މަރުތައް ތަހުގީގު ކުރާ ކޮމިޝަން

ތަހުގީގުން އާ ކަމެއް ހާމައެއް ނުވި: ޖަމީލް

ދީނީ އިލްމުވެރިޔާ އަދި ކުރީގެ މަޖިލީސް މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލާގައި މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓުން އާ ކަމެއް ހާމަނުވާ ކަމަށް ކުރީގެ ނާއިބް ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

އަފްރަޝީމް އަލީ އަވަހާރަކޮށްލާފައިވަނީ އޮކްޓޫބަރު 1، 2012 ގައެވެ. އޭރު ހޯމް މިނިސްޓަރަކަށް ހުންނެވީވެސް ޖަމީލެވެ.

ޖަމީލް ވިދާޅުވީ އަފްރަޝީމްގެ މަރުގެ ތަހުގީގުުން އާ ކަމެއް ހާމަ ނުވި ކަމަށެވެ. އަދި ކުރިން ވެސް ބުނަމުން އައި ގޮތަށް ހާމަވީ ބައެއް ސިޔާސީ ބޭފުޅުން ފެތުރި ދޮގު ވާހަކަތަކުގައި ހަގީގަތެއް ނެތުން ކަމަށް ޖަމީލް ވިދާޅުވި އެވެ.

"ރައީސް ޔާމީން ބަދުނާމުކުރީ ސިޔާސީ ބޭނުމަށްކަން... ތުހުމަތުކުރެވޭ ފަރާތްތައް މިއަދު ތިބި ހިސާބުން ކަންބޮޑުވޭ." ޖަމީލް ވިދާޅުވި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު އަފްރާޝީމް އަވަހާރަކޮށްލި މައްސަލާގައި މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓްގައި އެމަނިކުފާނުގެ މަރާ ސިޔާސީ އެއްވެސް ބަޔަކާއި ގުޅުމެއް ނެތް ކަމަށް ވަނީ ބުނެފަ އެވެ. އަދި އެ މަރުގެ ފަހަތުގައި ވަނީ ދީނީ ހަރުކަށި މީހުން ކަމަށް ބުނެފައި ވެއެވެ. އެ މީހުންނަކީ އަފްރަޝީމްގެ ވިސްނުންފުޅާ ވަރަށް ދެކޮޅު ބައެއް ކަމަށް ރިޕޯޓްގައި ފާހަގަ ކޮށްފައިވާ ކަމަށް މީޑިއާގައި ވަނީ ރިޕޯޓް ކޮށްފަ އެވެ.