ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީ މަރުގެ މައްސަލައާ ގުޅިގެން މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނުން އެކުލަވާލި ރިޕޯޓުގެ ހުލާސާ މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އިއްވާފައިވަނީ ވަކިވަކި ތަންކޮޅުކޮޅު ނަގައިގެން ވަކިގޮތަކަށް ރައްޔިތުންނަށް ވިސްނައިދިނުމުގެ ނިޔަތުގައިކަމަށް އިދިކޮޅުން ތުހުމަތުކޮށްފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ރިޔާސީ ކޮމިޝަންގެ ޑރ. އަފްރާޝީމްގެ މަރުގެ ތަހުގީގުގެ ރިޕޯޓްގެ ހުލާސާއެއް ތަޅުމަށް އިއްވައިފަ އެވެ. ރައީސް ނަޝީދު ވިދާޅުވި ގޮތުގައި އެމަނިކުފާނާ ރިޕޯޓު ހިއްސާ ކުރެއްވީ ރައީސް އޮފީހުންނެވެ.
ރިޕޯޓާ ހަވާލާދީ ނަޝީދު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލާފައިވަނީ ރާއްޖޭގައި ހަރަކާތްތެރިވާ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތެއް އަޑީގައި އޮވެގެން ރޭވި ރޭވުމެއްގެ ތެރެއިން ކަމަށެވެ.
އެކަމާ ގުޅިގެން ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް ވިދާޅުވީ އެ ރިޕޯޓުގެ ވަކިވަކި ތަންކޮޅުކޮޅު ނަގައިގެން ވަކިގޮތަކަށް ރައްޔިތުންނަށް ވިސްނައިދިނުމަށް މަޖިލީހުގެ ރިޔާސަތުން މަސައްކަތް ކުރެއްވުމަކީ ވަރަށް ދެރަ ކަމެއް ކަމަށެވެ.
"ޑރ. އަފްރާޝީމްގެ ގަތުލު އޭރުވެސް އަދި މިއަދުވެސް ސިޔާސީ ހަތިޔާރަކަށް ހަދާތީ ހިތާމަކުރަން،" ޕީޕީއެމްގެ ނައިބު ރައީސްކަންވެސް ކުރައްވާ ޝިޔާމް އިތުރަށް ވިދާޅުވި އެވެ.
ރިޕޯޓާ ހަވާލާދީ ނަޝީދު ވިދާޅުވީ އަފްރާޝީމް އަވަހާރަކޮށްލުމުގެ ފަހަތުގައި އޮތް ޖިހާދީ ފިކުރުގެ ޖަމާއަތް ހިންގަނީ މުހައްމަދު މަޒީދު އަދި ސާމިތު މުހައްމަދު ނަމަކަށް ކިޔާ މީހެއް ކަމަށެވެ.
މަޒީދު އާއި ސާމިތަކީ ރިލްވާން ވަގަށް ނެގުމުގައި ވެސް ތުހުމަތު ކުރެވޭ ޖަމާއަތުގެ މީހުންނެވެ. އަދި މަޒީދަކީ ސަލްޓާން ޕާކް ބޮމުގެ ހަމަލާއަށް ފަހު، ޕާކިސްތާނަށް ގޮސް އެ ތަނުަގއި އުޅުނު އަލްގައިދާ އިސް މީހަކާ ބައްދަލުކޮށް އެ ޖަމާއަތުގެ މަސައްކަތް ރާއްޖޭގައި ކުރަމުން އަންނަ މީހެއް ކަމަށް ރިޕޯޓްގައިވެ އެވެ.
އަދި އަފްރާޝީމް އަވަހާރަކޮށްލުމުގެ އެންމެ އިސް މީހަކީ ހ. ހިލްޓަން އަޒްލިފް ރައުފް ކަމަށް ތަހުގީގު ރިޕޯޓުގައި ވަނީ ބުނެފަ އެވެ.
އަދި އެކި ފަހަރު މަތިން ޑރ އަފްރާޝީމަށް ދުއްތުރާކޮށް ގޯނާ ކޮށްފައިވާކަން ފާހަގަކޮށްފައިވާއިރު، ބައެއް އިލްމުވެރިން ޑރ އަފްރާޝީމަށް ނިސްބަތްކޮށް "ތައުބާވެއްޖެ ނަމަ ރަނގަޅު ވާނެ ކަމަށް" ބުނެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ.
ޖިހާދީ ފިކުރުގެ އެ ޖަމާއަތުން ޑރ އަފްރާޝީމާ މެދު ހިތް ހަމަ ނުޖެހުންއޮތީ، މަރުވެފައި ތިބޭ މީހުންނަށް ނަދުރު ބުނުމާއި، އަންހެން މީހާގެ އައުރައަކީ ކޮބައިކަމާމެދު ޑރ އަފްރާޝީމް ހިޔާލުހުރި ގޮތުން ކަމަށް ރިޕޯޓުގައި ބުންޏެވެ.
އޭގެ އިތުރުން އަފްރާޝީމްއާ މެދުގައި ރުޅިވެރިކަން އުފެދޭ ގޮތަށް ވާހަކަ ދައްކާފައިވާ ގިނަ އަދަދެއްގެ ފަރާތްތައް ވެސް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައިވެ އެވެ. އެ ގޮތުން ސަލަފް ޖަމާއަތް ފާހަގަކޮށްފައިވާއިރު، 2011 ގައި ޔޫޓިއުބްގައި އުފެއްދި "ހަބޭސް ޓީވީ" ގައި އޭނާއަކީ ވަރަށް ނުރައްކާތެރި މީހެއްގެ ގޮތުގައި ސިފަކޮށް ވާހަކަ ދައްކާފައިވާ ކަން ފާހަގަކޮށްފައިވެ އެވެ.
އަދި އަޒްލީފްގެ ކަންކަން އެނގި ތިބި އޭނާ ކުރާ ކަންކަން ފޮރުވުމަށް މަސައްކަތް ކޮށްފައިވާ ކަމާއި އެއީ ސިޔާސީ ބަޔަކު ނިވަލުގައި ތިބޭ ކަމަށް ރިޕޯޓުން ފާހަގަކޮށްފައިވާ ކަމަށެވެ.
އަދި އެކަމާ ގުޅިގެން، އެ ބުނާ ބަޔެއްގެ ތެރެއިން މީހަކު، އޭރުގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް މެސެޖުކޮށްފައިވާކަމަށް ވެސް މިއަދު ވަނީ ހާމަވެފަ އެވެ.
އެ ގޮތުން ޑރ. ޝަހީމަށް މީހަކު ފޮނުވާފައިވާ ޓެކްސް މެސެޖެއްގައި ވަނީ އަފްރާޝީމް "ރުޖޫއަވެ މީޑިއާގައި މައާފަށް އެދިވަޑަައިގެން ތައުބާ ވެއްޖެނަމަ ކިތަންމެހާ ވެސް ރަނގަޅު" ކަމަށް ވާ ކަން ރިޕޯޓްގައި ބުނެ އެވެ. އަދި ޑރ. ޝަހީމް ވަނީ އެ މެސެޖް އަފްރާޝީމަށް ފޯވާޑް ކޮށްފައި ކަމަށް ރިޕޯޓްގައި ބުނެ އެވެ.
ތަހުގީގު ރިޕޯޓުގައިވާ ގޮތުން، އެހެން ބައެއް ދީނީ އިލްމުވެރިންނާއި ޑރ. އަފްރާޝީމާ ދެމެދު އުފެދުނު ހިޔާލުތަފާތުވުންތައް ނައްތާލުމަށް ޑރ. ޝަހީމް މެދުވެރިއެއްގެ ރޯލު އަދާކޮށްދެއްވިކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
ކޮމިޝަނަށް ޝަހީމް ދެއްވާފައިވާ ބަޔާނުގައިވާ ގޮތުން އަފްރާޝީމް މަރާލި ދުވަހުގެ ރޭގެ ކުރިން އެ ދުވަހުގެ މެންދުރު އިސްލާމީ މަރުކަޒަށް ވަޑައިގަތީ އޭނާގެ އެދިވަޑައިގަތުމުގެ މަތިންނެއް ނޫނެވެ. އަދި މެސެޖް ޝަހީމަށް ފޮނުވީ ކޮން ފަރާތަކުންތޯ ސުވާލު ކުރުމުން އެއީ ކާކު ކަމެއް ހަނދުމަ ފުޅުގައި ނެތް ކަމަށް ކޮމިޝަނަށް ވިދާޅުވި ކަމަށް ރިޕޯޓްގައި ބުނެ އެވެ.
އެކަމަކު ޝަހީމާއި އެ މީހާއި އަފްރާޝީމާ ދެމެދު މެސެޖް މެދުވެރިކޮށް ކޮށްފައިވާ މުއާމަލާތްތަކަށް ބަލާއިރު، މެންދުރު އިސްލާމީ މަރުކަޒަށް ވަޑައިގަތުމަށާއި އެ ދުވަހުގެ ރޭ ޓީވީ ޕްރޮގްރާމަށް އަފްރާޝީމް އެރުމަށް އެދިވަޑައިގަތީ އޭރުގެ އިސްލާމިކް މިނިސްޓަރު ޝަހީމް ކަމަށް އެނގޭ ކަމަށް ރިޕޯޓްގައި ބުނެ އެވެ.
އެ ދުވަހުގެ ރޭ އަފްރާޝީމް ޓީވީ ޕްރޮގްރާމަށް އަރަން އެ މީހަކު އެދުނު ސަބަބާއި އެދުނީ އޭނާ ތައުބާވެ މީޑިއާގައި އެކަން އާންމުކޮށް އިއުލާން ކުރުމަށް ކަން ޝަހީމަށް އެނގިވަޑައިގަންނަވާ ކަން އެ މެސެޖްތަކުން އެނގޭ ކަމަށް ކޮމިޝަންގެ ރިޕޯޓްގައިވެ އެވެ. އަދި ޕްރޮގްރާމަށް އެރޭ ގޮތް ނުވެއްޖެނަމަ އިސްލާމިކް މިނިސްޓްރީގައި ޕްރެސް ކޮންފެރެންސް އެއް ބާއްވަން ވެސް އޭނާ އެދިވަޑައިގެންނެވި ކަމަށް ވެ އެވެ.