ޑރ. އަފްރާޝީމް އަލީ

އަފްރާޝީމްގެ މަރުގެ ރިޕޯޓް ކަމާ ބެހޭ މުއައްސަސާތަކަށް ރައީސް ފޮނުވައިފި

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓު ކަމާ ބެހޭ މުއައްސަސާތަކަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ފޮނުއްވައިފި އެވެ.

ރަހުމު ކުޑަ ގޮތަކަށް ދީނީ އިލްމުވެރިޔާ އަފްރާޝީމް އަވަހާރަކޮށްލީ ސެޕްޓެމްބަރު 30، 2012 ވަނަ ދުވަހުގެ ރޭ 1:30 ހާއިރު، އޭނާ ދިރިއުޅޭ ހ. ފުންވިލުގެ ސިޑިގޮޅި ކައިރީގަ އެވެ.

މަރުތައް ތަހުގީގު ކުރުމަށް ރައީސް ސޯލިހް އުފެއްދެވި ރިޔާސީ ކޮމިޝަނުން އަފްރާޝީމްގެ މަރު ތަހުގީގު ކުރުމަށް ފަހު އެކުލަވާލި ރިޕޯޓް ރައީސް އޮފީހަށް ފޮނުވީ މިދިޔަ ބުރާސްފަތި ދުވަހުގަ އެވެ.

ރައީސް އޮފީހުން މިއަދު ބުނީ ރިޔާސީ ކޮމިޝަނުން ރައީސް ސޯލިހަށް ފޮނުވި އަފްރާޝީމްގެ މަރުގެ ތަހުގީގު ރިޕޯޓް ކަމާ ބެހޭ މުއައްސަސާތަކަށް ރައީސް ހިއްސާ ކުރައްވާފައިވާ ކަމަށެވެ.

އަފްރާޝީމްގެ މަރާ ގުޅިގެން މިހާތަނަށް ކުށް ސާބިތުވެފައިވަނީ ހ. ލޮބީ ހުސައިން ހުމާމް އަހްމަދުގެ މައްޗަށެވެ. އޭނާއަށް އިއްވި ހުކުމް ސުޕްރީމް ކޯޓުން ވެސް ވަނީ ދަމަހައްޓައިފަ އެވެ،

އަފްރާޝީމްގެ މަރުގެ މައްސަލަ އަލުން ތަހުގީގުކޮށް އޭނާއަށާއި އޭނާގެ އާއިލާއަށް އިންސާފު ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ވައުދުފުޅެކެވެ.