ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ގެއްލުމެއް ދިނުމަށް ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ނޫޅުއްވާ ކަމަށް އޭނާގެ އާއިލާ އިން ބުނެފި އެވެ.
އަދީބުގެ އާއިލާ އިން މިހެން ބުނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ރައީސް ނަޝީދަށް ބައިވެރިނުވެވޭ ގޮތް ހެދުމަށްޓަކައި އެމަނިކުފާނު އިންނަވާ އުޅަނދެއްގައި ބޮމެއް ގޮއްވާލަން އޭރުގެ ޓޫރިޒަމް މިނިސްޓަރު އަދީބު އުޅުނު ކަމަށް ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު އަހުމަދު ނާޒިމްއާ ހަވާލާދީ އަފްރާޝީމް މަރުގެ މައްސަލާގައި ނެރުނު ރިޕޯޓުގައި ބުނުމުންނެވެ.
އެކަމާ ގުޅިގެން އަދީބު އާއިލާ އިން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ނާޒިމް ދެއްވާފައިވާ ބަޔާނަކީ ސިޔާސީ މަންފާއެއް ހޯދުމަށާއި ސިޔާސީ ގޮތުން ބަދަލު ހިފުމުގެ ރޫހުގައި ދިން ޒިންމާދާރުކަން ކުޑަ އަދި ޒާތީ ތައައްސަބުން ފުރިފައިވާ ބަޔާނެއް ކަމަށެވެ. އެ ބަޔާންތަކުގައި އަދީބުގެ ނަން ބޭނުންކޮށްގެން ދައްކާފައި ހުރީ ދޮގު ވާހަކަތަކެއް ކަމަށާއި އަދީބު ރައީސް ނަޝީދަށް ގެއްލުމެއް ދޭކަށް ނޫޅުއްވާ ކަމަށް އާއިލާ އިން ބުންޏެވެ.
އޭގެ އިތުރުން ރާއްޖެ ޓީވީގައި ރޯކޮށްލި ދުވަހު އަދީބު ރައީސް ޔާމީންގެ ފޯނަށް އެސްއެމްއެސްއެއް ފޮނުވި ކަމަށް ބުނާ ވާހަކައަކީ ވެސް ދޮގެއް ކަމަށާއި އެއީ އަދީބާ މެދު ނަފްރަތު އުފައްދަން ކޮށްފައިވާ ކަމެއް ކަމަށް އާއިލާ އިން ބުންޏެވެ.
"..ކުރިޔަށް އޮތްތަނުގައި ސިޔާސީ މަންފާ ހޯދަން އަދީބުގެ ނަން ބޭނުން ނުކުރުމަށާއި ހުރިހާ މައްސަލަތަކެއްގައި ހުރިހާ ފަރާތްތަކުން ސިޔާސީ ގޮތުން ގުރުބާން ކުރާ ކަންބަޅިއަކަށް އަދީބު ނުހެދުމަށް އާއިލާގެ ފަރާތުން އިލްތިމާސް ކުރަން،" އަދީބު އާއިލާ އިން ބުންޏެވެ.
އަފްރާޝީމް މަރާ ގުޅިގެން ނެރުނު ރިޕޯޓުގައި އެ މަރާ އަދީބާ ގުޅޭ އެއްވެސް ހެއްކެއް ނެތް ކަަމަށް ވަނީ ބުނެފަ އެވެ. ނަމަވެސް އަދީބަށް ތުހުމަތުކޮށްފައި ހުރީ ނާޒިމްގެ ބަޔާނުގައި އަދީބާ ބެހޭ ގޮތުން އެހެން މައްސަލަތަކާ ގުޅުވައިގެ ދައްކާފައި ހުރި ވާހަކަތަކެކެވެ.