ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ކުރާ މަނީ ލޯންޑަރިންގެ ދައުވާ ކާމިޔާބު ކުރައްވާނެ ކަމަށާ އެ ދައުވާމެދު ކަންބޮޑުނުވުމަށް ސަޕޯޓަރުންނަށް އެމަނިިކުފާނު ގޮވާލައްވައިފި އެވެ.
"ފުނޑާލައިިފި" މިނަމުގައި އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ބޭއްވި ރެލީގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އެމަނިކުފާނުގެ މައްޗަށް އުފުލާފައިވާ ދައުވާއަކީ ސިޔާސީ ދައުވާއެއް ކަމަށާ އެ ދައުވާއާއިމެދު ކަންބޮޑުވުމެއް ނެތް ކަމަށެވެ. އަދި ސަޕޯޓަރުންނަށް ހުކުމެއް ކޮށްފާނެތީ ކަންބޮޑުނުވުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ.
ޔާމީން ވިދާޅުވީ އެމަނިކުފާނު ކުށެއް ނުކުރައްވާ ކަމަށާ އެކަން ދިވެހި ރައްޔިތުން ގަބޫލުކުރާ ކަމަށެވެ.
"އަޅުގަނޑުގެ ވަސިއްޔަތަކީ އަޅުގަނޑާ ދޭތެރޭ ވެދާނެ ގޮތަކާމެދު ނުވިސްނަވާ. އަޅުގަނޑުގެ ވަސިއްޔަތަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ދައުވާ ކާމިޔާބު ކުރާނަން. ޝައްކެއްވެސް ރައްޔިތުންގެ ދަރުބާރުން ހުކުމް ކޮށްފި. އެ ހުކުމް ގަބޫލުނުކުރެވިގެން މި އުޅެނީ ބަޔަކަށް. އެ ހުކުމް ގަބޫލުނުކުރެވުނީމަ ހުކުމްކުރަން ކުޑަތަންވެފައި އޮއްވާ ގާޒީވެސް ނަގާ އެއްލައިލީ. އެކަމަކު ރައްޔިތުންގެ ދަރުބާރުން މި ކުރި ހުކުމް މިހާރު ވެރިންނަށް މީހުން މީހުން ގަބޫލުކުރޭ އެއީ ރައްޔިތުން ނިންމާފައި އޮތް ހުކުމްކަން. އެއީ އަދުލްވެރި ހުކުމެއްކަން." ރައީސް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ކްރިމިނަލް ކޯޓްގެ އިސްގާޒީ އަދި އެމަނިކުފާނުގެ މައްސަލަ ބެއްލެވި ފަނޑިޔާރު އަހުމަދު ހައިލަމަށް ގުޅުއްވާ ސަރުކާރުގެ އިސްވެރިން ނުފޫޒު ފޯރުވަން މަސައްކަތް ކުރެއްވި ކަމަށެވެ. އަދި ސަރުކާރަށް "ހަޖަމު"ނުވީ ލިޔެފައި އޮތް އަދުލްވެރި ހުުކުމް ކަމަށާ އެ ހުކުމް އިއްވުމުގެ ފުރުސަތު ނުދީ ސަސްޕެންޑްކުރީ އެހެން ވެގެން ކަމަށެވެ.
"އެހެން ނޫނީ ކީއްވެގެންތޯ އަދުލްވެރި ހުކުމެއް ކުރޭތޯ ބަލަން ރައީސުލްޖުމްހޫރިއްޔާގެ ޗީފް އޮފް ސުޓާފް ގުޅަންޖެހެނީ. ގުޅަންޖެހޭ ސަބަބެއް ނެތެއް ނޫންތޯ.. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ ގަބޫލުކުރޭ އަދުލްވެރި ހުކުމެއް އޮތީ ލިޔެވިފައިކަން. އެކަމަކު އެ ހުކުމް 'ހަޖަމް' ކޮށްލަން ނުކުރިގެން މި އުޅެނީ."
އަޅުގަނޑުގެ ވަސިއްޔަތަކީ އަޅުގަނޑާ ދޭތެރޭ ވެދާނެ ގޮތަކާމެދު ނުވިސްނަވާ. އަޅުގަނޑުގެ ވަސިއްޔަތަކީ އިރާދަކުރެއްވިއްޔާ އަޅުގަނޑު މި ދައުވާ ކާމިޔާބު ކުރާނަން. ޝައްކެއްވެސް ރައްޔިތުންގެ ދަރުބާރުން ހުކުމް ކޮށްފި. އެ ހުކުމް ގަބޫލުނުކުރެވިގެން މި އުޅެނީ ބަޔަކަށް. އެ ހުކުމް ގަބޫލުނުކުރެވުނީމަ ހުކުމްކުރަން ކުޑަތަންވެފައި އޮއްވާ ގާޒީވެސް ނަގާ އެއްލައިލީ. އެކަމަކު ރައްޔިތުންގެ ދަރުބާރުން މި ކުރި ހުކުމް މިހާރު ވެރިންނަށް މީހުން މީހުން ގަބޫލުކުރޭ އެއީ ރައްޔިތުން ނިންމާފައި އޮތް ހުކުމްކަން. އެއީ އަދުލްވެރި ހުކުމެއްކަންއަބްދުﷲ ޔާމީން | ކުރީގެ ރައީސުލްޖުމްހޫރިއްޔާ
ނަމަވެސް ރައީސް ޔާމީން މިރޭ ވިދާޅުވީ އެމަނިކުފާނަށް އެހެން ގޮތަކަށް ހުކުމް އައިސް ޕާޓީއާއި ދުރުގައި ހުންނަވަން ޖެހިވަޑައިގެން ނަމަވެސް އިސްލާހީ މަސައްކަތުގައި ކުރިއަށް ދިއުމަށް އިލްތިމާސް ކުރައްވާފައެވެ.
"އަޅުގަނޑުގެ ވަސިއްޔަތަކީ އަޅުގަނޑާ ދޭތެރޭ ދެރަގޮތެއް ﷲ މިންވަރު ކުރައްވައިފި ކަމަށްވަންޏާ ގަބޫލުކުރައްވާ.. އެއީ ވަގުތީ ގޮތުން އަންނަ އިމްތިހާނެއް. އެކަމަކު އަޅުގަނޑުމެން ކުރަމުން އަންނަ މި މަސައްކަތަކީ އިތުރު ގިޔަރަކަށް ލައިގެން ވަރުގަދައަށް ކުރަންޖެހޭ މަސައްކަތެއްގެ ގޮތުގައި ތި ބޭފުޅުން ކަމަރު ބަންނަން ޖެހޭނެ. އެއީ މިއީ ހަމައެކަނި އަޅުގަނޑަކަށްޓަކައި ކުރާ ކަމެއް ނޫން." ރައީސް ޔާމީން ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ ޕާޓީއަށް އަޅުގަނޑު ނެތުމުން އަންނަ ހީނަރުކަމަކުން އެއްވެސް މީހަކު 'ހަވާ' ކެއަ ނުދެއްވާ."