އަފްރާޝީމް ރިޕޯޓް

އަފްރާޝީމްގެ ގަތުލުގައި ޖަވާބު ނުލިބޭ ބޮޑު ސުވާލު!

ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ކުރި ކަމެއް ވިއްޔާ "ލާދީނީ" މީހަކު ލައްވާ ކުރުވީ ކީއްކުރަން؟ ޑރ. އަފްރާޝީމް އަލީގެ މަރުގެ ތަހުގީގާ ގުޅިގެން ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓަށް އިޝާރާތްކޮށް މީހަކު ސުވާލުކޮށްލި އެވެ.

އޭނާގެ ސުވާލު އަމާޒުވީ ދީނީ އިލްމުވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގެ އުނގޫފާރު ދާއިރާގެ މެންބަރު ޑރ. އަފްރާޝީމްގެ އަނިޔާވެރި ގަތުލު މުޅި ގައުމު ސިއްސުވާލިތާ ހަތް އަހަރު ފަހުން ފޮރުވާފައިއޮތް ހަގީގަތްތަކުގެ މައްޗަށް ގޮތް ނޭނގޭ މަރުތައް ބަލަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނުން އެކުލަވާލި 121 ސޮފުހާގެ ރިޕޯޓުގައި މުޅީން ދެކޮޅު ނުޖެހިއޮތް މުހިންމު ނުކުތާއެއްގެ މައްޗަށެވެ.

އެ ރިޕޯޓުގައިވާ ގޮތުން އަފްރާޝީމް އަވަހާރަކޮށްލި މީހުނާއި އެކަން ކުރި ސަބަބު ހޯދަން މަރުގެ ކޮމިޝަނުން ކުރި ތަހުގީގުގައި ނަޒަރު ގެންގުޅެފައި ވަނީ ހަތަރު ކަމެއްގެ މައްޗަށެވެ. އެއް ކަމަކީ އަފްރާޝީމް އަވަހާރަކޮށްލީ އޭރު އިދިކޮޅުގައި ތިބި އެމްޑީޕީގެ ބަޔަކު އަޑީގައި ތިބެގެން ސިޔާސީ މަގްސަދެއް ހާސިލު ކުރާށެވެ. ދެވަނަ ކަމަކީ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ އޭނާ އެވަގުތު ހުންނެވި ޕީޕީއެމްގެ ތެރޭގައި އޮތް ސިޔާސީ ވާދަވެރި ކަމެއްގެ ސަބަބުން ޖެހުނު މައްސަލަތަކުގެ ތެރެއިންނެވެ. ތިން ވަނަ ކަމަކީ އަފްރާޝީމް އަވަހާރަކޮށްލާފައި ވަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރިއަ ނުދިނުމަށްޓަކައި އެ ޕާޓީގެ ބޮލުގައި އޭނާގެ މަރުގެ ތުހުމަތު އެޅުމުގެ ބޭނުމުގައި ސިޔާސީ އެހެން ބައެކެވެ. އަދި ފަހު ކަމެއްގެ ގޮތުން ތަހުގީގު ފޯކަސްކޮށްފައި ވަނީ އަފްރާޝީމް އަވަހާރަކޮށްލީ ދީނީ ގޮތުން އުފެދިފައިވާ ހިޔާލު ތަފާތުވުމެއްގެ ތެރޭގައި ދީނީ ހަރުކަށި ބައެކެވެ.

ކޮމިޝަނުގެ ނިންމުން: ސިޔާސީ އެއް ނޫން ދީނީ

ކޮމިޝަނުގެ ރިޕޯޓަށް ބަލާއިރު، އަފްރާޝީމް އަވަހާރަކޮށްލުމުގައި ސިޔާސީ ބޭނުމެއް ނޫނީ ބައިވެރިވުމެއް އޮތް ކަމުގެ ހެއްކެއް ނެތެވެ. އަދި ދީނީ އެކި ކަންކަމާ ގުޅޭ ގޮތުން އަފްރާޝީމް ދައްކަވާ ވާހަކަތަކާ ގުޅޭ ގޮތުން އިލްމުވެރިންގެ ގިނަަ ބައެއްގެ ހިތުގައި ރުޅިވެރިކަމާއި ނަފްރަތު އުފެދިފައިވާ ކަމަށާއި ހާއްސަކޮށް ރާއްޖޭގެ ނުފޫޒު ގަދަ ދީނީ އިލްމުވެރިންގެ ޖަމާއަތަކުން އަފްރާޝީމް ކުށްވެރިކޮށް ފަތުވާ ނެރެ އޭނާގެ މައްޗަށް ޝިރުކުގެ ބޮޑެތި ތުހުމަތުތައް ކުރުމުން އަފްރާޝީމްގެ ފުރާނަ ނުރައްކަލަށް ހުށަހެޅިފައިވާ ކަމަށެވެ. އެހެންވީމާ، ގިނަ ހެކިންގެ ހެކި ބަހާއި، ތަހުގީގަށް ހޯދުނު ހޯދުންތަކުން އަފްރާޝީމް މަރާލީ ދީނީ ހަރުކަށި ފިކުރު ބައެއް އަޑީގައި ތިބެގެން ރޭވި ހީލަތްތެރި ރޭވުމެއްގެ ތެރެއިންކަމަށް ކޮމިޝަނުން އޮތީ ބުރަވެފަ އެވެ.

އެގޮތުން އަފްރާޝީމް އަވަހާރަކޮށްލުމުގެ މަސައްކަތް އެމްޑީޕީގެ އެކްޓިވިސްޓެއް ކަމަށްވާ ހ. ހިކޯސްޓް އަލީ ޝާން (ސަޓޯ) އާއި ހ. ހިލްޓަން އަޒްލީފް ރައުފްއާ ހަވާލުކޮށްފައި ވަނީ ހަރުކަށި ފިކުރުގެ ޖަމާއަތެއް ރާއްޖޭގައި ހިންގާ މުހައްމަދު މަޒީދު ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އަދި އަފްރާޝީމް ދައްކާ ވާހަކަތަކުގެ ސަބަބުން އޭނާ އަވަހާރަކޮށްލަން ޖެހޭކަން އަޒްލީފް ގަބޫލު ކުރާ ކަމަށާއި އޭނާ މަރާލާނެ ގޮތުގެ ކަންތައް ރާވާ ހިންގުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެފައި ވަނީ އަޒްލީފް އާއި ޝާން ކަމަށް ވެސް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ.

އަޒްލީފް އާއި ހުމާމް އަދި ޝާންގެ އިތުރުން ވެސް އެހެން ބަޔަކު އަފްރާޝީމް އަވަހާރަކޮށްލުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް އެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް އެއީ ކޮން ބައެއްކަން ދެނެގަނެވިފައެއް ނުވެ އެވެ.

އެ ރިޕޯޓަށް ބަލާއިރު، އަފްރާޝީމް އަވަހާރަކޮށްލުމުގައި އަޑީގައިތިބި ހަރުކަށި ފިކުރުގެ ޖަމާއަތްތައް ފެށިގެން އައި ގޮތާއި، އެ ޖަމާއަތްތަކުން ރާއްޖޭގައި ހިންގާފައިވާ ޖަރީމާތަކުގެ ތަފްސީލުތައްވެސް ވަނީ ހިމަނައިފަ އެވެ. ކުރިން ކުރި ސުވާލަށް ބާރުލިބެނީ އެ ޖަމާއަތްތަކުގެ ތާރީހުގެ ސަބަބުންނެވެ. ސަލްޓަން ޕާކުގެ ބޮމުގެ ހާދިސާއިން ފެށިގެން، ހިއްލަތު ރަޝީދަށް ދިން ހަމަލާގެ އިތުރުން ޔާމީން ރަޝީދު މަރާލާފައިވަނީ އެ ޖަމާއަތްތަކުން ކަމަށް އެ ރިޕޯޓުގައި ވަރަށް ސާފުކޮށް ބުނެފައިވެ އެވެ.

އަފްރާޝީމް މަރާލަން އެ ޖަމާއަތުން ނިންމީ އެކި ފޯރަމްތަކުގައި އޭނާ ދައްކަވަމުން ގެންދެވި ޝިރުކުގެ ވާހަކަތަކުގެ ސަބަބުންނެވެ. އެ މީހުން ގަބޫލުކުރާކަމަށް ރިޕޯޓުގައި ބުނީ އަފްރާޝީމް އަވަހާރަކޮށްލި ރޭ ޓީވީއެމްގެ ޕްރޮގްރާމުގައި އޭނާ ސާފު ބަހުން ތައުބާވެފައެއް ނުވެ އެވެ. ރާއްޖޭގައި ޖިހާދީ ފިކުރުގެ އެ ޖަމާއަތް ހިންގުމުގައި އިސްވެ ތިބެނީ ދަފްތަރު ނަންބަރު 471، މުހައްމަދު މަޒީދާއި ތ. އޮމަދޫ އަތިރީގޭ ސާމިތު މުހައްމަދު ކަމަށް ރިޕޯޓުގައިވެ އެވެ.

ރިޕޯޓުގައި ވަނީ 2014 ގެ ރޯދަ މަހުގެ ކުރިން ރާއްޖޭގައި ހައްދުފަހަނަޅާފައި ތިބި މީހުންގެ ގޮތުގައި ތިބީ އަލްގައިދާ ކަމަށެވެ. އެކަމަކު، ރޯދަ މަހުގެ ތެރޭގައި އަބޫބަކުރު އަލްބަޣްދާދީގެ ހަލީފަތު އިއުލާން ކުރުމާ އެކު، ރާއްޖޭގައި އޮތް އަލްގައިދާ ޖަމާއަތުގެ ލީޑަޝިޕް ބައިބައިވި ކަމަށް ރިޕޯޓުގައިވެ އެވެ.

އަދި އެމީހުން ހިންގާ މިޝަނުތަކުގައި ބޭނުންކުރާ ފަތުވާއަކީ ލާދީނީ މީހުނަށާއި، ދީނަށް ފުރައްސާރަ ކުރާ މީހުނަށާއި، ޝިރުކުކުރާ މީހުނަށާއި، ދީން ގަބޫލުނުކޮށް އެއްޖިއްސުން ގުޅުން ހިންގުން ފަދަ ކަންކަމަށް އަރައިގަންނަ މީހުންގެ މައްޗަށް އޮތް ހުކުމަކީ މަރުގެ ހުކުމެވެ. އެފަދަ މީހުނަށް ސަރުކާރުން ފިޔަވަޅު އަޅައި، ނުހުއްޓުވައިފިނަމަ އެކަން ކުރުމަކީ އެ މީހުންގެ ފަރުޟެއްކަމަށް ގަބޫލުކުރާ ކަމަށެވެ.

އެ ފަތުވާއާ އެއްގޮތަށް އަފްރާޝީމް އަވަހާރަކޮށްލުމަށް ރާވައި، ހަރަދުކޮށް އެކަން ކުރަން ހަވާލުކުރީ އަޒްލިފާ އެވެ. އެކަމަކު ސުވާލު އުފައްދަންޖެހެނީ އެ ހިސާބުންނެވެ. ސަބަބަކީ އަޒްލިފާއި ސާމިތު އަދި މަޒީދާ ގުޅިފައިވާގޮތް ކޮމިޝަނުގެ ރިޕޯޓުން ސާފު ނުވާތީ އެވެ. އަޒްލިފަކީ ދީނީ ހަރުކަށި ފިކުރަށް އަނބުރާލާފައިވާ މީހެއްކަމަށް ރިޕޯޓުގައި ބުނެފައިވީ ނަމަވެސް، އޭނާއަކީ ގަވައިދުން ނަމާދަށްވެސް ނުދާ މީހެއްކަމަށް އޭނާއެކު ކިޔަވަން އުޅުނު ބައެއް ދަރިވަރުން އެ ކޮމިޝަނަށް މައުލޫމާތު ދީފައިވެ އެވެ.

ދެކޮޅު ނުޖެހޭ ބައެއް ކަންކަން

ރާއްޖޭގެ އިތުރުން ބޭރުގެ އެކި ގައުމުތަކުގައި ސާމިތާއި މަޒީދު ތަބާވާ ޖަމާއަތްތަކުން ހިންގާފައިވާކަންކަމަކީ އެ މީހުން އަމިއްލައަށް އެ ޖަމާއަތްތަކުގެ ތެރެއިން ކޮށްފައިވާ ކަންކަމެވެ. ރިޕޯޓުގައިވެސް ބުނެފައިވާ ފަދައިން އެ ޖަމާއަތްތަކުގެ ރެކްރޫޓުން ޖިހާދުކުރުމަށް ބޭރަށް ދެވެންދެން، ރާއްޖޭގައި ޖިހާދުކޮށް ސުވަރުގެ ލިބިގަތުމަށް ކުރެވޭނެކަންކަން އެ ޖަމާއަތްތަކުގެ ވެރިން ކުރަމުންދެ އެވެ. އެހެންވީއިރު، އަފްރާޝީމްގެ ގަތުލު ތަފާތުވާ ސަބަބެއް ސާފެއްނުވެ އެވެ. އަފްރާޝީމް ފަދަ ހައި ޕްރޮފައިލް ބޭފުޅެއް ގަތުލުކުރުމުގެ "ފަރުޟު" އަދާކޮށް ސުވަރުގެ ލިބިގަތުމުގެ "ޝަރަފެއް" ނޫނީ ފުރުސަތެއް ކޮންޓްރެކްޓް އުސޫލުން އެ ޖަމާއަތާ ސީދާ ގުޅުމެއްނެތް އަޒްލިފާއި ޝާން އަދި ހާއްސަކޮށް ހުމާމް ފަދަ މީހެއްގެ އަތްމައްޗަށް ދޫކޮށްލަފާނެތޯ އެއީ އުފައްދަންޖެހޭ ސުވާލެކެވެ.

ދެން އޮތީ ހުމާމް ތަކުރާރުކޮށް ބުނަމުންދާ ވާހަކަ އެވެ. އަފްރާޝީމް މަރާލަން އޭނާއަށް ކޮންޓްރެކްޓު ދިނީ އަޒްލިފް މެދުވެރިކޮށް ރީކޯ މޫސާ މަނިކުގެ ދަނބިދަރި އަބްދުﷲ ޖާވިދު (ޖާ) ކަމެވެ. މަރު ކޮމިޝަނާ ފުލުހުން ހިއްސާކޮށްފައިވާ ހުމާމްގެ ތަހުގީގު ބަޔާނުގައި އޮންނަނީ ޖަލަޕީނޯ ތެރެއިން ޖާ އާއި ޖަނާގެ ބޭބެ އާއި ސްޕައި އަދި އަޒްލިފް ރައުފްއާ ބައްދަލުވި ކަމަށެވެ. އަފްރާޝީމް މަރާލަން ހަރަދުކުރާނީ ޖާ ކަމަށް ހުމާމްގެ ގާތުގައި އަޒްލިފް ބުނި ކަމަށް ރިޕޯޓުގައިވެ އެވެ.

"...އަދި މިކަމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރީކޯ މޫސާ މަނިކު ރޭވި ކަމެއް ކަމަށާއި ރީކޯ މޫސާ މަނިކުގެ ފަރާތުން ފައިސާ ލިބޭނެ ކަމަށް ޖާ ބުނި ކަމަށާއި އަދި އެކަަމަށް ބާރު ދިނުމުގެ ގޮތުން އެ ލާރި ހުސެއިން ހުމާމަށް ލިބޭނެ ކަމަށް ޖަނާގެ ބޭބެ ބުނެފައިވާ ކަމަށް އެ ބަޔާނުގައި ހުސެއިން ހުމާމް ބުނެފައިވެ އެވެ،" ފުލުހުންގެ ތަހުގީގާ ހަވާލާދީ މަރު ކޮމިޝަންގެ ރިޕޯޓުގައިވެ އެވެ.

އަދި އެކަމަށް ހަތަރު މިލިއަނާއި ހަ މިލިއަން ރުފިޔާގެ އަދަދެއް ރީކޯ ހަރަދުކުރާނެ ކަމަށާއި، އޭގެ ތެރެއިން އެއް މިލިއަން ރުފިޔާ ހުމާމަށް ދޭނެކަމަށް އަޒްލިފް ޔަގީންކަން ދިން ކަމަށް ކޮމިޝަނަށް އޭނާ ދިން ބަޔާނުގައި ވަނީ ބުނެފަ އެވެ. އެ ތުހުމަތުގައި އެ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ޖާ ހައްޔަރުކުރި އެވެ. ނަމަވެސް، ލާރި ހޯދަން ހުމާމް ޖާ އަށް ކުރި މެސެޖުތަކެއް ފިޔަވައި އެކަމަށް ބާރު ލިބޭ ހެއްކެއް ފުލުހުންނަށް ދެއްކިފައެއްނުވެ އެވެ. އެކަމުގައި ޖާ އާ ގުޅުވޭ އެންމެ ވަރުގަދަ ހެކި ވީތަނެއް ނޭނގި ގެއްލިފައިވާކަމީ ވެސް ޝައްކު އުފެދޭ އަނެއް މައްސަލަ އެވެ.

އޭރު ފުލުހުންގެ އިންޓެލިޖެންސްގައި މަސައްކަތް ކުރި ސުޕްރިންޓެންޑެންޓް އޮފް އިސްމާއިލް ޝަމީމް އާދަމް ކޮމިޝަނުގެ ތަހުގީގަށް ބުނެފައި ވަނީ އަފްރާޝީމްގެ މަރާ ގުޅިގެން ފޯން އިންޓަސެޕްޓް ކުރަމުން ދިޔައިރު، ހަތަރު މިލިއަން ރުފިޔާގެ މުއާމަލާތަކާ ގުޅޭ ވާހަކައެއް ޖާ ދައްކާ އޯޑިއޯއެއް، އިންޓެލިޖެންސްގައި މަސައްކަތް ކުރަމުން ދިޔަ މީހަކު ގެނެސްދިން ކަމަށެވެ. އޭނާ އެ އޯޑިއޯ އަޑު އެހި ކަމަށް ވެސް ކޮމިޝަނުގެ ތަހުގީގުގައި ޝަމީމް ބުންޏެވެ.

ޝަމީމް ބުނެފައިވާ ގޮތުގައި، އެ އޯޑިއޯގައި އެއްކޮޅުން ވާހަކަ ދެއްކީ ޖާ އެވެ. އަނެއްކޮޅުން ވާހަކަ ދެއްކީ ކޮންމެވެސް ވިޔަފާރިވެރިއެއް ކަމަށް ގަބޫލުކުރެވޭ ކަމަށް ޝަމީމްއާ ހަވާލާދީ ތަހުގީގު ރިޕޯޓުގައިވެ އެވެ. އިންޓެލިޖެންސް ޑިޕާޓްމަންޓުގެ މުވައްޒަފަކާ ހަވާލުކުރި އެ އޯޑިއޯ ވީތަނެއް ނޭނގެ އެވެ.

ހަރުކަށި ޖަމާއަތެއްކަން މާ ކުރިން ނިންމާފައި؟

އޭރުގެ ސިޔާސީ މައިދާނުގައި ހަރަކާތްތެރިވަމުންދިޔަ ބަޔަކަށް ތުހުމަތު އަމާޒުވި ނަމަވެސް، އަފްރާޝީމް އަވަހާރަކޮށްލީ ސިޔާސީ މަގުސަދެއްގައި ކަން އެނގޭނެ ހެއްކެއް ނެތް ކަމަށް ކޮމިޝަނުގެ ރިޕޯޓުގައި ވަނީ ބުނެފަ އެވެ. ނަމަވެސް، ހަމަ އެ އުސޫލުން ބަލާނަމަ، އެކަން ރޭވުމުގައި އިސްކޮށް އުޅުނު އަޒްލިފާއި ހަރުކަށި ފިކުރުގެ ޖަމާއަތާއި އޮތް ގުޅުން ވެސް މުޅީން ސާފެއްނުވެ އެވެ. އަޒްލިފް އަކީ ހަރުކަށި ފިކުރަށް އަނބުރާލާފައިވާ މީހެއްކަމަށް ރިޕޯޓުގައި ބުނަނީ، އަފްރާޝީމް އަވަހާރަކޮށްލުމަށްފަހު އަޒްލިފް އާއި އޭނާއާއެކު ކުޑަހެންވެއިރު ގޭންގުގައި އެންމެ ގާތްކޮށް އުޅުނު އިތުރު ދެ މީހަކު ސީރިއާއަށް ގޮސްފައިވާތީ އެވެ. އަދި އަޒްލިފް ކޮލެޖުގައި އެހެން ދަރިވަރުންނަށް ފެންނަ ގޮތަށް ދޭތެރެ ދޭތެރެއިން ބަލަމުންދިޔަ ޖިހާދީ ވީޑިއޯތަކުގެ ވާހަކަވެސް ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ. އެހެނަސް، އަޒްލިފް ސީރިއާއަށް ގޮސް ހަނގުރާމައިގެ ތެރެއިން މަރުވެފައިވާކަމަށް ބުނި ނަމަވެސް، އެކަން އަދި މިހާތަނަށް ކަށަވަރުކުރެވިފައެއްވެސް ނުވެ އެވެ.

ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ގަބޫލު ކުރައްވާ ގޮތުގައި، ކޮމިޝަނުގެ ރިޕޯޓް ފުރިހަމައެއް ނޫނެވެ. އަދި ކޮމިޝަނުން ތަހުގީގުކޮށްފައިވަނީ، ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތްތައް މާކުރިން "ބޮލުގައި ބަހައްޓައިގެން" ކަމަށް އުމަރު ވިދާޅުވެ އެވެ.

"ރިޕޯޓް ކިޔާލުމުން އަޅުގަނޑަށް ވަރަށް ބޮޑަށް ދޭހަވޭ، ވަކި ގޮތަކަށް ވިސްނުން ބަހައްޓައިގެން ހަރުކަށި ފިކުރުގެ ދިމާލަށް ތަހުގީގު ގެންދަން މަސައްކަތްކޮށްފައިވާކަން. އެގޮތަކަށް ނޫން ތަހުގީގު ކުރާނީ. ވަރަށް އޯޕަން މައިންޑަޑްކޮށް، ވަކި ގޮތަކަށް މާ ކުރިން ވިސްނުން ބަހައްޓައިގެނެއް ނޫން އެކަން ކުރާނީ،" އުމަރު ވިދާޅުވި އެވެ.

އެ ރިޕޯޓާ ގުޅިގެން އެހެން ސުވާލެއްވެސް އުމަރު އުފެއްދެވި އެވެ. "އެ ރިޕޯޓުގައި ކޮމިޝަނުގެ ހުރިހާ މެންބަރުން ސޮއި ކުރައްވާފައި ނުވަނީ، ހުރިހާ މެންބަރުން އެއްބަސްނުވާތީތޯ؟،" އުމަރު އެއްސެވި އެވެ.

އުމަރު އިތުރަށް ވިދާޅުވި ގޮތުގައި، އަފްރާޝީމް ގަތުލާއި އޮތް ގުޅުމެއްގެ ވާހަކަ ރިޕޯޓުގައި ނެތް ނަމަވެސް، ޖަމިއްޔަތުލް ސަލަފުގެ ވާހަކަ އެތަކެއް ފަހަރަކު ރިޕޯޓުގައި ބުނެފައިވުމަކީވެސް ސުވާލު އުފައްދަންޖެހޭ މައްސަލަ އެކެވެ. އަދި އެ ރިޕޯޓާ ގުޅިގެން އެންމެ ފުރަތަމަ ކަމަކަށް ސަލަފް އުވާލަން ރައްޔިތުންގެ މަޖިލީހުން މަސައްކަތް ކުރަމުންދާކަމީ އެ ސުވާލަށް ބާރުލިބޭ ކަމެއްގެ ގޮތުގައި އުމަރު ސިފަކުރެއްވި އެވެ.

އުމަރުވެސް އެއްބަސްވެވަޑައިގަންނަވާ ގޮތުގައި، ރިޕޯޓުގައި ތުހުމަތުކޮށްފައިވާ ޖަމިއްޔާތަކުން ރާއްޖޭގައި މީގެ ކުރިން އަދި އޭގެ ފަހުން ވެސް ހިންގާފައިހުރި ހުރިހާ ހަރަކާތްތަކަކީ އެމީހުން ރެކްރޫޓުކޮށްފައިވާ މީހުން ލައްވާ ކޮށްފައިހުރި ކަންކަމެވެ. އަފްރާޝީމް މަރުގެ ޒިންމާވެސް އެއިން އެއްވެސް ޖަމިއްޔާއަކުން ނަގާފައިނުވުމަކީ ވެސް އުމަރު އުފައްދަވާ ސުވާލެކެވެ.

ހިޔާލު ތަފާތުވުންތަކުގެ ނާޖާއިޒު ފައިދާ؟

އެ ރިޕޯޓާ ގުޅިގެން އަވަސް އާ ވާހަކަ ދެއްކެވި ދީނީ އިލްމުވެރިއަކު ނަން ނުޖަހަން އެދި ވިދާޅުވި ގޮތުގައި، އަފްރާޝީމް ދައްކަވާ ބައެއް ވާހަކަތަކުގެ ސަބަބުން އެ ދުވަސްވަރު ހިޔާލު ތަފާތުވުމާއި ހިތްހަމަނުޖެހުން އޮތް ކަމަށެވެ. ނަމަވެސް، އެއްވެސް ދީނީ އިލްމުވެރިއަކު އަފްރާޝީމް އަވަހާރަކޮށްލަން ވިސްނައި ނުދޭނެކަން އޭނާއަށް ކަށަވަރެވެ.

"އަފްރާޝީމާ އެންމެ ބޮޑަށް ހިޔާލު ތަފާތުވީ ގަބުރު ކައިރީގައި ދުއާ ކުރުމާބެހޭ ގޮތުން އޭނާ ވިދާޅުވި ވާހަކައެއް. އެފަދަ ކަމަކާ ގުޅިގެން އޭނާއަށް މަރުގެ ހުކުމް އަންނަންޖެހޭކަމަށް ގަބޫލުކުރާ އިލްމުވެރިއަކު ނުހުންނާނެ،" އޭނާ ވިދާޅުވި އެވެ.

އޭނާ ގަބޫލު ކުރައްވާ ގޮތުގައި، އަފްރާޝީމާއި އެހެން އިލްމުވެރިންނާ ދެމެދު އޮތް ކޯޅުމެއްގެ ނާޖާއިޒު ފައިދާ އެހެން ބަޔަކު ނަގާފައިވާކަމުގެ ފުރުސަތު ބޮޑެވެ.

އުމަރު ވެސް އެކަމަށް އެއްބަސްވެވަޑައިގަންނަވަ އެވެ. ނަމަވެސް، އެއީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތަކުން ކުރި ކަމެކޭ ނޫނީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ކުރުވި ކަމެކޭ ވިދާޅުވާން ދަތިކަމަށް އުމަރު ވިދާޅުވި އެވެ.

"އަޅުގަނޑު ސީދާ ނުދަންނަވާނަން އެއީ ދީނީ ހަރުކަށި ފިކުރުގެ ޖަމާއަތެކޭވެސް. ނޫނީ ސިޔާސީ ބަޔެކޭވެސް. އަޅުގަނޑަށް އެނގޭހާ ވެސް އެއްޗަކީ އެ ރިޕޯޓު ފުރިހަމައެއް ނޫންކަން. އޭގައި، ދީނީ ހަރުކަށި ފިކުރާ ދިމާލަށް ބުރަވެވޭނެ ފަދަ އެއްޗެއް އަޅުގަނޑަކަށް ނުފެނުނު،" އުމަރު ފާހަގަކުރެއްވި އެވެ.