ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓްގައި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ މައްޗަށް ތުހުމަތުތަކެއް ކޮށްފައިވެ އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ ކޮމިޝަންގެ ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގުގެ ރިޕޯޓްގެ ހުލާސާއެއް ތަޅުމަށް އިއްވައިފަ އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނާ ރިޕޯޓު ހިއްސާ ކުރެއްވީ ރައީސް އޮފީހުންނެވެ.
ކޮމިޝަންގެ ރިޕޯޓްގައި ބުނާ ގޮތުން އަފްރާޝީމް މަރާލީ ރާއްޖޭގައި ހިންގަމުން ގެންދާ ޖީހާދީ ފިކުރުގެ ޖަމާއަތަކުން ރާވައިގެންނެވެ. އެ ގޮތުް އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވެފައި ވަނީ ހ. ހިލްޓަން އަޒްލީފް ރައުފް އާއި، އެ މައްސަލާގައި ކުށް ސާބިތުވެފައިވާ ހ. ލޮބީ ހުސައިން ހުމާމް އާއި، ސާބިތު ނުވި އަލީ ޝާން (ސަޓޯ) އާއި އޭރު އުމުރުން 18 އަހަރު ނުފުރޭ ކުއްޖެއް ކަމަށް ރިޕޯޓްގަައިވެ އެވެ.
މަޒީދު އާއި ސާމިތަކީ ރިލްވާން ވަގަށް ނެގުމުގައި ވެސް ތުހުމަތު ކުރެވޭ ޖަމާއަތުގެ މީހުންނެވެ. އަދި މަޒީދަކީ ސަލްޓާން ޕާކް ބޮމުގެ ހަމަލާއަށް ފަހު، ޕާކިސްތާނަށް ގޮސް އެ ތަނުަގއި އުޅުނު އަލްގައިދާ އިސް މީހަކާ ބައްދަލުކޮށް އެ ޖަމާއަތުގެ މަސައްކަތް ރާއްޖޭގައި ކުރަމުން އަންނަ މީހެއް ކަމަށް ރިޕޯޓްގައިވެ އެވެ.
އޭގެ އިތުރުން އަފްރާޝީމްއާ މެދުގައި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާ ގިނަ އަދަދެއްގެ ފަރާތްތައް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ސަލަފް ޖަމާއަތް ފާހަގަކޮށްފައިވާއިރު، 2011 ގައި ޔޫޓިއުބްގައި އުފެއްދި "ހަބޭސް ޓީވީ" ގައި އޭނާއަކީ ވަރަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކާފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
އަދި އަޒްލީފްގެ ކަންކަން އެނގި ތިބި އޭނާ ކުރާ ކަންކަން ފޮރުވުމަށް މަސައްކަތް ކޮށްފައިވާ ކަމާއި އެއީ ސިޔާސީ ބަޔަކު ނިވަލުގައި ތިބޭ ކަމަށް ރިޕޯޓުން ފާހަގަކޮށްފައިވާ ކަމަށެވެ.
އެ ގޮތުން ޑރ. ޝަހީމަށް މީހަކު ފޮނުވާފައިވާ ޓެކްސް މެސެޖެއްގައި ވަނީ އަފްރާޝީމް "ރުޖޫއަވެ މީޑިއާގައި މައާފަށް އެދިވަޑަައިގެން ތައުބާ ވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު" ކަމަށް ވާ ކަން ރިޕޯޓްގައި ބުނެ އެވެ. އަދި ޑރ. ޝަހީމް ވަނީ އެ މެސެޖް އަފްރާޝީމަށް ފޯވާޑް ކޮށްފައި ކަމަށް ރިޕޯޓްގައި ބުނެ އެވެ.
އެ ގޮތުން ޑރ. ޝަހީމަށް މީހަކު ފޮނުވާފައިވާ ޓެކްސް މެސެޖެއްގައި ވަނީ އަފްރާޝީމް "ރުޖޫއަވެ މީޑިއާގައި މައާފަށް އެދިވަޑަައިގެން ތައުބާ ވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު" ކަމަށް ވާ ކަން ރިޕޯޓްގައި ބުނެ އެވެ. އަދި ޑރ. ޝަހީމް ވަނީ އެ މެސެޖް އަފްރާޝީމަށް ފޯވާޑް ކޮށްފައި ކަމަށް ރިޕޯޓްގައި ބުނެ އެވެ.
ކޮމިޝަނަށް ޝަހީމް ދެއްވާފައިވާ ބަޔާނުގައިވާ ގޮތުން އަފްރާޝީމް މަރާލި ދުވަހުގެ ރޭގެ ކުރިން އެ ދުވަހުގެ މެންދުރު އިސްލާމީ މަރުކަޒަށް ވަޑައިގަތީ އޭނާގެ އެދިވަޑައިގަތުމުގެ މަތިންނެއް ނޫނެވެ. އަދި މެސެޖް ޝަހީމަށް ފޮނުވީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން އެއީ ކާކު ކަމެއް ހަނދުމަ ފުޅުގައި ނެތް ކަމަށް ކޮމިޝަނަށް ވިދާޅުވި ކަމަށް ރިޕޯޓްގައި ބުނެ އެވެ.
އެކަމަކު ޝަހީމާއި އެ މީހާއި އަފްރާޝީމާ ދެމެދު މެސެޖް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، މެންދުރު އިސްލާމީ މަރުކަޒަށް ވަޑައިގަތުމަށާއި އެ ދުވަހުގެ ރޭ ޓީވީ ޕްރޮގްރާމަށް އަފްރާޝީމް އެރުމަށް އެދިވަޑައިގަތީ އޭރުގެ އިސްލާމިކް މިނިސްޓަރު ޝަހީމް ކަމަށް އެނގޭ ކަމަށް ރިޕޯޓްގައި ބުނެ އެވެ.
އެ ދުވަހުގެ ރޭ އަފްރާޝީމް ޓީވީ ޕްރޮގްރާމަށް އަރަން އެ މީހަކު އެދުނު ސަބަބާއި އެދުނީ އޭނާ ތައުބާވެ މީޑިއާގައި އެކަން އާންމުކޮށް އިއުލާން ކުރުމަށް ކަން ޝަހީމަށް އެނގިވަޑައިގަންނަވާ ކަން އެ މެސެޖްތަކުން އެނގޭ ކަމަށް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ. އަދި ޕްރޮގްރާމަށް އެރޭ ގޮތް ނުވެއްޖެނަމަ އިސްލާމިކް މިނިސްޓްރީގައި ޕްރެސް ކޮންފެރެންސް އެއް ބާއްވަން ވެސް އޭނާ އެދިވަޑައިގެންނެވި ކަމަށް ވެ އެވެ.
އަފްރާޝީމް މަރާލުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ރިޕޯޓްގައި ފާހަގަކޮށްފައިވާ އަޒްލިފް އާއި ހުމާމާއި ސަޓޯއާއި 18 އަހަރު ނުވާ ކުއްޖާގެ އިތުރުން ހަތް މީހަކު ބައިވެރިވި ކަމަށް ތުހުމަތު ކުރެވުނަސް އެ މީހުން ވަނީ އަފްރާޝީމް މަރާލި ދުވަހުގެ ރެއާ ޖެހިގެން އައި ދުވަހުގެ ހެނދުނު ސީރިއާއަށް ފުރައިގެން ގޮސްފައި ކަމަށް ރިޕޯޓްގައި ބުނެ އެވެ.
ހަމަ އެ ދުވަހުގެ ހެނދުނު ޑރ. ޝަހީމް ވެސް ރާއްޖެ ދޫކުރައްވައި ބޭރަށް ފުރާވަޑައިގެންފައިވާ ކަން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ފާހަގަ ކުރައްވާފައިވެ އެވެ.