ވިޔަފާރި

މިފްކޯ އިން 26 ވަނަ އަހަރީ ދުވަސް ފާހަގަ ކޮށްފި

Nov 16, 2019

ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ) އަށް 26 އަހަރު ފުރުން ފާހަގަ ކޮށްފި އެވެ.

މިފްކޯއަށް 26 އަހަރު ފުރުން ފާހަގަ ކުރަން ފަރުކޮޅުފުށީގެ އިވެންޓު ސަރަހައްދުގައި މިރޭ ބޭއްވި ރަސްމިއްޔާތުގައި ފިޝަރީޒް މިނިސްޓަރު ޒަހާ ވަހީދު ވިދާޅުވީ މިފްކޯއަކީ ރާއްޖޭގެ މަސްވެރިކަމަށް ވަރަށް ގިނަ އެހީތަކެއް ދޭ ކުންފުންޏެއް ކަމަށެވެ.

"މިފްކޯއަކީ މަސްވެރިކަމުގެ ދާއިރާއަށް އިންގިލާބީ ބަދަލު ތަކެއް ގެނެސްދިން ކުންފުންޏެއް. ދަޅުގައި މަސް ބަންދު ކުރުމާއި އަގު އެއްކޮށްގެން ބާވަތްތައް ތައްޔާރުކޮށް އެތެރެ އާއި ބައިނަލްއަގުވާމީ މާކެޓަށް ފޯރުކޮށްދިން. އާ ޖީލުގެ ދޯނު ފަަހަރު ތައްޔާރުކޮށް މަސްވެރިންނަށް ފޯރުކޮށް ދީފައިވޭ،" ޒަހާ ވިދާޅުވި އެވެ.

މިފްކޯއިން މިރޭ ބޭއްވި ހަފުލާގައި އެ ކުންފުނީގެ މައި ކުންފުނި އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރުގެ އިތުރުން ބޯޑުގެ އިސް ބޭފުޅުން ވެސް ބައިވެރިވެ ވަޑައިގެންނެވި އެވެ.

މިފްކޯ އިން މިރޭ ބޭއްވި ހަފުލާގައި އެ ކުންފުންޏަށް 20 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކޮށްދީފައިވާ މުވައްޒަފުންގެ އަގު ވަޒަންކޮށް ހަނދާނީ ފިލާ ވެސް ދީފައި ވެއެވެ. ހަނދާނީ ފިލާ ދެއްވީ މިފްކޯގެ ބޯޑުގެ މެންބަރުންނެވެ.