ހަބަރު

ލަންކާގެ އާ ސަރުކާރާއެކު އިތުުރު ހަރުފަތަކަށް ގުޅުން ގެންދެވޭނެ

Nov 18, 2019
1

އަވަށްޓެރި ސްރީލަންކާގައި ހަމަޖެހުމާއި ސުލްހަ ގާއިމްވެފައި އޮތުމަކީ ރާއްޖެއަށް ފައިދާ ކުރާނެ ކަމެއް ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ޝާހިދު މިހެން ވިދާޅުވީ ލަންކާގައި ބޭއްވި ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ގޯތަބަޔާ ރާޖަޕަކްސައަށް މަރުހަބާ ދަންނަވައި، ކުރެއްވި ޓްވީޓެއްގަ އެވެ.

ވެރިކަން ބަދަލުވުމުގެ މަރުޙަލާ ރާއްޖެއާއި ލަންކާގައި އަމާން އޮމާންކޮށް ކުރިއަށްދާތީ އުފާ ކުރައްވާކަމަށާއި، އަލަށް އުފެދިގެން އަންނަ އާ ސަރުކާރާއެކު މަސައްކަތްކޮށް، ދެގައުމުގެ ގުޅުންތައް އިތުރު ހަރުފަތަކަށް ގެންދެވުމަށް އުއްމީދު ކުރައްވާކަމަށް ވެސް މިނިސްޓަރު ވިދާޅުވެފައި ވެއެވެ.

ލަންކާގެ ރައީސްކަމަށް އިންތިހާބުވެވަޑައިގަތް ގޯތަބަޔާ ރާޖަޕަކްސައާ މިދިޔަ މެއި މަހު ޝާހިދު ލަންކާއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ ބައްދަލު ކުރައްވާފަ އެވެ.

ތަމަޅަ ޓައިގަރުންނާއެކު ލަންކާ ސަރުކާރުން ކުރި 25 އަހަރުގެ ދާހިލީ ހަނގުރާމަ ނިންމުމަކަށް ގެނައުމުގައި އިސްދައުރެއް އަދާކުރެއްވި ކުރީގެ ޑިފެންސް ސެކްރެޓަރީ ގޮތަބަޔާ ވަނީ ބުޑިސްޓް މެޖޯރިޓީ އޮންނަ ދެކުނުގެ ގިނަ ސަރަހައްދުތައް ކާމިޔާބު ކުރައްވައި، ޖުމްލަ ވޯޓުގެ 52.25 ޕަސަންޓް ހޯއްދަވައިފަ އެވެ.

ގޮތަބަޔައާ އެންމެ ގާތުން ވާދަކުރެއްވި، ހައުސިންގް މިނިސްޓަރު ސަޖިތު ޕްރޭމަދާސާ ވަނީ ބަލި ގަބޫލު ކުރައްވައި، ގޮތަބަޔަ އަށް މަރުހަބާ ވިދާޅުވެފަ އެވެ.

ގާތްގަނޑަކަށް 16 މިލިއަން މީހުނަށް ވޯޓުލުމުގެ ހައްގު ލިބިފައިވާއިރު، އޭގެ ތެރެއިން 80 ޕަސަންޓް މީހުން ވޯޓުލާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވަނީ ލަފާކޮށްފަ އެވެ.