ގައުމީ ޔުނިވާސިޓީ

އެމްއެންޔޫގައި ޕީއެޗްޑީ ހަދަން ހުޅުވާލައިފި

ޑޮކްޓަރު އޮފް ފިލޯސޮފީ (ޕީއެޗްޑީ) އަށް ކިޔެވުމުގެ އާ ފުރުސަތެއް ގައުމީ ޔުނިވާސިޓީން ހުޅުވާލައިފި އެވެ.

އެ ޔުނިވާސިޓީން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ ޕީއެޗްޑީއަށް ކިޔަވަން އެދި އެޕްލިކޭޝަން ފޯމާއި ސްޓޭޓްމަންޓް އޮފް އިންޓެންޓް ނުވަތަ ޕްރޮޕޯޒަލް ހުށަހެޅުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.

ގައުމީ ޔުނިވާސިޓީން ހުޅުވާލާފައި ވަނީ ތައުލީމީ ދާއިރާއިން ޕީއެޗްޑީ ހާސިލު ކުރުމުގެ ފުރުސަތެވެ. އެ ކަމަށް އޮތް އެންމެ ފަހުގެ ފުރުސަތަކީ ޖަނަވަރީ 30، 2020 އެވެ.

ފުރުސަތު ހުޅުވާލާފައި ވަނީ އައިސީޓީ އިން އެޑިޔުކޭޝަން، އިންކުލޫސިވް އެޑިޔުކޭޝަން ނުވަތަ އެސެސްމަންޓް އެންޑް އިވެލުއޭޝަން އިންނެވެ.

ތިން އަހަރުގެ މުއްދަތަށް ކުރިއަށްދާ ޕީއެޗްޑީ ޕްރަގްރާމްތަކުގައި ބައިވެރި ވެވޭނީ އެޑިޔުކޭޝަން ދާއިރާއިން އެމްކިއުއޭ ގަބޫލުކުރާ ލެވެލް 9 ގެ ސަނަދަކާއި ލެވެލް 7 ގެ ސަނަދެއް ހާސިލު ކޮށްފައިވާ ނަމަ ނުވަތަ އެޑިޔުކޭޝަން ދާއިރާއިން އެމްކިއުއޭ ގަބޫލުކުރާ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށް އެންމެ މަތީ ދަރަޖައިގައި ފާސް ވެފައިވުމާއި ދިރާސީ މަސައްކަތްތަކެއް ކުރުމުގެ ތަޖުރިބާ ލިބިފައިވާ ނަމަ އެވެ.

މީގެ އިތުރުން ޕީއެޗްޑީ ހާސިލު ކުރަން ބޭނުންވާ ދާއިރާގެ ޕްރޮޕޯޒަލެއް ތައްޔާރު ކުރުމާއި، ޑިގްރީ ނުވަތަ މާސްޓާސް ހާސިލު ކުރުމުގެ ތެރޭގައި 1 އަހަރު ދުވަހުގެ ދިރާސީ މަސައްކަތެއް ފުރިހަމަކޮށްފައިވާ ފަރާތްތަކަށް އިސްކަންދޭނެ އެވެ.

ކޯހުގެ ފީ އަކީ ސިމެސްޓަރާ އަކަށް 8760 ރުފިޔާއެވެ. މީގެ ކުރިންވެސް ގައުމީ ޔުނިވާސިޓީން ޕީއެޗްޑީއަށް ކިޔަވާފައި ވެއެވެ.