ޑރ. އަހުމަދު އަބްދުﷲ ދީދީ

އުއްތަމަ ފަނޑިޔާރަށް ސެކިއުރިޓީ ކަނޑައެއްނުލާ: ޑީޖޭއޭ

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީއަށް ދައުލަތުން ފޯރުކޮށްދެމުންދާ ސެކިއުރިޓީ އަދި އިނާޔަތްތައް މެދުކަނޑައިލާފައިނުވާނެ ކަމަށް ޑިޕާޓްމެންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.

އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ސަސްޕެންޑްކޮށްފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފައެވެ. އަދި އެމަނިކުފާނު މަގާމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށްވެސް ވަނީ ހުށައަޅާފައެވެ. އަދި މަޖިލީހުގެ ޖުޑިޝަރީ ކޮމެޓީން ވަނީ އުއްތަމަ ފަނޑިޔާރު މަގާމުން ވަކިކުރަން ފެންނަ ކަމަށް ނިންމާފައެވެ. އެ ނިންމުމަށް އަންނަ ހޯމަ ދުވަހު ވޯޓަށްވެސް އަހާނެ އެވެ. އަދި އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ވޯޓްދީ އުއްތަމަ ފަނޑިޔާރުގެ މަގާމުން ޑރ. އަހުމަދު އަބްދުﷲ ދީދީ ހޯމަ ދުވަހު ވަކިކުރާނެ ކަން ވަނީ ޔަގީންވެފައެވެ.

ޑީޖޭއޭއިން ރޭ ބުނީ އުއްތަމަ ފަނޑިޔާރަށް ދައުލަތުން ފޯރުކޮށްދެމުންދާ ސެކިއުރިޓީ އަދި އިނާޔަތްތައް މެދުކަނޑައިލައިފައިވާ ކަމަށް ދެކެވެމުންދާ ވާހަކަ ތަކަކީ ހަގީގަތާ ޚިލާފު ވާހަކަތަކެއް ކަމަށެވެ.

"އުއްތަމަ ފަނޑިޔާރުގެ ސެކިއުރިޓީ އަދި އެހެނިހެން އިނާޔަތްތައް ދައުލަތުން ފޯރުކޮށްދެމުންދާ ވާހަކަ ދަންނަވަން." ޑީޖޭއޭއިން ބުނެފައިވެއެވެ.

އެމްއެންޑީއެފުންވެސް ވަނީ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އަށް ސެކިއުރިޓީ ދެމުންދާ ކަމަށް ބުނެފައެވެ.

ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގާނޫނު އަސާސީއާ ހިލާފުވެފައިވާތީ އެ ކޮމިޝަންގެ ނިންމުން ބަލައިނުގަންނަ ކަމަށް އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރޭ ވަނީ ވިދާޅުވެފައެވެ.

އުއްތަމަ ފަނޑިޔާރު ރޭ ބަޔާނެއް ނެރުއްވާފައިވާއިރު، އިއްޔެ ޖޭއެސްސީއިން ވަނީ އުއްތަމަ ފަނޑިޔާރު ސަސްޕެންޑްކޮށް މަގާމުން ވަކި ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފަ އެވެ. ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއިން މިއަދު ވަނީ ފަނޑިޔާރުން ވަކި ކުރަން ފެންނަ ކަމަށް ނިންމާފަ އެވެ.

އުއްތަމަ ފަނޑިޔާރާ ގުޅޭ ގޮތުން ބަލަމުން ދިޔައީ ސުޕްރީމް ކޯޓުން ގާނޫނު އަސާސީއާ ހިލާފަށް ނިންމާފައިވާ ކަމަށް ބުނާ މައްސަލަތަކެކެވެ. އެއީ ޖޭއެސްސީއިން އެކުލަވާލި ރިޕޯޓެއްގައި ފާހަގަކުރި މައްސަލަތަކެވެ. އޭގެ 15 މައްސަލައެއް ޖޭއެސްސީއިން ތަހުގީގު ކުރި އެވެ. ޖޭއެސްސީއިން ނިންމާފައިވަނީ އެ މައްސަލަތަކުގެ ތަހުގީގުން ފަނޑިޔާރެއްގެ ކިބައިން ފެނިގެން ނުވާނެ އަމަލުތައް އުއްތަމަ ފަނޑިޔާރުގެ ކިބައިން ފެނިފައިވާ ކަމަށެވެ.

އެ ނިންމުމަށް ފާޑުވިދާޅުވެ އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ވިދާޅުވީ ޖޭއެސްސީގެ އަމަލަކީ ދުސްތޫރީ އަސާސްތައް ފުނޑުފުނޑުކޮށްލި އަމަލެއް ކަމަށެވެ. ފަނޑިޔާރަކު ނިންމާ ނިންމުންތަކާ ގުޅޭ ގޮތުން ފަނޑިޔާރެއްގެ މައްސަލަ ނުބެލޭނެ ކަމާއި އަދުލްއިންސާފުގެ އެންމެ މަތީ ފަރާތަކީ ސުޕްރީމް ކޯޓުކަން ގާނޫނު އަސާސީއިން ކަށަވަރުވާ ކަމަށެވެ.

ސުޕްރީމް ކޯޓުގެ ނިންމުންތަކަށް ޗެލެންޖްކޮށް ސައްހަކަމާމެދު ސުވާލު އުފެއްދުމުގެ ބާރެއް ޖޭއެސްސީއަށް ނެތް ކަމަށާއި ސުޕްރީމް ކޯޓުގެ ހުރިހާ ނިންމުމަކަށް އެ ކޮމިޝަނުން ބޯލަނބަން ޖެހޭނެ ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ޑރ. ދީދީ ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޖޭއެސްސީއިން ސުޕްރީމް ކޯޓުގެ ނިންމުންތަކެއްގެ މައްސަލަ ބަލައި އެ މައްސަލަ ސާބިތުވާ ކަމަށް ނިންމާފައިވަނީ އަހްލާގީ ގޮތުން ނޫނީ ސުލޫކީ ގޮތުން އެެއްވެސް ކަމެއް އެއްވެސް މިންވަރަކަށް އެއްވެސް ސިފައެއްގައި ހިންގިކަން އެންމެ ކުޑަމިނުން ޝައްކު އުފައްދަން ޖެހޭ ފަދަ ހެއްކެއް އަދި އަސާސެއް ވެސް ވުޖޫދުގައި ނެތީސް އަމިއްލަ ހިޔާލުން އުފައްދައިގެން ކަމަށެވެ.

ޖޭއެސްސީއިން އަމަލުކޮށްފައިވަނީ އެ ކޮމިޝަނަކީ އަދުލްއިންސާފު ގާއިމްކުރުމުގެ އެންމެ ފަހު ބަސް ބުނާ ފަރާތް ކަމަށް ސިފަވާ ގޮތަށް ކަމަށާއި އެއީ ސުޕްރީމް ކޯޓުގެ ދުސްތޫރީ ބާރަށް އަރައިގަތުން ކަމަށެވެ. ކޮމިޝަނުން ވަނީ ސިލްސިލާ ގޮތެއްގައި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދެއްކުމުގެ އަމަލުތައް ހިންގާފައި ކަމަށް ވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވި އެވެ.

އުއްތަމަ ފަނޑިޔާރު ދީދީ ވިދާޅުވީ ކޮމިޝަނުން އަމަލު ކުރަމުން ދަނީ ދައުލަތުގެ ހިންގުމުގެ ނިޒާމް "އިމްބެލެންސް" ވެ ފުނޑުފުނޑު ވެގެންދާނެ މިސްރާބަކަށްކަން އޮތީ ސާފުކޮށް ފެންނަން ކަމަށެވެ.