ޑރ. އަހުމަދު އަބްދުﷲ ދީދީ

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަކުރަންޖެހޭ: ޑީޑީ

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދާއި އެ ސިފައިން ތިބި ހަގީގީ ސަބަބު ހާމަކުރަން ޖެހޭ ކަމަށް ކުރީގެ އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހޯދުމަށް ނޫސްވެރިއަކު ވަނީ ހުށައަޅާފައެވެ. އެ މައުލޫމާތު ޑިފެންސް މިނިސްޓްރީން ދީފައިނުވާތީ މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ދަށުން އެ މައުލޫމާތު ހޯދުމަށް އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށައެޅުމުން އެ އޮފީހުން ވަނީ އާންމު އަޑުއެހުމެއް މިއަދު ބާއްވާފައެވެ. އެ ބައްދަލްވުމުގައި ޑިފެންސް މިނިސްޓްރީން ވަނީ އެ މައުލޫމާތު ހާމަކުރެވިދާނެތޯ ބެލުމަށް ސިފައިންގެ ލަފާދޭ މަޖިލީހަށް ހުށައެޅި ކަމަށެވެ. ނަމަވެސް އެއީ ގައުމީ ސަލާމަތާއި ގުޅުންހުރި މައުލޫމާތުތަކަކަށްވާތީ އެ މައުލޫމާތު ހިއްސާ ކުރެވެން ނެތް ކަމަަށް ސިފައިންގެ ލަފާދޭ މަޖިލީހުން އަންގާފައިވާ ކަމަށެވެ.

އެކަމާއި ގުޅިގެން ކުރީގެ އުއްތަމަ ފަނޑިޔާރުު ވިދާޅުވީ ރާއްޖޭގައި އިންޑިއާ ސިފައިން ތިބި އަދަދު ހާމަ ކުރަން ޖެހޭ ކަމަށެވެ. އަދި ސިފައިން ތިބި ހަގީގީ ސަބަބުވެސް ރައްޔިތުންނަށް ބުނެދޭން ޖެހޭ ކަމަށެވެ. އަދި އދ ގެ ޗާޓަރާއި ހިލާފަސް އެއްބަސްވުންތައް ސިއްރުވެސް ނުކުރެވޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ގާނޫނު އަސާސީގެ 115 ވަނަ މާއްދާގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ ބާރު ބޭނުން ކުރެވޭނީ ގާނޫނު އަސާސީގެ 115(ރ) އާ އެއް ގޮތަށް. އަދި ރައްޔިތުންނަށް ޖަވާބުދާރީވަނިވި އުސޫލަކުން. އިންޑިއާ ސިފައިން ރާއްޖޭގައި ތިބި އަދަދާއި، ތިބި ހަގީގީ ސަބަބު ހާމަ ކުރަންވާނެެ. އދ. ގެ ޗާޓަރު 102 އާ ހިލާފަށް އެއްބަސްވުން ސިއްރު ނުކުރެވޭނެ
ޑރ. އަހުމަދު އަބްދުﷲ ދީދީ | ކުރީގެ އުއްތަމަ ފަނޑިޔާރު

އިންޑިއާ ސިފައިން ރާއްޖޭގައި ގާއިމްވެ ތިބެނީ އެ ގައުމުގެ ސިފައިން އުދުއްސާގޮތަށް ރާއްޖެއަށް "ހަދިޔާ" ކޮށްފައިވާ ދެ ހެލްކޮޕްޓަރު ދުއްވުމަށާއި ރާއްޖޭގައި ގާއިމްކޮށްފައިވާ ދިހަ ރާޑާ ސިސްޓަމްގެ އެކި މަސައްކަތްތަކަށެވެ. ރާއްޖެ-އިންޑިއާ ގުޅުން އެހެން ލެވެލްއަކަށް ގޮސްފައިވާ ކަމަށް ބުނެ އާންމުން ގެންދަނީ "އިންޑިއާ އައުޓް" ގެ ނަމުގައި ކެންޕެއިނެއް ހިންގަމުންނެވެ. އެ ކެންޕެއިނަށް އިދިކޮޅު ދެ ޕާޓީން ތާއީދު ކުރެއެވެ.

ރާއްޖެ-އިންޑިއާ އެއްބަސްވުމުގައިވާ ގޮތުން ހެލިކޮޕްޓަރު ދުއްވަން ރާއްޖޭގައި ތިބެވޭނީ ސިފައިންގެ 24 މީހުނަށެވެ. ދެ ހެލްކޮޕްޓަރަށް 48 ސިފައިންނެވެ. ނަމަވެސް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވި ގޮތުގައި އޭނާ ހޯމް މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ވެސް އޭގެ ދެ ގުނަ އިތުރަށް ސިފައިން ތިބެއެވެ. އެކަމާއި ގުޅިގެން އިންޑިއާ ސަރުކާރާ ރާއްޖެއިން ސުވާލު ވެސް ކޮށްފައި ވެއެވެ. ނަމަވެސް އަބަދުވެސް އިންޑިއާގެ ޖަވާބަކީ އެއީ ޑިއުޓީ ބަދަލުކުރާ ގަޑިކަމުން ސިފައިން ގިނަވަނީ އެވެ.

"އަޅުގަނޑުގެ އަންދާޒާގައި މިހާރުވެސް 200 ސިފައިން ތިބޭނެ. މިއީ އަޅުގަނޑު މި ދަންނަވާ ނުރައްކާ ފެށޭ ހިސާބަކީ. މީގެ އަށް އަހަރު ކުރިން އެންމެ 24 ސިފައިން. މިހާރު ހަތިޔާރާއެކު ތިބި 200 ސިފައިންނަށް މި ބަދަލުވީ. ލިޔެކިޔުމުގަައި ކޮންމެ ގޮތަކަށް އޮތަސް ކަން މި ހިނގަނީ އެ ގައުމުން ބޭނުންވާ ގޮތަށް،" އުމަރު ވިދާޅުވިއެވެ.