މާޒިޔާ

12 އަހަރުން ދަށުގެ ލީގް ޗެމްޕިއަން މާޒިޔާ

ޔޫތު ލީގްގެ 12 އަހަރުން ދަށުގެ ލީގް ޗެމްޕިއަންކަންވެސް މާޒިޔާއިން ހޯދައިފި އެވެ.

މުބާރާތުގެ ޗެމްޕިއަންކަން މާޒިޔާއިން ކަށަވަރު ކުރީ އެންމެ ފަހު މެޗުގައި މިއަދު މޯލްޑިވްސް ސޮކާ މޭޓްސް އެކެޑެމީގެ 12 އަހަރުން ދަށުގެ ޓީމު ބަލި ކުރުމަށް ފަހު އެވެ. މާޒިޔާ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުންވެސް މޮޅު 100 ޕަސަންޓްގެ ރެކޯޑަކާއެކު އެވެ. މުބާރާތުގެ ރަނަރަފް ޓީމަކީ ޓީސީ ފުޓްބޯލް އެކެޑެމީ އެވެ.

މިމިއަދުގެ މެޗު މާޒިޔާއިން ކާމިޔާބު ކުރީ 4-1 ންނެވެ. މާޒިޔާގެ އަނޫފް އަބްދުﷲ އާއި އަބްދުﷲ ރިޒާން މުހައްމަދު ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ޖަހާފަ އެވެ. ސޮކާމޭޓްސްގެ ލަނޑަކީ މާޒިޔާގެ އަހަމްދު ހަމްދު މުހައްމަދު އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މުބާރާތުގެ އެންމެ ގިނަ ގޯލް ޖަހައިގެން ރަން ބޫޓް އެވޯޑް ހޯދީ، މާޒިޔާގެ ރިޒާން އެވެ. އޭނާ ވަނީ މުބާރާތުގައި 14 ލަނޑު ޖަހާފަ އެވެ. މުބާރާތުގެ އެންމެ މޮޅު ގޯލްކީޕަރަކީ މާޒިޔާގެ އައިދީން އަލީ ހަމީދު އެވެ.

މުބާރާތުގެ އެންމެ މޮޅު ނުވަ ކުޅުންތެރިން

  • އީތަން އިބްރާހިމް - ޓީސީ ފުޓްބޯޅަ އެކެޑެމީ
  • އަބްދުﷲ ރިޒާން - މާޒިޔާ ފުޓްބޯލް އެކެޑެމީ
  • މުހައްމަދު އައިހަމް އިބްރާހިމް - ހުޅުމާލޭ ސްޕޯޓްސް ސްކޫލް
  • މުހައްމަދު އިލާން އިމްރާން - ޓީސީ ފުޓްބޯޅަ އެކެޑެމީ
  • ޔޫނުސް ހަލީލް އަބްދުﷲ - މާޒިޔާ
  • ހުސައިން އާއިޝް އަބްދުލް ވާހިދު - ހުޅުމާލޭ ސްޕޯޓްސް ސްކޫލް
  • އަހްމަދު ހަމްދާން އަޒްލީން - ޓީސީ
  • ނަޝޫ އަހްމަދު ޝިހާމް - މާޒިޔާ

އެންމެ މޮޅު ކޯޗަކީ މާޒިޔާގެ މުހައްމަދު އަފީފް އެވެ. ފެއާ ޕްލޭ ޓީމަކީ އީގަލްސް ފުޓްބޯލް އެކެޑެމީ އެވެ. މާޒިޔާއަކީ 14 އަހަރުން ދަށުގެ ޔޫތު ލީގްގެވެސް ޗެމްޕިއަން ޓީމެވެ.