އަބްދުﷲ ޝާހިދު

މޮރޮކޯގެ އިސްލާމިކް މިނިސްޓަރާ ޝާހިދު ބައްދަލު ކުރައްވައިފި

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، މޮރޮކޯއަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި މޮރޮކޯގެ މިނިސްޓަރު އޮފް އެންޑޯމެންޓްސް އެންޑް އިސްލާމިކް އެފެއާޒް އަހްމަދު ތައުފީގްއާ މިއަދު ބައްދަލު ކުރައްވައިފިއެވެ.

މޮރޮކޯގެ މިނިސްޓްރީ އޮފް އެންޑޯމެންޓްސް އެންޑް އިސްލާމިކް އެފެއާޒްގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި، މިނިސްޓަރު ޝާހިދު ވަނީ ދިވެހިރާއްޖެއާއި މޮރޮކޯއާ ގުޅުންހުރި ދީނީ ތަރިކައަށާއި ތާރީޚާ ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އެގޮތުން، ދިވެހިރާއްޖެ އަށް އިސްލާމް ދީން ތައާރަފްވިގޮތުގައި ހަވާލާދެވޭ މޮރޮކޯގެ އަބުލް ބަރަކާތް ޔޫސުފުލް ބަރްބަރީގެ ނަން ފާހަގަކުރެއްވިއެވެ. އަދި އިސްލާމްދީނުގެ އަސާސްތައް އިއާދަކުރުމަށް އެކުއެކީ މަސައްކަތްކުރުމާއި، ދިވެހިރާއްޖޭގެ އިމާމުންނަށް މޮރޮކޯގެ މައުހަދުތަކުން ތަމްރީން ފުރުސަތުތައް ހޯދުމާއި ގުޅޭގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ރަސްމީ ދަތުރުފުޅެއްގައި މޮރޮކޯއަށް ވަޑައިގެންފައިވާއިރު މިއީ ދިވެހިރާއްޖޭގެ ޚާރިޖީ ވަޒީރަކު މޮރޮކޯއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ޝާހިދުގެ މި ދަތުރުފުޅުގައި، ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި ބެހޭ ގޮތުން މޮރޮކޯގެ ފޮރިން މިނިސްޓަރާއި އަދި މޮރޮކޯ ސަރުކާރުގެ އިސްވެރިންނާއެކު މަޝްވަރާކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. މިނިސްޓަރު ޝާހިދު މޮރޮކޯއަށް ކުރައްވާ ރަސްމީ ދަތުފުޅުގެ ތެރެއިން ދިވެހިރާއްޖެއާއި މޮރޮކޯއާއިއެކު ގުޅުން ބަދަހިކުރުމަށް ބައެއް އެއްބަސްވުންތަކުގައި ސޮއިކުރުމަށްވެސް ހަމަޖެހިފައިވާ ކަމަށް އެ މިނިސްޓްރީން ބުނެއެވެ.