ފަސް ރަށެއްގެ މެޖިސްޓްރޭޓެއްގެ ސުލޫކީ މައްސަލަތަކެއް ބެލުމަށް މިއަދު ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)އިން މިއަދު ނިންމައިފި އެވެ.
ޖޭއެސްސީއިން މިއަދު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ ފ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަބްދުލްލަތީފް ހަމީދާއި ފ. ނިލަންދޫ މެޖިސްޓްރޭޓް ކޯޓުގެ މެޖިސްޓްރޭޓް އަބްދުލްއަޒީޒު މޫސާ އާއި ގއ. ކޮނޑޭ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް މުހައްމަދު އިބްރާހިމާއި ގދ. މަޑަވެލި މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޝާތިރު ހަސަން އަދި ބ. ދަރަވަންދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އަހުމަދު ލަތީފްގެ މައްސަލަތަކެކެވެ.
މި މެޖިސްޓްރޭޓުންގެ އިތުރުން ވެސް ގިނަ މެޖިސްޓްރޭޓުންތަކެއްގެ މައްސަލަތައް މިފަހުން ޖޭއެސްސީއިން ވަނީ ބަލަން ފަށާފަ އެވެ. އޭގެ ތެރެއިން ދެ މެޖިސްޓްރޭޓަކު މަގާމުން ވެސް ވަކިކޮށްފައިވެ އެވެ.
މި ފަސް މެޖިސްޓްރޭޓްގެ މައްސަލަ ބަލަން ނިންމާފައިވާއިރު މިއަދު ޖޭއެސްސީއިން ވަނީ އިތުރު ނިންމުންތަކެއް ވެސް ނިންމާފަ އެވެ.
އެގޮތުން 14 މަޖިސްޓްރޭޓް ކޯޓަކަށް މެޖިސްޓްރޭޓުން ހޯދަން ކުރި އިއުލާނާ ގުޅިގެން އެކަށީގެންވާ މީހުން ކުރިމަތިނުލާތީ އަލުން ފުރުސަތު ހުޅުވާލަން ނިންމި އެވެ.
މީގެއިތުރުން ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ ނިޒާމާއި މާލީ ކަންކަން ހިނގަމުންދާ ގޮތް ބެލެމަށްޓަކައި ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ކޮމިޓީގެ ބެލުމުގެ ދަށުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަންގެ އިންޓާނަލް އޮޑިޓް ޔުނިޓުން ސްޕްރީމް ކޯޓުގެ ސްޓްރެޓީޖިކް އޮޑިޓެއް ކުރުމަށް ވެސް ވަނީ މިއަދު ނިންމާފަ އެވެ.