ޑައިވިންއަށް ގޮސް އުޅޭއިރު މީހަކު ޑިކޮމްޕްރެޝަން ސިކްނެސް (ޑީކޯ) ވެއްޖެނަމަ އޭނާއަށް އަވަސް ފަރުވާ ލިބޭނެ ވަސީލަތްތައް ގާއިމުކޮށްފައި ނުވާތީ އެ ކަމުގެ ކަންބޮޑުވުން ފާޅުކޮށް ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިފި އެވެ.
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ހުށަހަޅުއްވާފައިވާ ކުއްލި މައްސަލައަށް މަޖިލީހުގެ މެންބަރުން ބަހުސް ކުރެއްވުމަށް ހުޅުވާލަން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ފާސްކުރީ އެ ކަމަށް ނެގި ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 43 މެންބަރުންގެ އިއްތިފާގުންނެވެ.
މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ޑައިވްކޮށްގެން އެން ހިފަން ދިވެހި މަސްވެރިންނަށް މަޖުބޫރުވެފައިވާއިރު އެން ހިފުމަށް ޑައިވް ކުރާ މީހުން ޑީކޯ ވުމަކީ މިހާރު އާންމުކޮށް ކުރިމަތިވަމުން އަންނަ ނުރައްކާތެރި މައްސަލައެއް ކަމަށެވެ.
ޑީކޯ ވުމުން އެ މީހަކަށް ދޭން ޖެހޭ އަވަސް ފަރުވާ ދެވޭނެ ވަސީލަތެއް މަސްވެރި އަތޮޅުތަކުގައި ގާއިމު ކޮށްފައި ނެތުމުގެ ސަބަބުން ދިވެހި އެތައް މަސްވެރިންގެ ފުރާނަ ގެއްލި އެތައް މަސްވެރިންނެއް ނުކުޅެދޭ ހާލަތަށް ގޮސްފައިވާ ކަން ވެސް ޖާބިރު ފާހަގަ ކުރެއްވި އެވެ.
އެހެން ކަމުން މަސްވެރިންގެ ސަލާމަތާއި ރައްކާތެރި ކަމަށްޓަކައި ކުރަން ޖެހޭ ކަންކަން ފާހަގަކޮށް މަޖިލީހުގައި ތިއްބެވި ރައްޔިތުންގެ މަންދޫބުން ފުޅާ ދާއިރާއެއްގައި ބަހުސް ކުރުމަށް ޖާބިރު އެދިވަޑައިގެންނެވި އެވެ.
ރައްޔިތުންގެ ކަންބޮޑުވުންތައް މެންބަރުން ހާމަ ކުރައްވައި ސަރުކާރުގެ ސަމާލު ކަމަށް އެކަން ގެނައުމަކީ ކުއްލި މައްސަލަ ހުށަހެޅުއްވި މަގްސަދު ކަމުގައި އޭނާ ވިދާޅުވި އެވެ.
ފީނަން އުޅުމުގެ ތެރެއިން މަސްވެރިންގެ އިތުރުން ފަތުރުވެރިން ވެސް ޑީކޯވެފައިވާއިރު، ދޭން ޖެހޭ އަވަސް ފަރުވާ ނުދެވުމުގެ ސަބަބުން މިހާތަނަށް ބައެއް ފަރާތްތަކުގެ ފުރާނަ ވަނީ ގެއްލިފަ އެވެ.