ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިންނަވާ އުޅަނދެއްގައި ބޮމެއް ހަރުކޮށް ގޮއްވާލަން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު އުޅުއްވި ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވެފައިވާ ކަމަށް ޑރ. އަފްރާޝިމް އަލީގެ މަރުގެ ތަހުގީގަށް އޭނާ ދެއްވި ބަޔާނުން ހާމަވެއްޖެ އެވެ.
ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލާގައި ރިޔާސީ ކޮމިޝަންއިން ކުރި ތަހުގީގު ރިޕޯޓު ސަރުކާރުން މިއަދު ހާމަކޮށްފައިވާ އިރު އެ ރިޕޯޓުގައި ނާޒިމް އެ ކޮމިޝަނަށް ދިން ބަޔާން ވެސް ވަނީ ހާމަކޮށްފަ އެވެ. ރިޔާސީ ކޮމިޝަނަށް ދިން ބަޔާނުގައި ނާޒިމް ވިދާޅުވީ ރައީސް ނަޝީދުއަށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތް ހެދުމާ ގުޅޭ ވާހަކަތަކެއް އަދީބާއި ރީކޯ މޫސާ މަނިކުގެ ދަނބިދަރިއެއް ކަމަށްވާ އަބްދުﷲ ޖާވިދު ދައްކަމުން ދިޔަ ކަމަށެވެ. އަދި ރައީސް ނަޝީދުގެ ކެންޑިޑެސީ ބާތިލުކޮށްލެވޭނެ ގޮތަކަށް ރާވަމުން ދިޔަ ކަމަށާއި އެކަން ކުރުމަކީ އަބަދުވެސް އަދީބު ދައްކަމުން އަންނަ ވާހަކައެއް ކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ ވާހަކައިގެ ތެރޭގައި އަދީބު ބޮން ހަދާ ހިސާބަށް ވެސް ދިޔަ ކަމަށް ނާޒިމް ވިދާޅުވި އެވެ. އެގޮތުން ރައީސް ނަޝީދު އިންނަވާ އުޅަނދެއްގެ ތެރޭގައި ބޮމެއް ގޮއްވާލައިގެން އެކަން ކުރަން ވެސް ވާހަކަ ދެއްކެވި ކަމަށާއި އެކަން އެނގިގެން
އޭރުގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ސީދާ ފުލުހުންނަށް އެ މައުލޫމާތު ހިއްސާ ކުރެއްވި ކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި ރައީސް ނަޝީދަށް ވެސް އެކަހަލަ ބިރެއް އޮތް ކަމަށް ކާނަލް ނާޒިމް އެމަނިކުފާނަށް ވެސް އެންގެވި ކަމަށް އަހުމަދު ނާޒިމް ދެއްވި ބަޔާނުގައި ވިދާޅުވެފައިވެ އެވެ.
ކުރީގެ މެންބަރު ނާޒިމް ވިދާޅުވި ގޮތުގައި އެ ވާހަކަތައް ދައްކާފައި ވަނީ ޑރ. އަފްރާޝިމްގެ މަރަށް ފަހުގަ އެވެ. އެހެން ނަމަވެސް އެކަން ތަހުގީގަށް ފާހަގަ ކުރާ ސަބަބަކީ އަދީބު އޭރު ހުންނެވީ ކޮންމެ ފަދަ ސަބަބެއް ކުރިމަތި ކުރުވައިގެންނަމަވެސް، ރައީސް ނަޝީދަށް 2013 ގެ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތް ހެދުމަށް ކަމަށާއި އަފްރާޝިމް އަވަހާރަކޮށްލައިގެން އެ މަރުގެ މައްސަލަ ރައީސް ނަޝީދުގެ ބޮލުގައި އަޅުވައިގެން ރައީސް ނަޝީދަށް 2013 ގެ އިންތިހާބުގައި ބައިވެރިނުވެވޭ ގޮތް ހެދުމުގެ މޯޓިވްއެއް އޮތުމަކީ އެކަށީގެންވާ ކަމެއް ކަމަށް ވެސް ނާޒިމްް ވިދާޅުވި އެވެ. އަދީބު އެފަދަ ކަންތައްތަކުގެ ވާހަކަ ކުރީގެ ރައީސް އަބްދުﷲ ޔާމީން ގާތުގައި ދައްކަވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ.
ރައީސް ނަޝީދު ގޮއްވާލަން އަދީބު މަސައްކަތް ކުރެއްވި ކަމަށް ނާޒިމް ވިދާޅުވި އިރު 2015 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ރައީސް ޔާމީން އިންނެވި ފިނިފެންމާ ލޯންޗު ގޮއްވާލި ކަމުގެ ތުހުމަތު ވެސް އަދީބަށްކޮށް އެކަން ސާބިތުވި އެވެ. އެހެން ނަމަވެސް މިހާރު ވަނީ އެ ހުކުމް ބާތިލުކޮށްފަ އެވެ.
މީގެއިތުރުން 2015 ވަނަ އަހަރުގެ މެއި މަހުގައި އެމްޑީޕީ އާއި އަދާލަތު ޕާޓީއިން ބޭއްވި ބޮޑު އެއްވުމުގެ ތެރޭގައި ވެސް ބޮންތަކެއް ގޮއްވާލައި ބަޑި ބޭނުން ކުރަން އަދީބު އުޅުއްވި ކަމަށް ބުނެ ދައުލަތުން ދައުވާ އުފުލާފައިވެ އެވެ. އަދި ބައެއް ސިއްރު ހެކިވެރިން އެ ވާހަކަތައް ޝަރީއަތުގައި ކިޔައިދީފައިވެސްވެ އެވެ.
ރައީސް ނަޝީދު، އަވަހާރަކޮށްލައްވަން އަދީބު އުޅުއްވި ކަމަށް ނާޒިމް ވިދާޅުވެފައިވާއިރު އަދީބަކީ ރައީސް ޔާމީންގެ ސަރުކާރުގައި އެމަނިކުފާނު އެޅުވި ފަންޏެއް ކަމަށް ރައީސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދީބަކީ ރާއްޖޭގައި މިހާތަނަށް ހިނގައިދިޔަ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލާގައި ވެސް އެންމެ ބޮޑަށް ތުހުމަތުވާ ބޭފުޅާ އެވެ. އޭނާ ވަނީ އެ ކުށަށް މިހާރު އިއުތިރާފު ވެސް ވެފަ އެވެ.