ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
ހަބަރު

ސަރުކާރު މުވައްޒަފުން ގޭގައި މަސައްކަތް ކުރެވޭނެ ޕްލޭނެއް އެކުލާވަލަނީ

Mar 9, 2020
2

ކޮރޯނާ ވައިރަހުގެ ސަބަބުން، ރާއްޖޭގައި މިހާރު އޮތް ހާލަތު ގޯސްވެ، ގައުމީ ކާރިސާއެއްގެ ދަރަޖައަށް ދިޔަ ނަމަވެސް، ސަރުކާރު ހުއްޓުމަކަށް ނައިސް މުވައްޒަފުންނަށް ގޭގައި މަސައްކަތް ކުރެވޭނެ ގޮތެއް ކަނޑައެޅުމާއެކު، ނެޝެނަލް ކޮމިއުނިކޭޝަން އެކްޝަން ޕްލޭންއެއް އެކުލަވާލުމުގެ މަސައްކަތް ކޮމިޔުނިކޭޝަން މިނިސްޓްރީން ފަށައިފި އެވެ.

އެކަމުގެ އަމަލީ މަސައްކަތް ފެށުމަށްޓަކައި އެ މިނިސްޓްރީ އިސްނަގައިގެން މިއަދު ވަނީ އެކި މިނިސްޓްރީތަކާއި އިދާރާތަކުގެ އިންފޮމޭޝަން ޓެކްނޮލޮޖީ (އައިޓީ) ޑިޕާޓްމަންޓުގެ އިސްވެރިންނާ އެކު ބައްދަލުވުމެއް ބާއްވައިފަ އެވެ.

އެ ރަސްމިއްޔާތުގައި، ކޮމިއުނިކޭޝަން މިނިސްޓަރު މަލީހް ޖަމާލް ވިދާޅުވީ އިމަޖެންސީ ނުވަތަ ކާރިސާ ހާލަތެއްގައި ވެސް ގައުމު ހުއްޓުމަކަށް ނައިސް، މަސައްކަތް ކުރެވޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިރުޝާދުގެ ދަށުން ކެބިނެޓުގައި މަޝްވަރާތައް ކުރެވިފައިވާ ކަމަށެވެ.

އެގޮތުން، ސަރުކާރުގެ އޮފީސްގައިގައި ހާޒިރީ ބެލެހެއްޓުމުށް ފިންގާޕްރިންޓް ބޭނުންކުރުމުގެ ބަދަލުގައި ކާޑު ނުވަތަ ޓެގު ބޭނުންކުރަން ފެށުމަށް އަންގާފައިވާ ކަމަށް މަލީހު ހާމަކުރެއްވި އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި، ކާރިސާ ހާލަތެއްގައި ހެލްތު މިނިސްޓްރީ އާއި ޑިޒާސްޓާ މެނޭޖްމަންޓް އޮތޯރިޓީ އަމަލުކުރާނެ ގޮތްތަކެއް ހުރި ނަމަވެސް، އެ ފަދަ ހާލަތެއްގައި އެންސީއައިޓީން އަމަލުކުރާނެ ގޮތުގެ އެކަށީގެންވާ އެސްއޯޕީތަކެއް ނެތް ކަމަށެވެ.

އެގޮތުން، ކޮވިޑް-19 އާ ގުޅިގެން، ދުނިޔޭގެ ސިއްހީ ޖަމިއްޔާގެ ލަފާގެ މަތިން ހެލްތު މިނިސްޓްރީން ހުދާއި ރީނދޫ އަދި ރަތް އެލާޓު ލެވެލުތަކެއް ކަނޑައަޅާފައިވާއިރު، އެއިން ކޮންމެ ހާލަތެއްގައި ރާއްޖޭގައި މުވާސަލާތީ އަދި އައިޓީގެ ގޮތުން އަމަލުކުރާނެ ވަކި ގޮތްތަކެއް ހަމަޖައްސާފައި އޮންނަ ޖެހޭކަމަށް މަލީހު ފާހަގަކުރެއްވި އެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފެކެވެ. އެ ދެ މީހުންނަށް ކޮރޯނާ ވައިރަސް ފެތުރުނީ އެ ތަނުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެމީހާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ.

ކުރެއްދޫ ރިސޯޓަށް އެރުމާއި ފޭބުން މަނާކޮށް އޮރެންޖު އެލާޓް ނެރެފައިވާއިރު އެ ރަށުގައި މި ވަގުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފަކު، ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ވަނީ ގެންގޮސްފަ އެވެ. އަދި، ފޯކައިދޫގައި އިތުރު ނުވަ މީހަކު ވަނީ އެކަހެރިކޮށްފަ އެވެ. އެއީ އެ މުވައްޒަފާ ކޮންޓެކްޓްވި މީހުންނެެވެ. އޭގެ ތެރެއިން އެކަކު ކަރަންޓީނު ކުރުމަށް ދަނީ މަސައްކަތް ކުރަމުންނެވެ.

ފޯކައިދޫއަށް ދިވެހި މުވައްޒަފު ދިޔައީ އޭނާގެ ޗުއްޓީގަ އެވެ. އޭނާ އެ ރަށަށް ދިޔަ ފަހުން ހުން އައިސް ހުރުމުން އޭނާ މީގެކުރިން ބެހެއްޓީ ގޭގައި އެކަހެރިކޮށްފަ އެވެ.

މީގެއިތުރުން ކުރެއްދޫގައި ހުރި އިޓަލީ މީހާ، މާލޭގައި ދެ ދުވަހު މަޑުކުރި ކަމަށް މިއަދު ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އޭނާ މަޑުކޮށްގެން ހުރީ މާގިރި ހޮޓެލްގަ އެވެ.

ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވީ މާގިރި ހޮޓެލްގެ 15 މީހަކާ އެ ޓޫރިސްޓް ކޮންޓެކްޓްވި އެވެ. އެ އެންމެން ވެސް އެކަހެރިކޮށްފައިވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭނާ ކަރަންޓީނުކޮށް ސާންޕަލްތައް މިއަދުގެ ވަގުތެއް ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. އޭނާ ކަރަންޓީނު ކުރަނީ ފަރުކޮޅުފުށީގަ އެވެ.

ދެން ކޮރޯނާ ވައިރަހަށް ރާއްޖޭގައި ޕޮޒިޓްވެފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ޓޫރިސްޓެކެވެ.