އެންސީއައިޓީގައި ގާއިމްކޮށްފައިވާ ނޭޝަނަލް ޑޭޓާ ސެންޓަރަށް އިތުރު އަޕްގްރޭޑެޑް އޮފްސައިޓް ޑޭޓާ ސިސްޓަމެއް ގާއިމް ކުރުމުގެ މަސައްކަތް 1.5 މިލިއަން ރުފިޔާއަށް ކޮމިއުނިކޭޝަންސް މިނިސްޓްރީން ފަށައިފި އެވެ.
ކޮމިއުނިކޭޝަން އެންޑް ޓެކްނޮލޮޖީ މިނިސްޓްރީގައި މިއަދު ބޭއްވި ނޫސް ކޮންފަރެންސްއެއްގައި މިނިސްޓަރު މުހައްމަދު މަލީހް ޖަމާލް ވިދާޅުވީ ނެޝަނަލް ޑޭޓާ ސެންޓަރު މިހާރަށްވުރެ ހަރުދަނާ ކުރުމުގެ ގޮތުން، އެންސީއައިޓީ އާ ގުޅިގެން މި މަސައްކަތް ފަށާ، ކުރިއަށް އޮތް ހަފްތާ އެއްހާ ދުވަސްތެރޭ މަސައްކަތް ނިންމާލެވޭނެ ކަމަށެވެ.
މިއަދު އިތުރު ކުރި މި ޑޭޓާ ސިސްޓަމްގެ ކެޕޭސިޓީއަކީ 100 ޓެރަބައިޓުކަމަށް މިނިސްޓަރު މަލީހް ވިދާޅުވި އެވެ.
އަދި ވިދާޅުވީ، މި މަސައްކަތުގެ ސަބަބުން ސަރުކާރުގެ މައުލޫމާތު ބެލެހެއްޓުމުގެ ނިޒާމު މިހާރަށްވުރެ ހަރުދަނާވެގެން ދާނެ ކަމަށެވެ. އަދި ސަރުކާރުން ބަލަހައްޓާ މައުލޫމާތުތަކަކީ ހާއްސަކޮށް ޑޭޓާ އަކީ މިހާރަށްވުރެ ރައްކާތެރި އެއްޗަކަށް ހެދުމަކީ މިނިސްޓްރީގެ އަމާޒު ކަމަށް މަލީހް ވިދާޅުވި އެެވެ.
މިނިސްޓަރު ފާހަގަކުރެއްވީ މިނިސްޓްރީ ފެށިގެން އައި އިރު އެންސީއައިޓީ މެދުވެރިކޮށް ޑޭޓާ ލީކް ވުމާއި ޑޭޓާ ބެލެހެއްޓުން ހަރުދަނާ ނޫން ކަމުގެ މައްސަލަތައް މިނިސްޓްރީ އަށް ތުހުމަތު ކުރި ކަމަށެވެ. އެހެންނަމަވެސް މިނިސްޓްރީން ބޭނުންވީ ޑޭޓާ ސެންޓަރަކީ އެހެން ގައުމުތަކުގައިވެސް ބޭނުންކުރާ މިންގަނޑުތަކަށް ފެއްތުން ކަމަށެވެ. އަދި އެ މަސައްކަތް ކުރަމުން އަންނަ ކަން ފާހަގަ ކުރެއްވި އެވެ.
"ފާއިތުވި އެއް އަހަރުތެރޭ ފާހަގަވީ މައުލޫމާތު ބެލެހެއްޓޭ ގޮތަކުން ބައެއް ފަހަރު އެބަހުރި ޑޭޓާ ލޮސްތަކެއް އައިސްފަ. ރިކަވާ ނުވާވަރަށް ބައެއް ޑޭޓާތައް މިނިސްޓްރީ ތަކުން ގެއްލިފަ އެބަހުރި. މިއީ ކަަންބޮޑުވާ ކަމެއް. ދައުލަތުގެ ކޮންމެ ޑޭޓާ އަކީ ވަރަށް މުހިއްމު ފަރުވާތެރިކަމާއި ރައްކާތެރިކަމާއެކު ބެލެހެއްޓެން ޖެހޭ ޑޭޓާ އެއް،" މިނިސްޓަރު މަލީހް ވިދާޅުވި އެވެ.
ސަރުކާރު މުއައްސަސާތަކުގެ އިތުރުން، ޕަބްލިކް ކުންފުނިތަކަށްވެސް ހިދުމަތް ފޯރުކޮށްދެވޭނެ ކަމަށް ކޮމިއުނިކޭޝަންސް މިނިސްޓަރު ވިދާޅުވި އެވެ. އަދި ޕްރައިވެޓް ކުންފުނިތަކުން މި ސެންޓަރުގައި ޑޭޓާ ރައްކާ ކުރަން ބޭނުންވާ ކަމުގައިވަންޏާ އިތުރު ސެންޓަރެއް އެޅުމުގެ ވިސްނުންވެސް ގެންގުޅޭ ކަމަށް ވިދާޅުވި އެވެ.
"ހުޅުމާލޭގަ އިތުރުން މާލޭގަވެސް ޑޭޓާ ސެންޓަރު ފުޅާ ކުރުމުގެ ވިސްނުން އަޅުގަނޑުމެންގެ އެބަހުރި. ޕްރައިވެޓް ސެކްޓާ އާއެއްކޮށް އަޅުގަނޑުމެން ބައްދަލުވުންތަކެއް ބާއްވާނަން،" މަލީހު ވިދާޅުވި އެވެ.