މަރުތައް ތަހުގީގު ކުރާ ކޮމިޝަން

ރައުދާގެ ރިޕޯޓްވެސް އާއިލާއިން ބަލައެއް ނުގަތް!

ބަންގްލަދޭޝްގައި މަރުވި ރައުދާ އާތިފުގެ މައްސަލަ ތަހުގީގުކޮށް ރިޔާސީ ކޮމިޝަނުން އެކުލަވައިލި ރިޕޯޓް އާއިލާއިން ބަލައި ނުގަންނަ ކަމަށް ބުނެފި އެވެ.

ކޮމިޝަންގެ ރިޕޯޓް ބަލައި ނުގަންނަ ކަމަށް ރައުދާގެ ބައްޕަ ޑރ. މުހައްމަދު އާތިފު ވަނީ ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ ދަރިފުޅު މަރާލާފައި ވަނީ ކަރުގައި ހިފައިގެން ކަމުގެ ފޮރެންސިކް ހެކި ކޮމިޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

"ވީމާ ތިޔަ ރިޕޯޓް އާއިލާއަކުން ގަބޫލެއް ނުކުރޭ!" އާތިފު ކުރެއްވި ޓްވީޓެއްގައި ވެއެވެ.

ބަންގްލަދޭޝްގެ ރާޖް ޝާހީ ސިޓީގެ އިސްލާމީ ބޭންކް މެޑިކަލް ކޮލެޖްގެ ޑޯމިޓަރީގައި ރައުދާ ދިރިއުޅުނު ކޮޓަރީގައި އޭނާ މަރުވެފައި އޮއްވައި ފެނުނީ މާޗް 29، 2017 އިގަ އެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދުމަށް ފަހު ބަންގްލަަދޭޝް ސަރުކާރުން ފުރަތަމަ ބުނީ ރައުދާ މަރުވީ ދަންޖެހިގެން ކަމަށެވެ.

އޭނާގެ މަރުގެ މައްސަލައާ ގުޅިގެން އެކި ފަހަރު މަތިން ބަންގްލަދޭޝް ފުލުހުން އެ މައްސަލަ ތަހުގީގުކޮށް، އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި އެވެ. ކޮންމެ ފަހަރަކު ވެސް ފުލުހުން ކަނޑައަޅާފައި ވަނީ ރައުދާ މަރުވީ އަމިއްލައަށް ކަމަށެވެ.

ރިޔާސީ ކޮމިޝަންގެ ރިޕޯޓްގައި ވެސް ވަނީ ރައުދާ މަރުވީ އަމިއްލައަށް ދަންޖެހިގެން ކަމަށެވެ.

ރައުދާގެ ރިޕޯޓް އާއިލާއިން ބަލައިގެން ނުގަންނަ ކަމަށް ބުނި އިރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ މަޖިލީސް މެންބަރު ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލި މައްސަލައާއި ގުޅިގެން މަރުތައް ބަލާ ރިޔާސީ ކޮމިޝަން އިން ކުރި ތަހުގީގުގެ ރިޕޯޓް ބަލައިނުގަންނަ ކަމަށް އެ އާއިލާއިން ވެސް ވަނީ ބުނެފަ އެވެ.