިޓީގެ ގާނޫނު އެންމެ ފުރަތަމަ ފާސްކުރިއިރު އޮތް ގޮތަށް މިހާރުގެ ސަރުކާރުން ޤާނޫނު އިޢާދަ ކުރުމުން ކަމަށެވެ.

ޤާނޫނަށް ގެނައި އިޞްލާޙު ރައީސް އިބްރާހީމް މުޙައްމަދު ސޯލިހު ތަސްދީގު ކުރެއްވީ މިއަހަރުގެ އޯގަސްޓްގަ އެވެ. ރައީސް އަބްދުﷲ ޔާމީންގެ ދައުރުގައި، ޔުނިވާސިޓީގެ ގާނޫނު ވަނީ، ހުރިހާ މުހިއްމު މަގާމުތަކަށް މީހުން އައްޔަނުކުރުން ރައީސަށް އޮންނަ ގޮތަށް ބަދަލުކޮށްފަ އެވެ.

މިއަދު ޑެޕިއުޓީ ވައިސް ޗާންސަލާ، ރިސާރޗް އެންޑް އެންޓަރޕްރައިސް ގެ މަޤާމު ހަވާލުކުރީ ޑރ. އައިޝަތު ޝެހެނާޒް އާދަމާ އެވެ. ޑެޕިއުޓީ ވައިސް ޗާންސަލާ އެކެޑެމިކް އެފެއާޒް ގެ މަޤާމަށް ހޮވީ އާއިޝަތު ޝާހީން އިސްމާއިލެވެ. ޑެޕިއުޓީ ވައިސް ޗާންސަލާ އެޑްމިނިސްޓްރޭޝަން އެންޑް ފިނޭންސް ގެ މަޤާމަށް ހޮވުނީ ޙުސެން ޙަލީމެވެ.

ތިން މަޤާމަށް ޖުމުލަ 30 ފަރާތަކުން ކުރިމަތިލި އެވެ.