ކަރަން ޖޯހަރް

ދަރްމާ ޕްރޮޑަކްޝަނަށް ބަދުނަސީބު އަހަރެއް

މި އަހަރަކީ ކަރަން ޖޯހަރްގެ ދަރްމާ ޕްރޮޑަކްޝަން އަށް ވަރަށް ބަދު ނަސީބު އަހަރެކެވެ. އެ ފިލްމު ކުންފުނިން އުފެއްދި ބޮޑު ބަޖެޓް ފިލްމުތައް ކަމަށްވާ "ސްޓޫޑަންޓް އޮފް ދަ އިޔާ 2" އާއި "ކަލަންކް" އަށް ބޮޑު ނާކާމިޔާބަކާ ކުރިމަތިވެ ދަރްމާ ޕްރޮޑަކްޝަނަށް ބޮޑު ގެއްލުމެއް ވަނީ ލިބިފަ އެވެ.

މި ދެ ފިލްމާއެކު އެ ޕްރޮޑަކްޝަން ހައުސް އިން ދެން ޕްރޮޑިއުސްކުރި އަނެއް ފިލްމަކީ ސުޝާންތު ސިންގް ރާޖްޕޫތާއި ޖެކްލީން ފެނާންޑިސްގެ "ޑްރައިވް" އެވެ. މި ފިލްމު ރިލީޒްކުރާ ތާރީޚް ފަސް ކުރަމުން ގޮސް އަހަރު ނިމެން ކައިރިވީއިރުވެސް ރިލީޒް ކުރެވޭ ގޮތެއް ނުވި އެވެ. އަދި ފަހުން ނިންމީ ބޮޑު ސްކްރީންގައި ފިލްމު ނާޅުވާ ނެޓްފްލިކްސް އިން ދައްކަން ދިނުމަށެވެ.

ނޮވެމްބަރު 1 ގައި "ޑްރައިވް" ނެޓްފްލިކްސް އިން ދައްކަން ފެށުމާއެކު ފިލްމަށް ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފަ އެވެ. އަދި ނެޓްފްލިކްސް ކަހަލަ ކޮލިޓީ ހިފަހައްޓާ ބަޔަކު މިފަދަ ކޮލިޓީ ނެތް ފިލްމެއް ބަލައިގަތީ ކީއްވެތޯ ހިންދީ ފިލްމު އިންޑަސްޓްރީގެ ވަރަށް ގިނަ ތަޖުރިބާކާރުން ވެސް ސުވާލު އުފައްދަ އެވެ.

ބެލެވޭ ގޮތުގައި ނެޓްފްލިކްސް އިން ވަނީ ކަރަންގެ ދަރްމާ ޕްރޮޑަކްޝަން އާ ގުޅިގެން އޮރިޖިނަލް ފިލްމުތަކެއް އުފެއްދުމުގެ އެއްބަސްވުމެއްގައި ސޮއިކޮށްފަ އެވެ. މި ބިޒިނަސް ޕާޓްނަޝިޕްގެ ދަށުން ކަރަން އޮރިޖިނަލް ފިލްމުތަކެއް ނެޓްފްލިކްސް އަށް އުފައްދާދޭނެ އެވެ. ބެލެވޭ ގޮތުގައި ނެޓްފްލިކްސްގެ ބޮލުގައި "ޑްރައިވް" އެޅުވީ މި އެގްރީމެންޓްގެ ދަށުންނެވެ.

"ޑްރައިވް" އެއްވެސް ސިނަމާއެއްގައި ނާޅުވާ އޮތުމުން ނެޓްފްލިކްސް އަށް ދޭން ކަރަން އަށް ފަސޭހަވީ އެވެ. ފިލްމަށް ފާޑުކިޔާ ގިނަ މީހުން ބުނަނީ ދަރްމާ ޕްރޮޑަކްޝަނުން ފޮނުވި ފިލްމެއް ނަމަވެސް ނެޓްފިލްކްސް އިން ފިލްމު ބަލައިގަތުމުގެ ކުރިން ރަނގަޅަށް އޭގެ ކޮލިޓީ ޗެކް ކުރަން ޖެހޭނެ ކަމަށް ދެކޭ ކަމަށާއި އެގޮތަށް ކަންތައް ނުކުރުމުން ވަރަށް ހައިރާން ވެއްޖެ ކަމަށެވެ.

"ޑްރައިވް" އަކީ ވެސް ދަރްމާ އަށް ފައިދާ އެއް ލިބޭނެ ފިލްމަކަށް ނުވުމުން މި އަހަރު ވެގެން ގޮސްފައިވަނީ ދަރްމާ އުފައްދައި ފާއިތުވީ 10 ވަރަކަށް އަހަރު ތެރޭން ވެސް އެ ކުންފުންޏަށް މިހާތަނަށް އެންމެ ނާކާމިޔާބު ލިބުނު އަހަރުގެ ގޮތުގަ އެވެ.